އަނބިންވެސް އަދި ފިރިންވެސް ދަންނާށެވެ! ކައިވެނިކުރުމަށްފަހު އޮތީ ދެމީހުންގެ މައިންފައިންނަށްވެސް ހެޔޮކޮށް ހިތުމެވެ. އެއީ ތިމާގެ މަންމަ ނޫނީ ބައްޕަ ކަމަށް ބުނެ ބަހަނާ ދެއްކުމެއް ނެތެވެ. ކައިވެނިކުރި ހިސާބުން އެވަނީ 2 މަންމައާއި 2 ބައްޕަ ލިބި ހެޔޮކޮށްހިތަން ޖެހިފައެވެ. އެކަން ޖެހޭނީ ޤަބޫލުކުރާށެވެ!
އަނބިމީހާގެ މަންމަ ދަތިޙާލުގައި އުޅޭނަމަ އޭނާއަށް އެހީތެރިވެދޭށޭ ބުނެވިއްޖެނަމަ އެއީ ތިމަންނާގެ ވާޖިބެއް ނޫންކަމަށާއި އެއީ އޭނާގެ ދަރިންގެ ވާޖިބެއްކަމަށް ބުނާ މީހުން އެބައުޅެއެވެ. އެހެންބުނާއިރު ތިމާގެ އަނބިމީހާއަކީ (އަންހެން ދަރިއެއް ނަމަވެސް) އޭނާގެ ދަރިއެއްކަމާއި އެމަންމައާއި ތިމާ އާއި މިހާރު މިވަނީ ގުޅި ލާމެހިފައިކަން ހަނދާނަކު ނުހުރެއެވެ.
ދެވަނަ ކަމަކަށް ހުވަފަތް އަންހެނުންނާއި ޔަތީމުންނަށް އެހީތެރިވެދީ ބެލެހެއްޓުމަކީ ހުރިހާ ދުވަހަކު ރޯދަހިފުމާއި، މުޅި ރޭގަނޑު ހަތަރުދަމު ރޭއަޅުކަންކުރުން ފަދަ މަތިވެރި، ގިނަގުނަ ޘަވާބު ދެއްވަވާ އަޅުކަމެއްކަން ހަނދާނުގައި ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި އެޙަދީޘްފުޅަށް ވިސްނައިލި ނަމަވެސް މުސްކުޅިވެ ނިކަމެތި ޙާލުގައި އިން އަނހެނަކަށް އެހީތެރިވާން ފަސްޖެހެންވީ ސަބަބަކީ ކޮބައިހެއްޔެވެ؟
ވިސްނާށެވެ! އޭނާއަކީ ތިބާގެ ދަރިންގެ މާމައެވެ! ތިބާއަށް ދަރިން ދެއްވަވާފައި އެވަނީ އޭނާގެ ބަނޑުން ވިހެއި ދަރިއެއްގެ ބަނޑުންނެވެ. ވީމާ އެވަރުންވެސް ތިބާ އާއި އޭނާ އާއި ހުރި ގުޅުން ނުވިސްނެނީނަމަ އެއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ.
އާނއެކެވެ! ތިބާގެ މައިދައިތަގެ ކަންކަން ބެލެހެއްޓުމަކީ އޭނާގެ ފިރިހެންދަރިންގެ މައްޗަށް އޮތް ބޮޑު ވާޖިބެކެވެ. އެހެންކަމާއިއެކުވެސް އެދަރިން އެހީތެރިވެނުދޭނަމަ އެމަންމަ ކުރާނީ ކީއްހެއްޔެވެ؟ ބުނަންހެއްޔެވެ؟ ތިބާގެ މައިދައިތަ، (އަނބިމީހާގެ މަންމަ) ބަލަހައްޓައި އެހީތެރިވުމުގެ ފުރުޞަތު ތިބާއަށް ލިބިއްޖެނަމަ އަމިއްލަ މައިމީހާގެ ކަންކަން ބަލަހައްޓައިދޭ އުޞޫލުން ވީހައި ރަނގަޅަކަށް ބަލަހައްޓައި އޭނާއަށް އެހީތެރިވެދޭށެވެ! އެއީ އެކަމުގެ ސަބަބުން ލިބެން އޮތް އެތައް ބައިވަރު ޘަވާބު ލިބިގަންނަން ﷲ ތަޢާލާ ތިބާއަށް ދެއްވަވާ މަތިވެރި ފުރުޞަތެކެވެ. ނަމަނަމަ އެފުރުޞަތު ނަގައިނުލާށެވެ!
އެއްލަކަ ޑޮލަރުދީފިނަމަ އަހަރު ދުވަހުން އެއް މިލިއަން ޑޮލަރު ދޭނެ ކަމަށް މީހަކު ބުނެފިނަމަ ހަރުމުދައު ވިއްކާފައިވެސް އެއްލައްކަ ޑޮލަރު ހޯދައިގެން އެ އެއްމިލިއަން ޑޮލަރު ހޯދަން މަސައްކަތްކުރާނެއެވެ. ނަމަވެސް އެކަމެއް ކުރުމުން ﷲ ތަޢާލާގެ ޙަޟްރަތުން އެތައް މިލިއަން ޘަވާބެއް ލިބެން ހުންނަ ކުދިކުދި ކަންކަންވެސް ނުކޮށް ދޫކޮށްލެވެނީއެވެ. އެެހންކަމަށްވާނަމަ ސުވަރުގެ ހޯދަން އަހުރެމެންގެ ކިބައިގައި އޮތް ޝައުޤުވެރިކަމަކީ ކޮބައިހެއްޔެވެ؟
މިދެއްކީ ވަރަށް އަގުހުރި، ޢަމަލުކޮށްފި މީހަކަށް ވަރަށް ބޮޑަށް ފައިޑާކުރާނެ ކަމެއްގެ ޥާހަކައެވެ. ވިސްނައި ޢަމަލުކުރާނެ ކަމަށް އުންމީދުކުރަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން