މައިންބަފައިންނާ އަނބިދަރިން ބަލިވެއްޖެނަމަ އިހްމާލުނުވެ ވީހާ އަވަހަކަށް ފަރުވާ ހޯދައިދޭން މަސައްކަތްކުރުމަކީ ވާޖިބެއް! ފަރުވާތެރިވީމާ ޘަވާބު ދެއްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މައިންބަފައިންނާ އަނބިދަރިން ބަލިވެއްޖެނަމަ އިހްމާލުނުވެ ވީހާ އަވަހަކަށް ފަރުވާ ހޯދައިދޭން މަސައްކަތްކުރުމަކީ ވާޖިބެއް! ފަރުވާތެރިވީމާ ޘަވާބު ދެއްވަވާނެ ކަމެއް!

ފުރަތަމަ ކަމަކީ ބަލިވެއްޖެނަމަ ފަރުވާ ހޯދަން އަވަސްވެ ނުގެންފިނަމަ އަޅާ ވޭނުގެ އިތުރުން ފަހުން ކުރަންޖެހޭ ޚަރަދުވެސް އެތައް ގުނައަކަށް ބޮޑުވެ އުފުލަންޖެހޭ ތަކްލީފްވެސް ބޮޑުވެގެންދެއެވެ. ފަރުވާ ލިބުން ލަސްވުމުން ވޭންއަލަމުންދާނަމަ ކުރާ އަސަރު އެނގޭނީ އެމީހަކަށް އެކަމެއް ޖެހުމުންނެވެ.  

އަހުރެމެންގެ މިހާރުގެ ކަންކަން ހުރި ގޮތުން އަނބިން، ދަރިން، މައިން ބަފައިން އަދި އެނޫންވެސް ދަތިޙާލެއްގައިވާ މީހަކަށް އެހީތެރިވެދިނުން ހަދަނީ ހަމަޖެހިލައިގެން ވަޤުތުވީއިރަކުން ކުރާކަމަކަށެވެ. މީގެތެރޭގައި އަނބިން، ދަރިން، މައިންބަފައިން ބަލިވުމުން ޑޮކްޓަރަށް ދެއްކުންވެސް އެބަހިމަނައެވެ.  

މިއީ ވަރަށް ހިތާމަކުރިކަމެކެވެ. ނިކަންވިސްނައިލަބަލާށެވެ! ފޮންބޮވައިގެންފައިވާ ކުއްތާއަކަށް ބޯނެ ފެންފޮދެއް ދިން މީހަކު ސުވަރުގެ ވެއްދެވި ވާހަކަ އެއީ ހުރިހާ މުސްލިމުންވެސް ވަރަށް ރަނގަޅަށް ދަންނަ ޙަދީޘްފުޅެކެވެ. އެހެންކަމުން މިއުޅެނީ އެޙަދީޘްފުޅު ކިޔައިދޭކަށް ނޫނެވެ. މިއުޅެނީ އެ ޙަދީޘްފުޅުން އުފެދޭ ސުވާލެއްގެ ވާހަކަ ބަޔާންކުރާށެވެ.  

ކުއްތާއަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ މަޚްލޫޤެކެވެ. އެކަމަކު ބީހި އުޅުންވެސް ހުއްދައެއް ނޫނެވެ. ބީހިއްޖެ ނަމަ ޠޯހިރުވާންވެސް ޖެހެއެވެ. އެހެންކަމަށް މިޙަދީޘްފުޅުގައި މުސްލިމުން އަތްލައި، އެކުގައި ގެންގުޅުން ހުއްދަ (މުސަޅުފަދަ) ޖަނަވާރެއް ނުވަތަ ދޫންޏެއްގެ ވާހަކަ ނައިސް ކުއްތާގެ ވާހަކަ ބަޔާންކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟  

ހަމަޔަޤީނުންވެސް އެއީ އިއްތިފާޤެއް ނޫނެވެ. ވަރުގަދަ ޢިބްރަތަކަށެވެ. ﷲ ތަޢާލާ އުފައްދަވާފައިވާ ކޮންމެ މަޚްލޫޤަކަށް ނަމަވެސް ޙާލެއްގައި ޖެހިއްޖެނަމަ އެހީތެރިވުމުގެ މުހިންމުކަން ބަޔާންކުރެއްވެވުމަށެވެ.  

އެހެންކަމަށްވާއިރު ކޮންމެ އިންސާނަކަށް ނަމަވެސް، ޚާއްޞަކޮށް އަނބިދަރިންނާއި މައިންބަފއިންނާއި ޢާއިލާގެ މީހުންނަށް ދަތިޙާލެއް ޖެހުމުން ޚާއްޞަކޮށް ބަލިޙާލެއްގައި އުޅެންޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުމުން ދެއްވަވާނެ ޘަވާބު ގިނަގުނަވެގެންދާނެ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

މީސްތަކުންނޭވެ! އެމީހަކު ބަލަހައްޓަން ޖެހޭ މީހަކު ބަލިވެއްޖެ ނަމަ ފަރުވާކުޑަނުކުރާށެވެ! އެހީތެރިވުމަށް އަވަސްވެގަންނާށެވެ! ވީހައި އަވަހަށް، ވީހައި ފެންވަރު ރަނގަޅު ފަރުޥާއެއް ހޯދައިދޭން ކުރެވުނުހައި މަސައްކަތްތަކެއް ކުރާށެވެ. އެކަންކަމަށް ޚަރަދުކުރުމުގެ އިތުރުން ވަޤުތުވާ ވަރަކުން ގޮވައިގެން ހޮސްޕިޓަލަށް ގޮސް އަމިއްލައަށް މަސައްކަތްކުރުމަކީވެސް އިތުރު ޘަވާބު ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން