ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން ކަމަށްވެގެންދަނީ މީސްތަކުން އުޅެން އެންމެ ފައިދާހުރި ގޮތް އިސްލާމްދީނުގައި އަންގަވައިފައި އޮތުމުންނެވެ. އެއިގެ ތެރޭގައި މައިންބަފައިންނަށް ދަރިން އަދާކޮށްދޭންޖެހޭ ޙައްޤުތައްވެސއް ހިމެނެއެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް ވަރަށް މަތިވެރި މަޤާމެއް ވަނީ ދެއްވަވައިފައެވެ. އަދި ޢާއިލެއްގައި އެންމެ އިޙްތިރާމް ކުރަން ޖެހޭނީ މައިންބަފައިން ކަމުގައި ލައްވާފައިވެއެވެ.
މައިންބަފައިންނަށް ކިޔަމަންތެރިވުމަށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ޙަދީޘްތައް އައިސްފައިވެއެވެ. އަދި މައިންބަފައިން މުސްކުޅިވާ ދުވަހު، އެމީހުންނަށް ހެޔޮކޮށް ހިތުމަށް މާތްﷲ އަމުރުކުރައްވާފައެވެ.
މައިންބަފައިންގެ ތެރެއިން މަންމަ އަށް ކަމޭހިތުމަށް އަދި އޯގާތެރިވުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ސަބަބަކީ މަންމަ 9 މަސް ދުވަސް ވަންދެން ރަޙިމުގައި އުފުލާ، ވިހެއުމަށް ފަހުގައިވެސް ކިރު ތުނބުން ވީއްލެންދެން ދަރިފުޅަށް ގާތުން ދީ އަދި ތިމާގެ އެންމެހާ ކަންކަމުގައިވެސް ތިމާގެ އެންމެ އަރިސް މީހެއްކަމުގައި މަންމަ ވިއެވެ.
އެހެންކަމުން މިލިޔުމުގައި މިބަޔާން ކޮށްލަނީ މައިންބަފައިންނަށް ހުރި މަޤާމް ކީރިތި ޤުރްއާނުންނެވެ.
އަޙްޤާފް ސޫރަތުގެ 15 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
· وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾
މާނައީ: "إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ. (15)"
މައިންބަފައިންނަށް ކަމޭހިތުމަކީ ސޯލިހުންގެ ރިވެތި އާދައެކެވެ. އަދި އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެކެވެ. ކީރިތި ޤުރުއާނުގައި މައިނަބްފައިންގެ ދަރަޖަ އާއި އެ މީހުންނަށް އަދަބު އިހްތިރާމު އަދާކުރަންވީ ގޮތް ބަޔާންކޮށްދެއްވާފައި ވެއެވެ.
އިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
· وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾
މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23)
ލުޤްމާން ސޫރަތުގެ 14 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
· وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾
މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14)"
އެހެންކަމުން މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ކަމޭހިތާ، އޯގާތެރިވެ އެމީހުން ހިތުގައި ޖައްސާފަދަ ކަމެއް ނުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން އެބައިމީހުން ދުނިޔެ ދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުއާ ކުރުމާއި އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ގުޅުން ދެމެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.