ކޮންމެ މީހެއްގެ ނަފްސުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. އެކަން ބައްޔަކަށްވެ އަމިއްލައަށް ދިރިނުއުޅެވޭ ޙާލަތަށް ކަންކަން ދަނީ ކުރިމަތިވާ ކަންކަމުން އަރައިގަންނަން މަސައްކަތްކުރުމުގައި ހިތްވަރު ކުރަން ފަސްޖެހެވޭތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ހިތްވަރުކުރާ މީހަކަށް ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ
ދިރިއުޅުމަކީ މާދަތި އުނދަގޫ ކަމަކަށް ވެގެން އުޅޭ މީހުންގެ ޙާލާއިމެދު ވިސްނައިލާށެވެ. އެމީހުންނަށް ކަންބޮޑުވާންޖެހިގެން އެއުޅޭ ސަބަބާއިމެދު ފުންކޮށް ވިސްނައިލާށެވެ. އެއިރުން މިދައްކާ ވާހަކައިގެ ތެދުކަން ވިސްނޭނެއެވެ.
މީސްތަކުން މިހައި ހޭލުންތެރި ޒަމާނެއްގައިވެސް އެމީހުން އެދެނީ އެހެން މީހަކު ނުވަތަ ބައަކު އައިސް އެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްކޮށްދިނުމެވެ. އެމީހުންގެ އަތުގައި ހިފައި ނަގައި ކޮޅަށް ޖަހައިދޭނެ ކަމަށެވެ. ގައިގައި ފިރުމައި ހަމަޖެހުން ހޯދައިދޭން މަސައްކަތްކޮށްދޭނެ ކަމަށެވެ. ފެންވަރައި ރީތިނުވެ އެތިބެނީ މީހަކު އައިސް ފެންވަރުވައިދޭނެ ކަމަށް ކަމުގައިވެސް ވެދާނެއެވެ.
ބުނަން ހެއްޔެވެ؟ މިޒަމާނަކު ނޫނެވެ. މިއީ އެއްވެސް ޒަމާނަކު ކަންކަން ހިނގިގޮތެއް ނޫނެވެ. ހިނގާނެ ގޮތެއްވެސް ނޫނެވެ. އެމީހެއްގެ ޙާލަތު ބަދަލުކުރެވޭނީ އެމީހަކު އެކަމަށް މަސައްކަތްކޮށްގެންނެވެ. އެހެން މީހުންގެ އެހީތެރިކަން ލިބުނަސް ލިބޭނީ އެމީހަކު އެކަމަށް މަސައްކަތްކުރާ ވަރަކުންނެވެ.
ވިސްނާށެވެ! ބައެއްގެ ޙާލާތު ﷲ ތަޢާލާ ބަދަލުކޮށް ދެއްވަވަނީ އެބައަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންކަން ޤުރްއާނުން އެނގެން އޮތުމުން އިތުރަށް މިކަމުގައި ބަހުސްކުރާނެ ޖާގައެއް ނެތެވެ. އެނގިގެން މިދަނީ ހަމަ ކުރިންވެސް ދެއްކި ވާހަކައެވެ. އެމީހެއްގެ ޙާލަތު ބަދަލުކުރަން އެދޭނަމަ ފުރަތަމަ އެކަމަށް މަސައްކަތްކުރަންޖެހޭނީ އެމީހަކުކަމެވެ.
ދިރިއުޅުމުގައި އަބަދުވެސް ކަންކަން ކުރިމަތިވާނެއެވެ. ރަޖާ ލައިގެން އެނދުގައި ނުއޮންނާށެވެ. އެހެން އޮއްވައި ތިބާގެ ބޭނުންތައް ފުއްދައިދީ ހިތް އުފާކޮށްދޭނެ ބައަކު އަންނާނެ ކަމަށް އިންތިޒާރުކުރުން ވާނީ ބަނޑުހައިވުމުން އުޑުން ދޮލަނގު ފައިބާތޯ އުޑަށް ބަލަން އޮތުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! ކުރީގެ ޒަމާންތަކުގައި މިކަންކަން ސްކޫލްތަކުގައި ކިޔަވައި ނުދިނަސް މިހާރު ކިޔަވައިދެއެވެ. ތައުލީމީ ގޮތުން މިއުޅެނީ މާބޮޑަށް ކުރީގައެވެ. އެކަމަކުވެސް ޤަބޫލުނުކުރެވޭނަމަ މިހޯދޭ ޢިލްމުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟
ކުރިމަތިވާ އެއްވެސް ކަމަކަށް އަމާން ނުދޭށެވެ! އެކަމަކަށްވުރެ މާބޮޑަށް ވަރުގަދަވާން ހިތްވަރުކުރާށެވެ! މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތުން އެނގިކަސަވަރުވާކަމެކެވެ. "ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ...." އޮތް ވަޙީބަސްފުޅުގައި އެވަނީ މިބުނި ބަހުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން