އަހުރެން މިވާހަކަ މިބުނަނީ ފިރިންނަށް ނުވަތަ އަނބިންނަކަށް ނޫނެވެ. އަނބިންނަށާއި ފިރިންނަށެވެ. ދެބައިމީހުންނަށެވެ. ކުޑައިރުންސުރެ ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ މީހަކަށް ހެދި މައިންބަފައިންގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. ޚާއްޞަކޮށް ބައިވެރިޔާގެ ބަހަށް ހެއްލި މައިންބަފައިންނަށް އިހްމާލުނުވާށެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ މައިންބަފައިންނަށް އިހްމާލުވެވިފައިވީނަމަވެސް އެމީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އެހެންކަމަށްވާއިރު އިހްމާލުނުވާ މައިންބަފައިންގެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ އަހުރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެމީހުން އަހުރެމެންނާއިމެދު ޢަމަލުކުރި ގޮތަށް ނުބަލައި އެމީހުންނަށް ހެޔޮކޮސް ހިތުމެވެ.
ފިރިމީހާއަކީވެސް އަނބިމީހާޢަކީވެސް ވަކިވެގެން ހިނގައިދާނެ މީހެކެވެ. އެކަމަކު މައިން ބަފައިން ދަރިންނާއި ވަކިވެގެނެއް ނުދާނެއެވެ. ވަކިން ދިރިއުޅުނަސް އަބަދުވެސް ތިބޭނީ ދަރިންގެ އިންތިޒާރުގައެވެ. ދަރިންނަށް ހެޔޮދުޢާކުރުންމަތީގައެވެ. ހަމަ އެއާއިއެކު ޔަޤީންކުރާށެވެ. ތިބާ ދެކެ ލޯބިވާ މީހަކު ތިބާގެ މައިންބަފައިން ދެކެވެސް ލޯބިވާނެކަމެވެ. ހަމަ އެގޮތަށް ތިބާވެސް ބައިވެރިޔާގެ މައިންބަފައިންދެކެ ލޯބިވާންޖެހޭނެ ކަމެވެ. މިއީ ދެމީހުން ހަމަހަމަކުރަންޖެހޭނެ ކަމެކެވެ.
ޢުމުރުން ދުވަސްވުމުން ވިސްނުމަށް އުނިކަން އަންނާނެއެވެ. ކުށްބަސްވެސް ބުނެވޭނެއެވެ. ކުށެއްވެސް ކުރެވިދާނެއެވެ. އަދި ޒުވާން ޢުމުރުގައިވެސް އެފަދަ ކަމެއް ކުރެވިދާނެއެވެ. އެއީ ބުރަކޮށް މަސައްކަތްކުރަންޖެހުމުން ސިކުނޑިއަށް ބާރުބޮޑުވާތީވެސް މެދުވެރިވެދާނެ ކަމެކެވެ. ވީމާ ދަރިން ކުޑައިރު މައިންބަފައިންނަށް ކުރެވިފައި ހުންނަ ކަންކަމާއި ބުނެވިފައި ހުންނަ ބަސްތައް ހަނދާނުގައި ނުބަހައްޓައި އެމީހުންނަށް މާފުކޮށް ހިތްހެޔޮކުރާށެވެ! އެއރުން އެދަރިއަކަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތް ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ
މައިންބަފައިންގެ ކުށެއް ނެތި ބައިވެރިޔާގެ ބަހަށް މައިންބަފައިންނަށް އިހުމާލުވާ ދަރިންނަށް ގާތީ ކަރުނައަޅަން ޖެހުމެވެ. މައިންބަފައިންގެ ކުށެއް އޮތަސް އިހްމާލުވުމެއް ނެތެވެ. އެއީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން