ފުރިހަމަ ޞިއްހަތުގަ ހުރެ ކައިވެނިނުކޮށް ހުރުމަކީ ޞިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ފުރިހަމަ ޞިއްހަތުގަ ހުރެ ކައިވެނިނުކޮށް ހުރުމަކީ ޞިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެއް!

ތިމާ ލޯބިވާ ނުލިބުމުން، ކުރި ކައިވެނީގަ ލިބުނު މާޔޫސްކަމުން، ފަދަ ކަންކަން މެދުވެރިވުމުން އިތުރަށް ކައިވެނި ނުކުރަން ނިންމައި އެކަނި ތިބޭ މީހުންނަށް އެކުރެވެނީ ރަނގަޅު ކަމެއް ނޫނެވެ. ދިރާސާތަކުންނާއި ސައިންސުގެ ހޯދުންތަކުން އެނގޭ ގޮތުގައި ކައިވެނިކުރަން ޞިއްޙަތު ތަންދޭ މީހުން ކައިވެނިނުކޮށް ތިބުމަކީ ޞިއްޙަތަށް ބޮޑެތި ގެއްލުންތައް ލިބޭކަމެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އަންހެނުންނަށް ލިބޭ ގެއްލުން ބޮޑުވެގެންދެއެވެ. އެއިގެ ތެރޭގައި ބޮޑެތި ބަލިތައް ޖެހުންވެސް ހިމެނެއެވެ.  

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނިކުރުމަށް އަވަސްވެގަތުމަށް ދީނުގައި އޮތް އޮތުމަކީ ޢަމަލުކުރަންޖެހޭނެ ކަމެކަމެވެ. އެކަން އެގޮތަށް ލައްވަވާފައި އެވަނީ މީސްތަކުންނަށް އެކަމުން ފައިދާކުރާނެތީ ކަމެވެ.  

ކޮންމެ އަނެހަނަކަށްވެސް އަދި ފިރިހެނަކަށްވެސް ކައިވެނިނުކޮށް އެކަނި ހުރުން އެމީހަކު ބޭނުން ނަމަ އިޚްތިޔާރުކުރެވިދާނެއެވެ. ކައިވެނި ނުކުރުމަކީ ޙާލަތު ނިޔާ ގޮތަކުން އެމީހަކު އަމިއްލައަށް ނިންމާ ނިންމުމެކެވެ. އެނިންމުން ކުށްވެރިނުކުރާށެވެ. ދެރަބަސްވެސް ނުބުނާށެވެ. ތަޤްވާވެރިކަންމަތީގައި އޭނާ ހުންނަނަމަ ކައިވެނިކުރަން މަޖުބޫރުވެސް ނުކުރުވާށެވެ. ނަމަވެސް ވިސްނައިދީ ކައިވެނިކުރަން ހިތްވަރުދޭށެވެ. މިބަޔާންކުރި ސަބަބުތައް ބުނެދޭށެވެ.  

ތަކުރާރުކޮށްލާނަމެވެ! ކައިވެނި ނުކޮށް ހުންނަންވާނީ ކައިވެނިކޮށްގެން ނޫނީ ކުރުން ހުއްދަ ނޫން ކަންކަމަށް އަރައިނުގަނެ ހުރެވޭނެ ނަމައެވެ. ނޫންނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ. ފާފަވެރިވުމުގެ އިތުރުން ކުރިން މިބުނި ފަދައިން ޞިއްޙީ މައްސަލަތައް ކުރިމަތިވާތީއެވެ.  

އަހުރެން ބުނަން ބޭނުންވަނީ ކައިވެނިކުރާނަމަ ކުރަންވާނީ ދުވަސްކޮޅަކު ދެމީޙުން އެކުގައި އުޅުމުގެ ނިޔަތަކު ނޫނެވެ. ނިޔަތް އޮންނަން ޖެހޭނީ ޢުމުރަށް އެކުގައި ހޭދަކުރުމަށެވެ. ކައިވެނިކޮށްފިނަމަ އެކަމަށް ދެމީހުންވެސް މަސައްކަތްކުރަންވާނެއެވެ.  

އަހުރެން ބުނާނީ ހެޔޮލަފާ މީހުން ކައިވެނިކޮށް ހެޔޮލަފާ ދިރިއުޅުމެއް ދިރިއުޅޭށެވެ. ލިބޭ ދަރިންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި ގެންގުޅެ ބޮޑުކުރާށެވެ. މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ.  

ﷲ ތައާލާ އާދަމްގެފާނު އުފައްދަވައި ސުވަރުގޭގައި ލެއްވެވުމަށްފަހު ޙައްވާގެފާނު އުފައްދަވައި ދެކަނބަލުން އެކުގައި ސުވަރުގޭގައި ލެއްވެވިކަން އެއީ ޙާޞިލްކުރަން އޮތް ފިލާވަޅެވެ. އާދަމްގެފާނަށް ބޭނުންފުޅުވާ ހުރިހާ ކަންކަން ސުވަރުގެއިން ލިބިވަޑައިގަންނަވާނެއިރު ޙައްވާގެފާނު އެކުގައި ލެއްވެވީ ފިރިހެނުންނަކީވެސް އަންހެނުންނަކީވެސް ދުނިޔޭގައި ގުޅިގެން އެކުގައި އުޅެންޖެހޭނެ ބައެއް ކަމާއި ފިރިހެނުންނަށް އަންހެނުން (އަނބިން) އަދި އަންހެނުން ފިރިހެނުން (ފިރިން) ބޭނުންވާނެކަން ބަޔާންކުރެއްވެވުމަށެވެ. – މޮޅަށް ދެނެވޮޑިގެންވަނީ ﷲ  

ދިރިއުޅުމުގައި ކޮންމެ މީހަކަށް ކުރިމަތިވާނީ އެއްބާވަތުގެ ކަންކަމެއް ނޫނެވެ. ވީމާ ކުރިމަތިވާ ކަމެއްގެ ގޮތުން ދުނިޔޭގައި އުޅެން އޮތް ނިޒާމާއި ދެކެކޮނުވާށެވެ. އެއީ ތިމާއަށް އެވަޤުތު ކުރެވުނު ނުރަނގަޅު ތަޖުރިބާއެއްކަމަށް ޤަބޫލުކޮށް ފައިދާހުރި ގޮތުގައި މުސްތަޤްބަލް އާރާސްތުކުރަން މަސައްކަތްކުރާށެވެ. އެކަން ރަނގަޅު ގޮތުގައި ކުރެވޭނީ ކައިވެނިކޮށް ކައިވެނިމަތީގައި ދިރިއުޅެން މަސައްކަތްކުރުމުންނެވެ.  

ކައިވެނިކުރުމުގެ ޤާބިލްކަން ހުރިނަމަ އަވަހަށް ކައިވެނިކުރަން ދީނުގައި ބާރުއަޅުއްވަވާފައިވަނީ މިސަބަބުތަކަށްޓަކައެވެ. ކޮންމެ ކަމެއްގައި ވެސް ދީނުގައި އޮންނަ ގޮތް އެއީ އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ގޮތްކަމަށް ޔަޤީންކުރާށެވެ. އެއަށްވުރެ މޮޅު ގޮތެއް ނުފެންނާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން