ސައިންސްވެރިން އެދައްކާ ވާހަކަ ދީނާ ގުޅުވުމުން އެނގޭނީ މާޔޫސްކަން ފިލައި ހިތްހަމަޖެހުން ލިބޭނީ ﷲ ހަނދުމަކުރުމުންނާ ޤުރްއާނާ އަޅުކަމުންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ސައިންސްވެރިން އެދައްކާ ވާހަކަ ދީނާ ގުޅުވުމުން އެނގޭނީ މާޔޫސްކަން ފިލައި ހިތްހަމަޖެހުން ލިބޭނީ ﷲ ހަނދުމަކުރުމުންނާ ޤުރްއާނާ އަޅުކަމުންކަން!

ހިތްދަތިކަމުގައި ތިބޭ މީހުންގެ ގާތުގައި ޛިކުރުކުރުން އިތުރުކޮށް އަދި ވީހާ ގިނައިން އަޅުކަންކުރަން ބުނުމުން ބައެއް މީހުންނަށް އެކަމަށް ނުރުހެވި ބަސްތައްވެސް ބުނެވިފައި އެބަހުއްޓެވެ. ތިއަ ދައްކަނީ އަބަދުކުރާ ކަންކަމުގެ ވާހަކަ ނޫންހޭ މިޙާލު މިޖެހުނީވެސް އެކަންކަން ކުރަނިކޮށް ނޫންހޭ ފަދަ ސުވާލުތައްވެސް ކުރެއެވެ. 

އެއީ އެކަމުގެ ޙަޤީޤަތް އެމީހަކަށް ނުވިސްނޭތީއެވެ. އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާ ވަރަކަށް އެމީހަކަށް ކުރިމަތިކުރައްވަވާ އިމްތިޙާނުތައް ވަރުގަދަވާނެކަން ނުވިސްނޭތީއެވެ. އެފަދަ މީހުންނަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރަމެވެ. 

އިންސާނުން ހާސްވެ ކަންބޮޑުވާ ވަޤުތުތަކުގައި ނުވަތަ ހިތާމަތައް ކުރިމަތިވާ ހިނދުގައި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމުން ހިތްހަމަޖެހުން ލިބޭނެކަމަށް އޮތް ބަސްފުޅަށް މިއަދުގެ ސައިންސުގެ ހޯދުންތަކުންވެސް ހެކިލިބިއްޖެއެވެ. 

ސައިންސުގެ ހޯދުންތަކުގެ އަލީގައި ބުނަނީ ހާސްވެ ކަންބޮޑުވުންތައް ކުރިމަތިވުމުން ނުވަތަ ހިތާމައިގެ ވަޤުތުތަކުގައި ސިކުނޑީގެ ދައުރު ހަނިވެ ތިމާއަށް ގެއްލުންހުރިކަމެއް މެދުވެރިވާން އުޅޭކަމަށް ވިސްނައިދޭން ފަށާނެ ކަމަށެވެ. ޙައްލަކީ އެމީހަކު ހިތްހަމަޖެހޭ، އުފާވެރިކަން ލިބޭ ކޮންމެވެސް ކަމެއްކުރުން ކަމަށެވެ. އެއިރުން ސިކުނޑި ހުޅުވި ހާސްކަން ފިލައިގެންދާނެ ކަމަށެވެ. 

މިހޯދުން އަހުރެމެންގެ ދީނާއި ގުޅުވައިލާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޤުރްއާން ކިޔެވުން ފަދަ ކަންކަމަކީ މުސްލިމުން އެންމެ ބޮޑަށް ކުރާހިތްވާ އަދި ކުރަން ބޭނުންވާނެ ކަންކަމެވެ. އަދި އަޅުކަންކުރުންވެސްމެއެވެ. މިކަންކަމުން މުސްލިމުންނަށް އުފާވެރިކަން ލިބޭނެކަމާއިމެދު ބަހުސްކުރުމެއް ނެތެވެ. މާބޮޑަށް ޔަޤީންކަންކަމަށްވާތީއެވެ. 

ވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާހިތްވެގެންހުރެ، ޤުރްއާން ކިޔަވާހިތްވެގެން ހުރެ އަދި އަޅުކަންކުރާހިތްވެގެން ހުރެ އެކަންކަން ކުރުމުން ސިކުނޑި ހުޅުވިގެންދާނެކަމާއި އެކަންކަމުގެ ސަބަބުން އުފާވެރިކަން ލިބޭނެކަން މިއޮތީ ފެންނާށެވެ. 

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

(އައް ރަޢްދް: 28) 

މުސްލިމުން ނޫން މީހުން ދައްކާނީ އުފާ ހޯދަން ދީނުގައި ހުއްދަ ނޫން ކޮންމެވެސް ކަމެއް ކުރުމުން އުފާވެރިކަން ލިބޭނެ ވާހަކައެވެ. މުސްލިމުން ދައްކަންވީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން އުފާވެރިކަން ލިބޭނެ ކަމުގެ ވާހަކައެވެ. އަދި ޙަޤީޤީ އުފާވެރިކަން ލިބުންވަނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުންކަން ޔަޤީނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން