رسول الله ﷺ ރޭގަނޑު ތެދުވެ ވަޑައިގެން ދަމުނަމާދު ކުރައްވާއިރު (دعاء الإستفتاح ގައި) ވިދާޅުވާކަމުގައި ވިއެވެ. "ޔާ ﷲ! އެންމެހާ ހަމްދުތައުރީފެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިބަ ﷲ އަށެވެ. އިބަ ﷲ އީ އުޑުތަކާއި، ބިމާއި އަދި އެ ތަންތާނގައި ވާހައި ބައެއްގެ ނޫރެވެ. އަދި އެންމެހާ ހަމްދު ތައުރީފެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިބަ ﷲ އަށެވެ. އިބަ ﷲ އީ އުޑުތަކާއި، ބިމާއި އަދި އެ ތަންތާނގައި ވާހައި ބައެއް ބެލެހެއްޓެވުމުގައި ގާއިމުވެވޮޑިގެންވާ އިލާހެވެ. އަދި އެންމެހާ ހަމްދު ތައުރީފެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިބަ ﷲ އަށެވެ. އިބަ ﷲ އީ އުޑުތަކާއި، ބިމާއި އަދި އެ ތަންތާނގައި ވާހައި ބައެއްގެ ރައްބެވެ. އަދި އެންމެހާ ހަމްދު ތައުރީފެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިބަ ﷲ އަށެވެ. އިބަ ﷲ އީ އުޑުތަކާއި ބިމުގެ ވެރިކަން ލިބިވޮޑިގެންވާ އިލާހެވެ. އަދި އެންމެހާ ހަމްދު ތައުރީފެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިބަ ﷲ އަށެވެ. އިބަ ﷲ އީ އުޑުތަކާއި ބިމުގެ ރަސްވަންތަ އިލާހެވެ. އަދި އެންމެހާ ހަމްދު ތައުރީފެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިބަ ﷲ އަށެވެ. އިބަ ﷲ އީ ހައްގެވެ. އަދި އިބަ ﷲ ގެ ވައުދުފުޅަކީވެސް ހައްގެވެ. އަދި އިބަ ﷲ ގެ ވަހީ ބަސްފުޅަކީވެސް ހައްގެވެ. އަދި އިބަ ﷲ އާ ބައްދަލުވުމީވެސް ހައްގެވެ. އަދި ސުވަރުގެ ހައްގެވެ. އަދި ނަރަކަ ހައްގެވެ. އަދި ނަބިއްޔުން ހައްގެވެ. އަދި محمّد ﷺ ހައްގެވެ. އަދި ގިޔާމަތްދުވަސް ހައްގެވެ. ޔާ ﷲ! މި އަޅާ ހަމައެކަނި އިބަ ﷲ އަށް ބޯލަނބާ ކިޔަމަންވެއްޖައީމެވެ. އަދި ހަމައެކަނި އިބަ ﷲ އާ މި އަޅާގެ ކަންތައްތައް ހަވާލުކޮށްފީމެވެ. އަދި މި އަޅާ ހަމައެކަނި އިބަ ﷲ އަށް އީމާންވެއްޖައީމެވެ. އަދި ހަމައެކަނި އިބަ ﷲ ގެ ހަޒްރަތަށް މި އަޅާ ރުޖޫއަވެއްޖައީމެވެ. (އެބަހީ: ތައުބާ ވެއްޖައީމެވެ.) އަދި ހަމައެކަނި އިބަ ﷲ ގެ މަދަދާއެކު (ދުޝްމިނުންނާ) އިދިކޮޅުހެދީމެވެ. އަދި ހަމައެކަނި އިބަ އިލާހުގެ ހަޒްރަތަށް ހުކުމްކުރެއްވުމަށް އެދި ދެންނެވީމެވެ. ފަހެ މި އަޅާގެ އިސްވެދިޔަހާ ފާފައަކާއި ފަސްވެކުރިހާ ފާފައެއް ފުއްސަވާނދޭވެ! އަދި މި އަޅާ ސިއްރުންކުރި ފާފަތަކާއި ފާޅުގައިކުރި ފާފަތައްވެސް ފުއްސަވާނދޭވެ! (ހެޔޮކަންތަކުގައި މީސްތަކުން) އިސްކުރައްވާ ފަރާތަކީ އިބަ ﷲ އެވެ. އަދި ފަސްކުރައްވާ ފަރާތަކީވެސް އިބަ ﷲ އެވެ. އިބަ ﷲ އީ މި އަޅާގެ އިލާހެވެ. އިބަ ﷲ ފިޔަވައި އަޅުކަންވެވުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
اللهم لك الحمد (3)، أنت نور السموات والأرض ومن فيهن، ولك الحمد أنت قيم السموات والأرض ومن فيهن، [ولك الحمد أنت رب السموات والأرض ومن فيهن] [ولك الحمد لك ملك السموات والأرض ومن فيهن] [ولك الحمد أنت ملك السموات والأرض] [ولك الحمد] [أنت الحق، ووعدك الحق، وقولك الحق، ولقاؤك الحق، والجنة حق، والنار حق، والنبيون حق، ومحمد ﷺ حق، والساعة حق] [اللهم لك أسلمت، وعليك توكلت، وبك آمنت، وإليك أنبت، وبك خاصمت، وإليك حاكمت. فاغفر لي ما قدمت، وما أخرت، وما أسررت، وما أعلنت] [وما أنت أعلم به مني] [أنت المقدم، وأنت المؤخر لا إله إلا أنت] [أنت إلهي لا إله إلا أنت] [ولا حول ولا قوة إلا بالله]
ދުޢާއާއި މާނަ ހިތުން އެނގިވަޑައިނުގަންނަވާނަމަ ފޯނުން ނުވަތަ ފޮތުން ބައްލަވައިގެންވެސް ވިދާޅުވެވޭނެއެވެ. މުހިންމީ އިޚްލާޞްތެރިކަމާއިއެކު ދުޢާ ކުރެއްވުމެވެ.