ސުވަރުގެ ވައްދަވާނީ ކޮންމެ 1000 އަކުން އެންމެ އެކަކުކަން އެނގެން އޮތްއިރު އެފުރުޞަތު ގެއްލިދާނެތީ ކަންބޮޑުނުވާ މީހަކަށް ގާތީ ސުވަރުގެ ނުވަދެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ސުވަރުގެ ވައްދަވާނީ ކޮންމެ 1000 އަކުން އެންމެ އެކަކުކަން އެނގެން އޮތްއިރު އެފުރުޞަތު ގެއްލިދާނެތީ ކަންބޮޑުނުވާ މީހަކަށް ގާތީ ސުވަރުގެ ނުވަދެވުން!

ގިނަ ބައެއްގެ ކިބައިން މިއަދު މިފެންނަ މަންޒަރަކީ ކިރިޔާ ހެޔޮ އަމަލެއް ކޮށްލެވޭއިރަށް ތިމާއަށް މިހިރީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވިފައި ކަމަށް ޤަބޫލުކުރެވިގެން އުޅޭތަނެވެ. މިއީ ކޮންގޮތަކުން އެނގޭ ކަމެއްކަން ހަމަޤައިމުވެސް އަހުރެންނަކަށް ނުއެނގެއެވެ.

އެފަދަ މީހުންނަށް ޤަބޫލުކުރެވެނީ ފަރުޟު 5 ނަމާދު ކޮށްލެވުމުން ފުދޭނެ ކަމަށެވެ. ރަވާތިބު ސުންނަތް ނަމާދެއް ކުރަން ނުވެސްޖެހޭނެ ކަމަށެވެ. ދަމުނަމާދެއް އަމުދުން ކުރަން ނުޖެހޭނެ ކަމަށެވެ. ކީރިތި ޤްރްއާން ކިޔެވުމަކީވެސް އަދި ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ ސުވަރުގެ ލިބިދާނެކަމުގެ އުންމީދެއް ކިރިޔާވެސް ލިބެން މިއޮތީ ހާދަ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ވީމާ ސުވަރުގެ ލިބިގަތުމަކީ އެހައި ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް ކަމަށް ހީވެސްނުކުރާށެވެ! ފަރުވާ ކުޑަނުކުރާށެވެ! ކުރެވެން އޮތް ކިތަންމެ ކުޑަ ކަމެއް ނަމަވެސް ނުކޮށް ދޫކޮށް ނުލާށެވެ!

ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާދަމްގެފާނަށް އަމުރުފުޅު ކުރައްވަވާނީ ހުރިހާ މީސްތަކުން ނަރަކައަށް ލެއްވެވުމަށެވެ. ނަރަކައަށް ލައްވަވަންވީ ކިތައް މީހުންތޯ ސުވާލު ދެންނެވުމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާނީ ކޮންމެ 1000 އަކުން 999 މީހުން ކަމަށެވެ.

ރަސޫލް (ﷺ) މި ޙަދީޘް ބަޔާން ކުރެއްވެވުމުން ޞަހާބީންގެ ހަތަރު އުދަރެސް ފެނުގައި ޖެހުނުފަދައެވެ. ފިނިވެ ގަނޑުވިއެވެ. ބިރުފުޅުން ކީރިތި ކުރެއްވެވުނެވެ. އެބޭކަލުންގެ ހާލުކޮޅާއިމެދު ކަންބޮޑުވެވަޑައިގެންނެވިވަރުންނެވެ.

އެބޭކަލުންނަށް ކިރިޔާވެސް އުންމީދެއް ލިބިވަޑައިގަތީ "ތިމަންކަލޭގެފާނުގެ އުންމަތުގެ ދެބައިކުޅަ އެއްބައި މީހުން ސުވަރުގެ ވައްދަވާނެ ކަމަށް އުންމީދު ކުރައްވަވާ" ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުންނެވެ. އެބޭކަލުންނަށް ސުވަރުގެ ވަދެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންފާނެ ކަމުގެ އުންމީދު ލިބިވަޑައިގަތުމުންނެވެ.

މިފަދަ ކޮންމެ ޙަދީޘްފުޅަކާއިއެކު ސުވަރުގެ ލިބިވަޑައިގަންނަވާތޯ ކުރައްވަވާ މަސައްކަތްޕުޅުތައް އިތުރު ކުރެއްވެވިއެވެ. ގިނަކުރެއްވެވިއެވެ. އަދި ފާފައެއް ނުކުރައްވަވަން ހިތްވަރުފުޅު ކުރެއްވެވިއެވެ.

ސުވާލަކީ އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ސުވަރުގެ ހޯދަން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ނަމާދެއް ކޮށްލެވޭތީ ސުވަރުގެ ލިބޭނެކަމަށް ބަލައިގެން ކަންކަން ކޮށްގެން ސުވަރުގެ ހޯދިދާނެހެއްޔެވެ؟ ސުވަރުގެ އެދޭ މީހާ މިކަންކަމަށް ވިސްނައިލުން ވަރަށް މުހިންމު ކަން ޔަޤީނެވެ.

-- ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން

މިއަދު އޮންލައިން