ތިބާ އެމީހަކު ދެކެ ނުހަނު ލޯބިވާ ބައިވެރިޔާ ތިބާ ދޫކޮށްލަން އުޅޭކަން އެނގުނަސް މީހަކު ދީފާނެ ގެއްލުމަކުން ރައްކައުތެރިކަމަށް އެދިގެންވެސް މިދުޢާ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ތިބާ އެމީހަކު ދެކެ ނުހަނު ލޯބިވާ ބައިވެރިޔާ ތިބާ ދޫކޮށްލަން އުޅޭކަން އެނގުނަސް މީހަކު ދީފާނެ ގެއްލުމަކުން ރައްކައުތެރިކަމަށް އެދިގެންވެސް މިދުޢާ ކުރާށެވެ!

ގިނަ ބައަކު އެންމެ ބޮޑަށް ބިރުގަންނާނީ މީހަކު ދީފާނެ ގެއްލުމަކަށެވެ. ކޮށްފާނެ އަނިޔާއަކަށެވެ. އަދި ޙަސަދަވެރިން ދީފާނެ ދެރައަކަށެވެ. ކައިވެނި ރޫޅި ނިކަމެތިކަން ލިބިދާނެކަމަށެވެ. ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހާއާއި ވަކިވާންޖެހޭތީއެވެ. 

އެއްވެސް މީހެއްގެ ކިބައިން އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތްނަމަ އެމީހަކާއިމެދު ކަންބޮޑުނުވާށެވެ! ތިމާ ކުރަންޖެހޭ ކަންކަން ކޮށްނިންމުމަށްފަހު ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އަދި މިފަދައިން ދުޢާކޮށްގެން ނިދާށެވެ! ނިދީންހޭލާއިރު އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގެ ދަށުގައެވެ. މީހަކު ދީފާނެ ގެއްލުމަކަށް ފަސްނުޖެހި ކުރިއަށް ދިއުމުގެ ހިތްވަރު ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ 

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 

މިދުޢާގައި އެކުލެވިގެންވާ މާނައީ ﷲ ތަޢާލާގެ މަތިވެރި ނަންފުޅުން ފަށަމެވެ. އަދި ބިމާއި އުޑުގައިވާހައި ނުބައިކަމަކުން އެންމެ މަތިވެރިވަންތަ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. އަދި ﷲ ތަޢާލާއީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 

މިފަދައިން ދުޢާ ކުރާމީހަކަށް ﷲ ތަޢާލާގެ ރައްކައުތެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ކައިވެނި ރޫޅެން އުޅޭކަމުގެ ބިރު އޮތަސް މިދުޢާކުރަން މިބުނަނީ އެއީ މީހަކުދޭން އުޅޭ އަނިޔާއަކަށްވާނަމަ އެއަނިޔާއިން ސަލާމަތްކަން ދެއްވަވާނެތީއެވެ. މާނައަކީ ފަހަރެއްގައި ކަންދިމާވާ ގޮތަކުން ކައިވެނި ޜޫޅުނަސް އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތީއެވެ. އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ 

ޔަޤީންކުރާށެވެ! ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދިގެން ހުންނަ މީހަކަށް އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. މިދުޢާކުރަންވީ ވަކިކަމަކަށް އޮންނަ ބިރުން ސަލާމަތްވުމަކަށް ނޫނެވެ. އެކަމަކުން ތިމާއަށް ދެރައެއް ނުވަތަ ގެއްލުމެއް ލިބިދާނެހެން ހީވާ ކޮންމެ ކަމަކުން ސަލާމަތްކަމަށް އެދިގެންނެވެ. ކުރިން ބުނިފަދައިން ތިމާކުރަންޖެހޭ ކަންކަންކުރުމަށްފަހު މިދުޢާކުރުމުން އެމީހަކަށް ބޭނުންވާ ހުރިހާ ރައްކައުތެރިކަމެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން