ދޮގުހަދައިގެން ވަޤުތީ އުފަލެއް ލިބުނަސް ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދޮގުހަދައިގެން ވަޤުތީ އުފަލެއް ލިބުނަސް ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ!

ތިމާއަށް ރަނގަޅު ގޮތް މެދުވެރިވުން އެދިގެން ދޮގުނުބުނާށެވެ! ކޮންމެ މީހަކަށް ނަމަވެސް ރަނގަޅު ގޮތް މެދުވެރިވާނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. 

ބައެއް މީހުން ތިމާމެންނަށް ރަނގަޅު ގޮތްތައް މެދުވެރިވާނެކަމުގެ އުންމީދުގައި ބޮޑެތި ދޮގުތައް ހަދައި ފަތުރައެވެ. ނުބައި މީހުން ރަނގަޅު މީހުން ކަމަށް ދައްކައެވެ. މިހުރީ ކުރެވޭ ބޮޑެތި ފާފަތަކެވެ. ބޮޑެތި މަކަރުވެރިން ނޫނީ އެބާވަތުގެ ކަންކަމެއް ނުކުރާނެއެވެ. 

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ދޮގުނުބުނާށެވެ. އެވަޤުތު އެކަން ޙައްލުވިނަމަވެސް ބޭޒާރުވާނެ ވަޤުތެއް އަންނާނެއެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ. ޢުމުރަށް އިތުބާރު ގެއްލިގެންދާނެއެވެ. އެއިގެ ބަދަލުގައި ތެދަށް ބުނެ މާފަށް އެދުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. 

ދޮގުބުނުން މިއަދު މިވަނީ ވަރަށް ޢާނަމުކަމަކަށްހަދައިފައެވެ. މަކަރާއި ޙީލަތް ހެދުންވެސް މިވަނީ ޢާންމުކޮށް ކުރާ ކަމަކަށް ހަދައިފައެވެ. ކިތަންމެ ގިނަ ބައަކު އެއްވެސް ބިރެއް ނެތި ކުރިނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއްގެ ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެތެވެ. ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް އޮންނާނީ ޙަރާމްކަމެއްގެ ގޮތުގައެވެ. ޙަލާލުކުރައްވަވާފައިވާ ކަންކަން އޮންނާނީ ޙަލާލު ކަންކަމުގެ ގޮތުގައެވެ. 

ދޮގެއް ނުބުނާށެވެ! ދޮގު ބުނެވެން އުޅޭނަމަ ވަޤުތުން އަނގަ ބަންދުކުރާށެވެ. ދައްކަމުންދާ ވާހަކައެއްގެ މެދުތެރެއިން ނަމަވެސްމެއެވެ. މީސްތަކުންގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކަމުން ހުއްޓާލައިފިނަމަ މީހުން ކޮސްފާނެ މަލާމާތަކަށް ނުބަލާށެވެ! މޮޔައެއް ކަމަށް ބެލިނަމަވެސް މައްސަލައެއް ނެތެވެ. 

ތިމާއަށް މިކުރެވެނީ ޙަރާމްކަމެއްކަން ވިސްނޭ ވަޤުތު އެކަން ހުއްޓައިލުމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ އެންމެ މަތީ ދަރަޖައެވެ. ފާފައެއް ކުރެވެމުން ދަނިކޮސް މިކުރެވެނީ ފާފައެއްކަން ވިސްނި ފާފަކުރުން ހުއްޓާލައި ތައުބާވުމުން ދެއްވަވާ މަތިވެރި ދަރަޖަ އެމީހަކަސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ދޮގުހަދައިގެން ފަހަރެއްގައި ވަޤުތީ އުފާވެރިކަމެއް ލިބިދާނެއެވެ. ނަމަވެސް އެއީ ހަމަ ދާދި އަވަހަށް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި ފަހުން ކުރަންޖެހޭނެ ހިތާމަވެސް މާބޮޑުވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން