މިއަދު ގިނަ ފިރިހެނުންނަށް މިވަނީ އެމީހުންގެ ވަޒީފާ އޮޅިފައެވެ. އެމީހުންނަށް ހީވަނީ އެމީހުންގެ ވަޒީފާއަކީ އަންހެންކުދިންގެ ފަހަތުން ދުވުން ކަމަށެވެ. ކޮންމެވެސް ގޮތަކުން ކޮންމެ ދުވަހަކުވެސް އިތުރު ކުދިންނާ ގުޅުން އުފެއްދުން ކަމަށެވެ.
އަހުރެން ޤަބޫލުކުރާ ގޮތުގައި އެފަދަ ފިރިހެނުން ކިތަންމެ ގިނަވި ނަމަވެސް އެއީ އެމީހުންނަށް ޙަޤީޤީ އުފާވެރިކަން ހޯދަން އެނގޭ ބައެއް ނޫނެވެ. ޙަޤީޤީ އުފާވެރިކަމެއް ލިބޭނީ ތިބާ ރުހޭ އަންހެނަކާ ބައްދަލުވުމުން ޢޭނާއާއި ކައިވެނިކޮށް އޭނާއަށް ދަރިން ހޯދައި އުފާވެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ މީހުންނަށެވެ.
ގައިގަ ބާރުހުރެފައި ތަނަވަސްކަން ހުރިނަމަ ޢުމުރުގެ ވަކި ދުވަސްތަކެއްގައި ކުރިން ބުނި ގޮތަށް އަންހެންކުދިންގެ ފަހަތުން ދުވެވިދާނެއެވެ. އެކަމުން ހިތްހަމަޖެހުންވެސް ހޯދިދާނެއެވެ. ނަމަވެސް އެފަދަ މީހުންގެ ކަންކަން ގިނަފަހަރު ނިމެނީ ވަރަށް ހިތިގޮތަކަށެވެ.
މިހެން މިބުނަނީ އެގޮތަށް އުޅޭނަމަ ޢުމުރުން ދުވަސްވެ ބަލިކަށިވާއިރު އަނބިމީހާގެ ލޯތްބެއް ނުލިބޭނެއެވެ. އަދި ގިނަ މީހުންގެ އަންތބަކުވެސް ނުހުންނާނެއެވެ. އޭނާއަށް ވަފާތެރިވެ ޤުރްބާންވީ އަނބިމީހާ ވާނީ އޭމނާއާއިވަކިވެފައެވެ. ދެން ޖެހެނީ ކޮންމެވެސް އަންހެނަކާއި ކައިވެނިކުރާށެވެ. އެޙާލަތުގައި ކައިވެނިކުރާނެ ރަނގަޅު އަންހެނަކު ލިބުން ވަރަށް ދުރުވާނެއެވެ.
ދެން އެމީހާއަށް ޖެހެނީ ލިބުނު އަންހެނަކާއި ކައިވެނިކުރާށެވެ. އެފަދަ ގިނަ މީހުންނަށް ލިބޭނީވެސް ރަޙުމްކުޑަ ނުފޫޒު ގަދަ އަންހެނެކެވެ. ޖެހޭނީ އޭނާގެ އަޅަކަށްވެގެން އުޅޭށެވެ. ތިމާގެ ހިތް ނުއެދޭހައި ކަންކަން ކުރާއިރުވެސް ޖެހޭނީ ބަހެއް ނުބުނެ ބަލަން ހުންނާށެވެ.
ރަނގަޅަށް ބަލައިފިނަމަ ޢުމުރުން ދުވަސްވެ ބަލިކަށިވުމުން މިފަދަ ޙާލުގައި ތިބި ވަރަށް ގިނަ ފިރިހެނުން ފެންނާނެއެވެ. ސަބަބަކަށްވަނީ އޭނާ ކުރިން އުޅުނު ނުބައި އުޅުމުގެ ޢަޛާބު އެމީހަކަށް ދުނިޔޭގައިވެސް ދައްކަވާކަމެވެ.
އެއިގެ ބަދަލުގައި އަހުރެން ކުރިން ބުނިފަދައިން ރަނގަޅަށް ވަޒީފާ އަދާކުރި ފިރިހެނުން، ރުހޭ އަންހެނަކާ ބައްދަލުވުމުން ޢޭނާއާއި ކައިވެނިކޮށް އޭނާއަށް ދަރިން ހޯދައި އުފާވެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރި މީހުން މުސްކުޅި ޢުމުރުގައިވެސް އުފަލުގައި ދިރިއުޅެމުންދާތަން ފެންނާނެއެވެ. އެއީ އޭނާގެ ރަނގަޅުކަމަށް ﷲ ތަޢާލާ ލައްވަވާ ރަހްމަތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން