ކުށެއް ކުރެވުމުން އަނެކާ މާފުކުރިނަމަވެސް ކުރިން ކުރި އިތުބާރު ލިބުމުގެ ފުރުޞަތު ކުޑަވާނެ! ތަކުރާރުކޮށް މާފުކުރަންޖެހޭނަމަ އިތުބާރު ގެއްލިގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކުށެއް ކުރެވުމުން އަނެކާ މާފުކުރިނަމަވެސް ކުރިން ކުރި އިތުބާރު ލިބުމުގެ ފުރުޞަތު ކުޑަވާނެ! ތަކުރާރުކޮށް މާފުކުރަންޖެހޭނަމަ އިތުބާރު ގެއްލިގެންދާނެ!

މާފުއެދުމުން މާފުކުރަންވާނެއެވެ. އަދި ގިނަ ބައަކު މާފުކުރެއެވެ. މާފުނުކުރާނީ މާފުކުރުމުގެ ފައިދާ ނުވިސްނޭ މަދުބައެކެވެ. އެހެންކަމުން މާފަށް އެދުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. މިކަންކަމަށް ޚާއްޞަކޮށް ދެމަފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

އެއްވެސް މީހަކާއިމެދު ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ، ނުވަތަ އެއްވެސް މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދެވިއްޖެނަމަ އަދި މީހެއްގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވުނު ނަމަވެސް އަދި ބަހެއް ބުނެވުނު ނަމަވެސް ފުރަތަމަކަމަކަށް އޮތީ އެމީހެއްގެ ގާތަށް ގޮސް މާފަށް އެދުމެވެ. މާފަށް އެދެން ޖެހެނީ ތިމާއަށް ކުށެއްކުރެވުނީތީއެވެ. 

ބައެއް ފަހަރު ބައެއް މީހުންނަށް ވިސްނޭގޮތުން އަނެކާގެ ކިބައިން މާފަށް އެދުނީމާ ހުރިހާ ކަންކަން އެނިމުނީއެވެ. އޭނާ ތިމާއާއިމެދު ކަންކަން ކުރަންވާނީ ކުރިއެކޭ އެއްފަދައިންނެވެ. 

މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. މާފަށް އެދުމުން މާފުކުރިނަމަވެސް ހިތް އެކުގައި ސާފުކުރަން ވަޤުތުނަގާނެއެވެ. މިޘާލަކަށް މާފަށް އެދުމުން މާފުކުރިނަމަވެސް ކުރިން ކުރަމުން އައި އިތުބާރު ގެއްލިފައިވާނަމަ އެއީ ސްވިޗެއް ޖައްސާލީމާ ބޮކި ދިއްލޭހެން ހިނގާނެ ކަންކަމެއް ނޫނެވެ. އެކަމަށް ވަރަށް ގިނަ ވަޤުތު ނަގައިފާނެއެވެ. 

އެނގޭހެއްޔެވެ؟ ކުރިން ކުރި އިތުބާރު ނުކުރެވި އެތައް އަހަރެއް ފާއިތުވެގެން އެބަ ދެއެވެ. އަދި ބައެއް މީހުން މަރުވެގެންދާއިރުވެސް އެހަނދާންތަކުން ސަލާމަތް ނުވެވި އެބަދެއެވެ. ވީމާ މާފަށް އެދުމުން ހުރިހާ ކަމެއް ނިމުނީކަމަށް ހީނުކުރާށެވެ. މީގެ އިތުރުން ގިނަގިނައިން މާފަށް އެދެން ޖެހުމަކީ މާބޮޑު މައްސަލައެކެވެ. އިތުބާރު އެކުގައި ގެއްލިގެންދާނެ ކަމެކެވެ. 

ވީމާ އަމިއްލަ ޢާއިލާތެރޭގައިވެސް، އެކުވެރިންގެ ތެރޭގައިވެސް، އަދި ޒަވާޖީ ޙަޔާތުގައިވެސް އަނެކާގެ ކިބައިން މާފަށް އެދެންޖެހޭނެ ކަންކަން ނުކުރަން މަސައްކަތްކުރާށެވެ! އަދި ފަހަރެއްގައި އެފަދަ ކަމެއް ކުރެވުނަސް އެއީ ގިނަގިނައިން ތަކުރާރުކުރަންޖެހޭ ކަމަކަށް ނުހަދާށެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން