ތިމާގެ ކިބައިގައިވެސް ނުރަނގަޅު ކަންތައްތަކެއް ހުންނާނެކަން ޤަބޫލުނުކުރެވި އެހެން މީހުންގެ ވާހަކަ ދައްކަމުން ހިނގުމުން ކައިރިއެވެވެނީ ނަރަކައާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ތިމާގެ ކިބައިގައިވެސް ނުރަނގަޅު ކަންތައްތަކެއް ހުންނާނެކަން ޤަބޫލުނުކުރެވި އެހެން މީހުންގެ ވާހަކަ ދައްކަމުން ހިނގުމުން ކައިރިއެވެވެނީ ނަރަކައާ!

އަހުރެންވެސް އިން ތަނެއްގައި މީސްމީހުންގެ ނުބައި ވާހަކަތައް ދައްކަން ފެށުމުން ސުވާލުކުރީމެވެ. ކަލޭމެންގެ ކިބައި ނުރަނގަޅު އެއްވެސް ސިފައެއް ހަމަ ނެތީހެއްޔެވެ؟ ކޮންމެ ކަމެއްވެސް ކަލޭމެން ކުރަނީ ހަމަ އެންމެ ރަނގަޅަށް ހެއްޔެވެ؟

މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ގިނަބައެއްގެ ދެލޮލަށާއި ހިތަށް މިވަނީ ވަރަށް ނުބައި ބައްޔެއް ޖެހިފައެވެ. އެބަލިޖެހުމުން ވާގޮތަކީ އެއްވެސް މީހަކު ކުރާ ރަނގަޅު އެއްވެސްކަމެއް، އަދި ރަނގަޅު ކަންކަން ކިތަންމެ ގިނައިން ކުރިނަމަވެސް އެއިން އެއްވެސް ކަމެއް ނުފެންނާނެއެވެ. ނަމަވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ނުރަނގަޅުކަމެއް ކުރެވިއްޖެނަމަ އެކަން ވަރަށް ބޮޑަށް ފެންނާނެއެވެ. 

ހަމައެފަދައިން ކިތަންމެ ބޮޑު ރަނގަޅުކަމެއް، އަދި ކިތަންމެ ގިނަ ރަނގަޅު ކަންކަން ކުރިނަމަވެސް އެއިން އެއްވެސް ކަމެއްގެ ޥާހަކައެއް ނުދައްކާނެއެވެ. ނަމަވެސް މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ގޯސްކަމެއް ކުރެވިއްޖެނަމަ އެކަމުގެ ވާހަކަ ދައްކާނެއެވެ.  

އަހުރެމެންނަކީ މުސްލިމުން ކަމުގައިވާއިރު މިކަންކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟ މީހެއްގެ ކިބައިން ގޯސްކަމެއް ނުވަތަ ނުރަނގަޅު ސިފައެއް ފެނުނަސް އެކަމުގެ ވާހަކަތައް ނުދައްކައި މަޑުކޮށްލާފައި އޭނާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުރިތޯ އާއި އޭނާ ރަނގަޅަށް ކޮށްފައިވަނީ ކޮންކަންތަކެއްކަން ބަލައިލުން ކީއްހެއްޔެވެ؟ އެމީހާގެ ކިބައިން މީސްތަކުންނަށް ލިބިފައިވާ މަންފާ އާއި ފަޤީރުންނަށް ލިބިފައިވާ އެހީތެރިކަން ދެނެގަންނަން މަސައްކަތްނުކުރަނީ ކީއްވެގެންހެއްޔެވެ؟  

މީސްތަކުންނޭވެ! މިއީ މީސްތަކުންގެ މެދުގައި މިހާރު އަށަގެންފައިވާ ވަރަށް ނުބައިކަންބޮޑު އާދައެކެވެ. މުސްލިމުންނަކީ އެއްވެސް މީހެއްގެ މައްޗަށް އެއްވެސް މިންވަރަކަށް ނަފްރަތުކަން ބާއްވައިގެންވާނެ ބައެއް ނޫނެވެ. އެހެން ކަމާއިއެކުވެސް ކޮންމެވެސް މީހަކު ދެކެ ރުޅިއައުދެވެނީއެވެ. އެޙާލަތުގައިވެސް ކިތަންމެ ރުޅި އަންނަ މީހަކާއިމެދުގައިވެސް އޭނާގެ ޒާތީ ކަންކަމާއި ގުޅުވައިގެން ނުވަތަ ޒާތީ ކަންކަމުގެ ތެރޭގައި ހިމެނޭ، ނުރަނގަޅު ކަންކަމުގެ ވާހަކަ ނުދައްކާށެވެ. އެއިރުން ލިބޭނީ ޢަޛާބެވެ. އެއިގެ ބަދަލުގައި މީސްތަކުންނަށް ފައިދާހުރި ކަންކަމުގައި މީސްތަކުންގެ ސަމާލުކަން ހޯދުމަށްޓަކައި މީހަކު ކޮށްފައިވާ ހެޔޮ ކަންކަމުގެ ވާހަކަ ދެއްކުމުން ޘަވާބު ދެއްވަވާނެތެވެ.  

މިހެން ބުނި ނަމަވެސް މީހެއްގެ ކިބައިން ދީނަށް ނުވަތަ މުޖުތަމަޢަށް ގެއްލުންތަކެއް ލިބޭނަމަ އެކަން މީޙުންގެ ސަމާލުކަމަށް ގެނައުމަކީ މުޅިންތަފާތުކަމެވެ. އޭނާގެ ނުބައިކަމުން މީސްތަކުން ސަލާމަތްކުރަން އެއީ ކުރަންޖެހޭ ކަމެކެވެ.  

މިކުރެވެނީ އެއްކަމެކެވެ. މީހެއްގެ ވާހަކަ ދައްކަނީއެވެ. ޘަވާބު ލިބޭ ގޮތަށް އެކަން ކުރެވެން އޮއްވައި ޢަޛާބުލިބޭނެ ގޮތަށް ކުރެވުމަކީ ކިހައި ދެރަކަމެއް ހެއްޔެވެ؟ ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ހޭލުންތެރިވެސް ވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން