ޙައްޤުމަގު އެނގިތިބެ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުނުކުރާނަމަ އެމީހަކު ވާނީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޙައްޤުމަގު އެނގިތިބެ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުނުކުރާނަމަ އެމީހަކު ވާނީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ މީހަކަށް!

މީހަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ބޮޑު ނިޢުމަތަކީ ހިދާޔަތު ދެއްކެވުމެވެ. ހިދާޔަތު ދައްކަވައިފިނަމަ ގަދައަޅައި މަސައްކަތްކުރަންވީ ޙައްޤު މަގުގައި ޘާބިތުވެ ހުރުމަށެވެ. އެކަން ނުކުރިނަމަ އެމީހަކަށް ވެގެންދާނެ ގޮތް ބުނެދޭން މަސައްކަތްކުރާނަމެވެ.

ﷲ ތައާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގެންވަނީ ޙައްޤު މަގު އެނގިތިބެމެ ކާފިރުވީ މީސްތަކުންނަށެވެ. މިޘާލަކަށް ޔަހޫދީން ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ ރަސޫލުކަން ބަލައި ނުގަތީ ނުއެނގޭތީއެއް ނޫނެވެ. އެމީހުންގެ ފޮތްތަކުން އެކަންކަން އޮތީ އެނގޭށެވެ. ނަމަވެސް ކައު އިތުރު ރަސޫލާ (ﷺ) ރަސޫލުކަމާއިގެން ފޮނުއްވެވުނީ އެމީހުންގެ ތެރެއިން ކަމަށް ނުވުމުންނެވެ.

ﷲ ތަޢާލާގެ ކޯފާ އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ފޮނުއްވެވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިބުނަނީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ﷲ ތަޢާލާ ކޯފާވެވޮޑިގެންފާނެ ވާހަކައެވެ.

މިމޭރުމުން ބުނަން ޖެހޭ ސަބަބަކީ އަހަރެމެންނަކީ މުސްލިމުންކަމުގައިވީތީވެ ޙައްޤު މަގު އަހަރެމެންނަށް އެބަ އެނގެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް އެބަ އެނގެއެވެ. ކީރިތި ޤްރައާނުގެ ޢާޔަތްތައް އެބަ އެނގެއެވެ. ރަސޫލް ﷺ ގެނެސް ދެއްވެވި ކަންތަތައްތައް އެބަ އެނގެއެވެ. އެހެންކަމާއިއެކުވެސް އެކަންކަން އަހަރެމެންގެ ތެރެއިން ބައަކު ޤަބޫލުނުކުރާތީއެވެ. ޤަބޫލު ނުކުރާ ކަމަށް މިބުނަނީ ޤަބޫލު ކުރާ ކަމަށް ދުލުން ބުނި ނަމަވެސް އެކަންކަމަށް އަމަލު ނުކުރާތީއެވެ.

ﷲ ތަޢާލާ އީ ޣަފޫރުއްރަޙީމް އެވެ. އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ހަމަ ކީރިތި ޤްރްއާނުން ﷲ ތަޢާލާ އީ އެންމެ ގަދައަށް ކޯފާވެވޮޑިގަންނަވާ ރަސްކަލާނގެކަން ވެސް އެނގެން އެބަ އޮތެވެ.

ދުޢާއަކީ ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން އަހަރެމެން އެންމެންވެސް ސަލާމަތްކޮށް ދެއްވެވުމެވެ. ނަމަވެސް ސަލާމަތްވާނީ ﷲ ތަޢަލާގެ އެންގެވުންތަކަށް އަހަރެމެން އެންމެން ޢަމަލުކޮށްގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން