ތިބާ އެދޭ މީހާ ބައިވެރިއަކަށް ނުދެއްވަވައިފިނަމަ ޔަޤީންކުރަންވީ ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާކަމާ ތިބާގެ ހިތަށް ލިބެން އޮތް އަނިޔާތަކުން ސަލާމަތްކުރައްވަވަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ތިބާ އެދޭ މީހާ ބައިވެރިއަކަށް ނުދެއްވަވައިފިނަމަ ޔަޤީންކުރަންވީ ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާކަމާ ތިބާގެ ހިތަށް ލިބެން އޮތް އަނިޔާތަކުން ސަލާމަތްކުރައްވަވަންކަން!

ކިތަންމެ ބޮޑަސް ލޯބިވާ މީހަކާއި ނަމަވެސް ކައިވެނި ނުކުރެވިއްޖެނަމަ އުފާކުރާށެވެ. އެއީ ލައްވަވާ ވަރަށް ބޮޑު ނަޞީބެކެވެ. އަދި ތިމާ ލޯބިވާ މީހާ ކައިވެނިކުރުން ލަސްކުރާނަމަ ބުނެލަން އޮތީ އެމީހާ ތިބާދެކެ ލޯބިވާނަމަ ކައިވެނިކުރަން ފަސްޖެހޭކަށް ނުޖެހޭނެއެވެ. ބަލާނީ ވީހާއަވަހަކަށް ކައިވެނިކުރެވޭތޯއެވެ. 

ކަންކަމަށް އެދި ދުޢާކުރުމުން ބައެއް ކަންކަން ހިންމަވައި ނުދެއްވަވަތެވެ. ކިތަންމެ ވަރަކަށް ރޮއެ އާދޭސް ދެންނެވުމުންވެސްމެއެވެ. އަދި ނުދެއްވެވުމާއި ގުޅިގެން ބުނެގެން ނުވާނެ ބަސްތައް ބުނާއިރުވެސްމެއެވެ. އެއީ ކީއްވެގެން ކަމާއިމެދު ވިސްނަންވާނެއެވެ. 

އެކަމުގެ ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ތުއްތު ދަރިއަކު ތޫނު ވަޅިއެއް ބޭނުންވެގެން ކިތަންމެ ވަރަކަށް ރުއި ނަމަވެސް ދަރިފުޅު ދެކެ ލޯބިވާ މައަކު އަދި ބަފައަކުވެސް އެކުއްޖާގެ އަތަށް ވަޅިއެއް ނުދޭނެއެވެ. އެއީ އެވަޅީން އެކުއްޖާ ކޮށްފާނެ ކަމަކަށް ބިރުންނެވެ. އަމިއްލައަށް ލިބިގެންފާނެ އަނިޔާއަކަށް ބިރުންނެވެ. ދަރިފުޅުދެކެ ލޯބިވާވަރުންނެވެ. ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބުމަށް ބޭނުންނުވާތީއެވެ. 

އަހަރެމެން އެގޮތަށް އެކަންކުރާއިރު ދަރިފުޅު އަތަށް ވަޅި ދިނުމުން އަނިޔާ ލިބިދާނެ އަމަލެއް ދަރިފުޅު ކޮށްފާނެ ކަމާއިމެދު ކުރަނީ ޝައްކެވެ. ޔަޤީނެއް ނުކުރެވޭނެއެވެ. އެވަރުންވެސް ދޭން ބޭނުންނުވަނީއެވެ. އަދި ދަރިފުޅު ރޯނަމަ ހުއްޓުވަން އެހެން ކޮންމެވެސް އެއްޗެއް ދެނީއެވެ. 

ދެން ވިސްނައިލަންވީ ﷲ ތަޢާލާ އާއިމެދުގައެވެ. ތިބާ އެދުނު ކަންތައް އެދުނު ގޮތަށް ހިންމަވައިދެއްވެވުމުން ތިބާ ޢަމަލުކުރާނެ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެކަމަކުން ތިބާއަށް ލިބޭނީ ގެއްލުންކަން އެނގިވޮޑިގަންނަވާތީ ތިބާ އެދުނުކަންތައް އެދުނު ގޮތަށް ފުއްދަވައި ނުދެއްވަވަނީއެވެ. އަދި ބަދަލުގައި ކޮންމެވެސް އެހެން ކަމެއް މިންވަރުކުރައްވަވަނީއެވެ. 

އެންމެ ގިނައިން ޝަކުވާ ލިބޭ އެއްކަމަކީ މައިންބަފައިން ހުރަސްއަޅާތީ ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން ލޯބިވެރިޔާ އާއި ކައިވެނި ނުކުރެވޭ މައްސަލައެވެ. ނުވަތަ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނިކުރިކަމުގެ ޝަކުވާއެވެ. ލޯބިވެރިޔާ ލިބުން އެދި ދުޢާކުރުމުން ވެސް ނުލިބުނު މައްސަލައެވެ. 

އެފަދަ މެސެޖުތައް ލިބުމުން އަހަރެންގެ ހިތަށް އަރަނީ ކުރިން ބުނި ވަޅީގެ މިސާލެވެ. އެނުލިބުނީ ތިބާގެ ހިތް ކުދިކުދިކޮށް ކޮށާނެ ވަޅިއަކަށްވެދާނެއެވެ. ﷲ ތަޢާލާ ތިބާގެ ހިތަށް އެ ބޮޑު އަނިޔާ ލިބުމުން ސަލާމަތްކުރައްވަވައި ދެއްވެވީއެވެ! އެއީ ތިބާދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އެކަން އެގޮތަށް ޤަބޫލުކުރުމުން ހިތްހަމަނުޖެހި، މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

ދުނިޔޭގައި އެދޭ ކަންކަން ޙާޞިލުނުވެގެން ކަންބޮޑުނުވާށެވެ! ތިބާއަށް ސުވަރުގެ ވަދެވިއްޖެނަމަ އޮންނާނީ ބޭނުންވާ ކަމެއް ހިތަށް އަރުވައިލުމެވެ. ހިތަށް އަރުވައިލާއިރަށް ވަގުތުން ދެއްވަވާނެތެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން