ބައިވެރިޔާ ތެދުވެރިނުވެ ބޭވަފާތެރިވާތީ ކަންބޮޑުވެގެން ކައުންސިލިންގ ހޯދަން އަންނަ މީހުންނާއި އަހުރެން އެންމެ ފުރަތަމަވެސް ކުރާ ސުވާލަކީ ތިބާއަކީ ތިބާގެ ބައިވެރިޔާއަށް ތެދުވެރިއަކީމު ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ގިނަ މީހުންނަށް ބުނެވެނީ ތެދުވެރި ނޫންކަމަށެވެ. ކުށެއް ފަޅާއަރާފައި ނުއޮންނާނެ ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ތިމާ މިހުރީ ތެދުވެރިކަންމަތީގައި ކަމަށް ބުނެވެނީ ވަރަށް މަދު މީހަކަށެވެ.
މިއެނގެނީ ކޮންކަމެއް ހެއްޔެވެ؟ ގިނަ ބައަކު ބައިވެރިޔާއަށް ބޭވަފާތެރިވާކަން ނޫންހެއްޔެވެ؟ އެކަމަކުވެސް ބައިވެރިޔާ ބޭވަފާތެރިވުމުން ކަންބޮޑުވާކަމާއި އަސަރުކުރާކަން ނޫންހެއްޔެވެ؟
ދެން އޮތީ "ފަޅާއަރާފައި ނުވަތަ ބޭޒާރުވެފައި ނުއޮންނާނެ" ކަމަށް ބުނާ މީހުން އެބުނާ ވާހަކައެވެ. މކަން އަހުރެން ވަރަށް ބޮޑަށް ދިރާސާ ކުރީމެވެ. އަހުރެންނަށް އެނގުނު ގޮތުގައި ބައިވެރިޔާ ކިތަންމެ ސިއްރުން ވައްކަންކުރިޔަސް އެކަން އިޙްޞާޞްކުރެވެއެވެ. ހެޔޮލަފާ އަނބިންނަށްވެސް ފިރިންނަށްވެސް އިހްޞާޞްކުރެވެއެވެ. އެހެންވެ ދިރިއުޅުން މަތިން ފޫހިވެ އުޅެން ބޭނުންނުވާ ގޮތްގޮތަށް އުޅެވެނީއެވެ.
އެއްވެސް މީހަކު ނުބައި ގޮތަކަށް އުޅެން ހިތްވަރެއް ނުދޭނަމެވެ. އެއީ އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަމަކު މިމައްސލައިގެ އަޞްލަށް ބަލައިފިނަމަ އޮތް ޙައްލަކީ ދެމަފިރިންވެސް ތެދުވެރިވުމެވެ. ވަފާތެރި ބައިވެރިޔާއަށް ބޭވަފާތެރިނުވެ ރިވެތި ގޮތުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ބައިވެރިޔާ ބޭވަފާތެރިވީމާ ތިމާއަށްކުރާ އަސަރު ތިމާ ބޭވަފާތެރިވީމާ ބައިވެރިޔާއަށްވެސް ކުރާނެކަން ޤަބޫލުކުރުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން