ކައިވެނިކުރާތަނުން ބައިވެރިޔާ ފޫހިވާންފަށާ މައްސަލައަކީ މިއަދު އެންމެ ބޮޑު އެއް މައްސަލައެވެ. އެންމެ ގިނަ ބައަކު ޝަކުވާކުރާ މައްސަލައެވެ. އެކަން އެހެން ވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކައިވެނީގެ ކުރިން އިސްލާމް ދީން ހުއްދަނުކުރާ މިންވަރަށް ހަށިގަނޑު ދެއްކުމެވެ.
އަބަދު ފެންނަ އެއްޗެއް އެއްވެސް މީހަކަށް ޚާއްޞައެއް ނުވާނެއެވެ. އަބަދު ފެންނަ ތަނެއް ފެނުމަކުން ހިތަށް މާބޮޑު އަސަރެއްވެސް ނުކުރާނެއެވެ. ވީމާ ބައިވެރިޔާގެ ހަށިގަނޑު ކުރިން ފެނިފައިވާނަމަ ކައިވެންޏަށްފަހު ފެނުމުން އޮންނާނީ ކޮން ޚާއްޞަ ކަމެއް ހެއްޔެވެ؟
ހަމަ އެގޮތަށް ކައިވެންޏަސްފަހު ކުރުން ހުއްދަވާ ކަންކަން ކައިވެނީގެ ކުރިން ކުރަމުން އައިނަމަ ކައިވެނިކޮށްގެން ކުރަން އޮންނާނީ ކޮން ޚާއްޞަ ކަމެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި ކައިވެންޏަށްފަހު ގުޅުން ހިންގާނަމަ އެކަމުގައި ޚާއްޞަކަމެއްވާނެއެވެ. ލިބޭ ހިތްހަމަޖެހުން ބޮޑުވާނެއެވެ.
ދެން ބަލައިލަންވީ ނިވާނުވެ އެންމެންނަށް ދައްކައިގެން އުޅޭ މީހުންނަށެވެ. އެފަދަ މީހަކާއި ކައިވެނިކުރެވޭއިރު އޭނާގެ ހުރިހާ ތަނެއް ހުންނާނީ ފެނިބައުވެފައެވެ. އަބަދުފެނި ބައުވެފައިވާ އެއްޗެއް ބަލަން ޝައުޤުވެރިވާނީ ކާކުހެއްޔެވެ؟
އަޢުރަ ނިވާކުރުމަށާއި ބެލުންތައް ތިރިކުރަން ދީނުގައި އެހައި ބޮޑަށް ބާރުއަޅުއްވަވާފައި އޮންނަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ހިތާމައަކީ އަހުރެމެންނަށް ނުވިސްނޭ ކަމެވެ. އޮތީ ވިސްނައި ހޭލުންތެރިވުމެވެ. އެއިރުން ކައިވެނި ރޫޅުމުގެ ފުރުޞަތު ހަމަ ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން