މިހާރަކަށް އައިސް ދެއަންތބަސް ކައިވެނިކުރުމަށްފަހު އެކަކު ބާކީކުރުމުގެ މައްސަލަތައް އަންނަނީ ބޮޑުވަމުންނެވެ. އެއްބައަކު ހަގު އަނބިދެކެ މާބޮޑަށް ލޯބިވެ ދޮށީ އަނބި ބާކީކޮށްލަނީއެވެ. އަނެއްބައަކު ދޮށީއަނބީގެ ނުފޫޒުގައި ޖެހި ހަގު އަނބި ބާކީކޮށްލަނީއެވެ.
މިދެގޮތަކީވެސް ހުއްދަ ގޮތެއް ނޫނެވެ. ދެއަނބިންގެ މެދުގައި ހަމަހަމަ ނުކުރެވޭނެ ނަމަ ދެވަނަ އަންބަކު ހޯދުން ހުއްދައެއް ނޫނެވެ. އޮތީ އެކަކާއިއެކު އުޅުމެވެ. ސުންނަތަކަށްވީތީ ގިނަ އަނބިން ހޯދައި ޙައްޤުތައް ހަމަހަމައަށް އަދާނުކުރާނަމަ އެކުރެވެނީ ބޮޑު ފާފައެކެވެ. ގިނަ އަނބިން ހޯދުމަކީ ކުރަން މަޖުބޫރު ކަމެއް ނޫނެވެ.
ދާދިފަހުން އަހުރެނާއި ބައްދަލުކުރި ފިރިހެނަކު ބުނީ އޭނާގެ 2 އަނބިން އެބަތިބިކަމަށާއި ދޮށީ އަނބިމީހާގެ ނުފޫޒު ގަދަކަމުން ހަގު އަންތބަށް އިހްމާލުވެވޭ ކަމަށެވެ. ދޮށީ އަނބިމީހާ ނުރުހޭތީ ހަގު އަންތބާއިއެކު ރޭކުރެވެނީވެސް ވަރަށް މަދުން ކަމަށެވެ.
އަހުރެން ބުނީމެވެ. "ހަމަހަމަކަމާއިއެކު ރޭނުކޮށް އެކަކާއިއެކު ގިނައިން ރޭކުރާނަމަ ތިބާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ. ތިބާ ތިބާގެ ބޭނުންތައް އެބަފުއްދައެވެ. އަނެކާގެ މައްޗަށް ރަޙުމެއް ނެތެވެ. އެހެންވީމާ ތިބާ 3 ފާފަ އެބަ ލިބިގަންނަމުއެވެ. ފުރަތަމަ ފާފައަކީ ދެއަނބިން ހަމަހަމަ ނުކުރުމުގެ ފާފައެވެ. ދެވަނަ ފާފައަކީ އަމިއްލަ އެދުން ބޮޑުކަމުގެ ފާފައެވެ. ތިންވަނަ ފާފައަކީ އަނެކާއަށް އަދާކުރުން ވާޖިބުވާ ޙައްޤެއް އަދާނުކުރުމުގެ ފާފައެވެ. ވީމާ ޤިޔާމަތް ދުވަހު މިކަންކަމަށް ކުރިމަތިލާންޖެހޭނެ ކަމަށް ބިރުވެތިވެގެން ހުންނާށެވެ."
އޭނާއަށް ހެޔޮ ވިސްނުން ލިބުނެވެ. ދެއަނބިންގެ މެދުގައި ހަމަކުރަން ފެށިއެވެ. އަހުރެންގެ އިލްތިމާސަކީ ދެއަނބިން ހަމަކުރާނަމަ މިބުނި ކަންކަމަށް ރަނގަޅަށް ވިސްނައި ފާފަވެރިނުވާނެ ގޮތަށް ޢަމަލުކުރެވޭނެ ކަމުގެ ޔަޤީންކަން ނެތްނަމަ އިތުރު އަނބިން ނުހޯދުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން