އިސްލާމްދީން ބާރުއަޅަނީ ދަރިންދެކެ ލޯބިވުމަށެވެ. ނަމަވެސް ދަރިންނަށް ފައިދާހުރި ގޮތުގައެވެ. މަގުފުރެދި ހަލާކުވެގެންދާނެ ގޮތަށް ލޯބިވާކަށް ދީނަކު ނެތެވެ. ނޫންނަމަ އެކަން ވެގެންދާނީ މައިންބަފައިން ފާފަވެރިވާނެ ކަމަކަށެވެ.
ދަރިންދެކެ ލޯބިވާންޖެހޭނެއެވެ. ނަމަވެސް ކަނުލޯބިވެވިއްޖެނަމަ ދަރިންނަށް އެކަން ވާނީ ދެވޭ ބޮޑުއަނިޔާއަކަށެވެ. މީގެ ތެރެއިންވެސް މިރޭ ފާހަގަކޮށް މިލަނީ އެންމެ ބޮޑު އެއް މައްސަލައެވެ.
އަހަރެންނަށް ރަނގަޅަށް ދަންނަ ޢާއިލާއަކަށް މެދުވެރިވި ކަމެކެވެ. އެކަނި ބޭރަށް ގޮސް އުޅެވޭވަރު ވީންސުރެ ބޭނުންތާކަށް ފޮނުވައެވެ. ޚަރަދުކުރާނެ ފައިސާދެއެވެ. ދަރިފުޅަށް 18 އަހަރު ފުރުމާއިއެކު ކާރެއް ގަނެދިނެވެ. ބޭނުން ވަރަކަށް ޚަރަދުކުރާނެ ފައިސާ ހުރި ކޭޝްކާޑެއް ދީފައި އޮވެއެވެ.
ނަތީޖާ އެނގޭ ހެއްޔެވެ؟ އާދީއްތަ ދުވަހަކު ނޫސް ބަލައިލިއިރު ބޭރުގަނޑުގައި އިނީ ދަރިފުޅުގެ ފޮޓޯއެކެވެ. ގަދަކަމުން އަންހެން ކުއްޖަކަށް ޖިންސީނީ ގޯނާކުރި ބައަކާއިއެކުގައެވެ. ޚަބަރުގައި އޮތީ ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.
ދެން ނިކަން ބުނެބަލާށެވެ! ކުށްވެރިއަކީ ދަރިފުޅު ހެއްޔެވެ؟ މައިންބަފައިން ހެއްޔެވެ؟ ޝަކުވާ ކުރަންވީ ދަރިފުޅާއި ހެއްޔެވެ؟ އަމިއްލަ ނަފުސަށް ހެއްޔެވެ؟ ދަރިންނަށް ވެސް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ ނަރކައިން ސަލާމަތް ވެވޭނެ ގޮތަށް ތަރުބިއްޔަތުކުރުން ކަމުގައި ބުނެވެނި މިފަދަ ސަބަބުތައް ފެންމަތިވަމުން އަނާތީއެވެ.
މިފަދަ މައްސަލަތައް ކުރިމަތިވަނީ ހަމަ އެކަނި ތަނަވަސް މީހުންގެ ދަރިންނަކަށް ނޫނެވެ. އެންމެ އާދައިގެ ފެންވަރުގެ މީހުންގެ ދަރިންނަށްވެސް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އެކުދިން ގުޅިގެން އުޅޭ މީހުންގެ ސަބަބުންވެސް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ތަނަވަސްކަން ލިބިގެން ތިބޭ އެކުވެރިންގެ ސަބަބުންނެވެ. އަދި ރަނގަޅު ނޫން މަގުތަކުން ކުރިއަށްދާ މީހުންނާއި ގުޅިގެން އުޅޭތީއެވެ.
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް އެންމެ ބޮޑު ޒިންމާ އެވެ. އެ ޒިންމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމަ ޖަވާބުދާރީވާންޖެހޭނެ ޒިންމާއެކެވެ. ވީމާ ހުރިހާ މައިން ބަފައިން ވެސް މިފަދަ މައްސަލަތަކަށް ސަމާލުވާން ޖެހޭނެއެވެ!
އެއްވެސް މީހެއްގެ ތަނަވަސްކަމަކީ އެއްވެސް ގަރަންޓީއެއް އޮތް ކަމެއް ނޫނެވެ. މާދަމާ އުޅެންޖެހޭނެ ހާލު ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ މިއަދު ތަނަވަސްކަން ލިބިފައިވީނަމަވެސް މާދަމާ ދިރިއުޅެންޖެހޭނެ ޙާލު ހަމައެކަކަށްވެސް ނުއެނގޭނެއެވެ.
މިކަމުގައި ހުރި ބިރުވެރިކަމުގެ ބޮޑުކަން އެނގޭ ހެއްޔެވެ؟ ދިމާވާ ސަބަބެއްގެ ސަބަބުން ނިކަމެތި ހާލެއްގައި އުޅެން ޖެހިއްޖެ ނަމަ އެކަމުގެ އަސަރު އެންމެ ފުރަތަމަ ފޯރާ އަދި އެންމެ އަވަހަށް މާޔޫސްވެ ގޮތް ހުސްވާ ބައަކީ ކުޑަކުދިންނެވެ. އެކުދިންގެ ބޭނުންތައް ކުރިން ފުދެމުން އައި ގޮތަށް ނުފުދެން ފެށުމުން އެކަމަށް އޮންނަނީ ކެތް ނުކުރެވިފައެވެ. މިފަދަ ހާލަތްތަކުގައި ކުދިންނަށް ކެތް ނުކުރެވިގެން އަމިއްލައަށް ދަންޖެހުމުގެ މައްސަލަތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ.
ބައެއް މައިން ބަފައިން ދަރިންނަށް ކަންކަން ކޮށްދެނީ އެއްވެސް އިމެއް ނެތިއެވެ. އެފަދަ މައިން ބަފައިން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ ދަރިންނަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދިނުމެވެ. އަދި ކޮށްދޭން ޖެހޭނީވެސް އެންމެ ރަނގަޅު ފެންވަރުގައެވެ. ނަތީޖާއަކީ އަބަދުވެސް އެންމެފަހުން ނުކުންނަ އެންމެ އަގުބޮޑު ފޯނު ގަނެދިނުމެވެ. އިންތިހާއަށް ޚަރަދުކޮށްގެން ބޮޑެތި ޕާޓީތައް ބޭއްވުމެވެ. 18 އަހަރު ފުރޭ ދުވަހު ބީއެމްޑަބްލިޔޫ ކާރެއް ގަނެދިނުމެވެ.
ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އެގޮތަށް ކަންތައްތައް ނުކުރާށެވެ! ދަރިންނަށް ބޭނުންވާ ހުރިހާ ކޮށްދީ ކުދިން ހަލާކު ނުކުރާށެވެ! އެއީ ދަރިންނަށް ހެޔޮ އެދުމެއް ނޫނެވެ. ދަރިން ހަލާކުކުރުމެވެ. ދަރިން މަގު ފުރެއްދުމެވެ.
ކިތަންމެ ތަނަވަސް ޢާއިލާއެއް ނަމަވެސް ދަރިން ތަރުބިއްޔަތު ކުރަންވާނީ މެދުމިނުގައެވެ. ކަންކަން ކޮށްދޭން ޖެހޭނީ މެދުމިނަށެވެ. ކުދިން ބޮޑެތިވާވަރަކުން އެދޭ ކަންތައްތައް ގިނަވާނެއެވެ! އެއި ހަމަ އެކަންތައް މެދުވެރިވާނެ ގޮތެވެ. އެހެންކަމާއިއެކުވެސް ކޮށްދޭން ޖެހޭނީ އެދޭ ކަންކަމުގެ ތެރެއިން ކިރިޔަ ފުދޭޥަރަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން