ދެމަފިރިންގެ ދިރިއުޅުން ކާމިޔާބުކުރަން އަނެކާ ބޭނުންވާ ގޮތަށް ދީލައިލުމާ އިޞްލާޙްކުރަން ފުރުޞަތު ދިނުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ދެމަފިރިންގެ ދިރިއުޅުން ކާމިޔާބުކުރަން އަނެކާ ބޭނުންވާ ގޮތަށް ދީލައިލުމާ އިޞްލާޙްކުރަން ފުރުޞަތު ދިނުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

ދިރިއުޅުމުގައި ކަންކަން އަބަދުވެސް ކުރިމަތިވާނެއެވެ. ކުރިމަތިވާ ކޮންމެ ކަމެއް ޙައްލުވާންޖެހޭނީ ތިމާ ބޭނުންވާ ގޮތަށް ކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކާއިއެކުގައި ދިރިއުޅުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެފަދަ މީހެއްގެ ދިރިއުޅުމުގައި އަބަދުވެސް ދާނީ ކުދިކުދި ކަންކަންވެސް ބޮޑެތި މައްސަލަތަކަށްވެ ދެބަސްވާން ޖެހެމުންނެވެ. 

މީގެ އަހަރުތަކެއް ކުރިއަށް ބަލައިފިނަމަ ކައިވެނީގައި 2، 3 އަހަރުވެފައިވާ އެކުވެރިއަކާއި ބައްދަލުވެއްޖެނަމަ ފުރަތަމަވެސް ކުރެވޭނެ އެއް ސުވާލަކީ ދަރިއަކު ނުވަތަ ކިތައް ދަރިން ދެއްވަވައިފިތޯއެވެ؟ 

ނަމަވެސް މިއަދުގެ ޙާލަތުގައި ކައިވެނީގައި 2، 3 އަހަރުވެފައިވާ އެކުވެރިއަކާއި ބައްދަލުވެއްޖެނަމަ ފުރަތަމަވެސް ކުރެވޭނެ އެއް ސުވާލަކީ އަދިވެސް ތިއައުޅެނީ ކުރި ކައިވެނިމަތީގައިތޯއެވެ؟ 

ދެން ނިކަން ވިސްނައިލަބަލާށެވެ! ކައިވެނީގެ ޙަފްލާ ބޮޑުކުރަން ބޮޑެތި ޢަދަދުތަކުން ލޯނު އެބަ ނަގައެވެ. 2 އަހަރު ނުވަތަ އަހަރު ދުވަހުން އަދާކުރާ ގޮތަށެވެ. 6 މަސްނުވަނީސް ކައިވެނި އެބަ ރޫޅެއެވެ. ދެން އަދާކުރަން ޖެހެނީ ރޫޅިފައިވާ ކައިވެންޏެއްގެ ކައިވެނި ހަފްލާއެއްގެ ދަރަންޏެވެ. 

ކައިވެންޏާއިމެދު މިޙަޤީޤަތްތައް ޤަބޫލުކުރަން މިއަދު މިވަނީ ޖެހިފައެވެ. މިކަންކަމަސް ދެކޮޅު ހެދޭކަށް ނެތެވެ. ދެން ވިސްނައިލަންވީ ކައިވެނިތައް އެހާ ފަސޭހައިން ރޫޅެން މެދުވެރިވާ ސަބަބަށެވެ. ތަފާތު ސަބަބުތައް މެދުވެރިވި ނަމަވެސް އެންމެ ޢާންމު ސަބަބު ބުނެލާނަމެވެ. 

އެންމެ ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ޚިޔާލުތަފާތުވާ ކަންކަމުގައި ދޫދޭން ބޭނުންނުވުމެވެ. ޖެހޭ ކުދިކުދި މައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ދޫ ނުދިނުމެވެ. ކޮންމެ ކަމެއްވެސް ކުރެވެންޖެހޭނީ އެމީހާ ބޭނުންވާ ގޮތަށް ކަމަށް ޤަބޫލުކުރެވުމެވެ. 

ކިތަންމެ ބޮޑަށް އެކަކު އަނެކަކު ދެކެ ލޯބިވީނަމަވެސް ހުރިހާ ކަންކަމުގައި ޚިޔާލު އެއްގޮތެއް ނުވާނެއެވެ. ވީމާ ދެމީހުންވެސް އެކަކު އަނެކަކަށް ދޫދޭންވާނެއެވެ. އަނެކާ ބޭނުންވާ ގޮތަށް އިޙްތިރާމްކުރަންވާނެއެވެ. 

ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. ދެމަފިރިން ރެސްޓޯރަންޓަކުން ކާނަމަ އެކަކު ފިލެޓްސްޓޭކެއް ކާން ބޭނުންވެފައި އަނެކަކު ސްޕަގެޓީއެއް ކާން ބޭނުންވުމަކީ މައްސަލައެއް ނޫނެވެ. އެމީހަކު ކާންވީ އެމީހަކަށް މީރު އެއްޗެކެވެ. ނަމަވެސް ގޭގައި ކޮންމެ ފަހަރަކު އަނބިމިހާއަށް ކެއްކިފައި ހުންނާނީ ތިމާއަށް އެންމެ މީރު އެއްޗަކަށް ނުވުމަކީ ދެބަސްވާންޖެހޭނެ ކަމެއް ނޫނެވެ. އަނބިމިހާއަށް މީރު އެއްޗެތިވެސް ކައްކާނެއެވެ. އަދި ކޮންމެ ފަހަރަކު އެންމެ މީރުކޮށްވެސް ނުކެއްކިދާނެއެވެ. 

މިފަދަ ކިތަންމެ މިޘާލުތަކެއް ދެއްކިދާނެއެވެ. ޙައްލަކީ ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް ދޫދީގެން ދިރިއުޅެން މަސައްކަތްކުރުމެވެ. އަދި އަހުރެން ބުނާނީ ދޫދިނުމަކީ ޘަވާބުވެސް ދެއްވަވާނެ ކަމެއް ކަމަށެވެ. އެހެނީ ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ އަޅުކަމެކެވެ. 

އެކަން އެނގެނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރިކުރުން ކަމުގައިވާތީއެވެ. އަދި އިބިލީސް އެންމެ އުފާވާކަމަކީވެސް ވަރިކުރުން ކަމުގައިވާތީއެވެ. ވީމާ ކައިވެނި ދަމަހައްޓަން ކުރެވޭ ކޮންމެ ރަނގަޅުކަމެއް ވެގެންދާނީ ކުރެވޭ އަޅުކަމަކަށެވެ. ދޫދޭ މީހާއަށް ޘަވާބު ދެއްވަވާނެތެވެ. ދޫދޭ ކޮންމެ ފަހަރަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢްލޫމާތު: މުފްތީ މެންކް/ އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން