ދަރިންނަށް ޚަރަދުކުރިޔަސް އަޅާލައި ތަރުބިއްޔަތު ނުކުރެވޭނަމަ ދަރިންނަށް ކުރާފައިދާއަށްވުރެ ބޮޑުވާނީ ލިބޭ ގެއްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދަރިންނަށް ޚަރަދުކުރިޔަސް އަޅާލައި ތަރުބިއްޔަތު ނުކުރެވޭނަމަ ދަރިންނަށް ކުރާފައިދާއަށްވުރެ ބޮޑުވާނީ ލިބޭ ގެއްލުން!

ހެޔޮލަފާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީ ދަރިންދެކެއެވެ. ދަރިއަކު ލިބެނީ ކިހައި ބޮޑަކަށް އެދޭ ފަހުން ހެއްޔެވެ؟ ދަރިއަކު އުފަންވަނީ ކިހައި ބޮޑު ބުރަތަކެއް އުފުލައިގެންހެއްޔެވެ؟ އަދި ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ މީހުންނަށް ހެދެނީ ކިހައި ބޮޑު ހޭދައަކާއި ކިހައި ބުރަ މަސައްކަތްތަކެއް ކޮށްގެންހެއްޔެވެ؟  

ކުރެވޭ ޚަރަދަށް ބަަލއިލަމާ ހިނގާށެވެ! ދަރިފުޅަށް ބަލިވެއިނީންސުރެ ކިޔަވައިދީ ނިމި ވަޒީފާއަށް ނުކުމެ މުސާރަލިބެން ފަށަންދެން ދަރިފުޅަށް ކުރި ޚަރަދު އެނގޭނީ ލިޔެގެން ބަލަހައްޓާ ނަމައެވެ. ނަމަވެސް އެކަން ބެލެހެއްޓުމަކީ ބެލެނިވެރިން ކުރާ ކަމެއް ނޫނެވެ.ކުރުމުގެ ބޭނުމެއް އޮތް ކަމެއްވެސް ނޫނެވެ.  ކުރަންބޭނުންވާ ކަމެއްވެސް އަދި ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. ސަބަބަކީ އެކަންކަމަކީ ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަންކަމަށްވާތީއެވެ. އެކަމުގެ ތަފްޞީލުތައް އެމީހެއްގެ ފަތުގައި ލިވެވިފައިވާނެތީއެވެ.  

ދެން ބަލައިލަންވީ މިހުރިހާ ޚަރަދުތަކެއް ކޮށް ބުރަތަކެއް އުފުލުމުން ނުކުންނަ ނަތީޖާއަށެވެ. އަހުރެން ބުނާނީ ނަތީޖާ ހަމަ ރަނގަޅު ކަމަށެވެ. ހުރިހާ މައިންބަފައިންނަކީ އެއްގޮތް ބައެއް ނޫނެވެ. ވީމާ ހުރިހާ ދަރިންވެސް އެއްގޮތް ވާނެކަމަށް ބަލައިގެން ނުވާނެއެވެ.  

ދަރިންނަކީ ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާ އެންމެ ބޮޑު އެއް އަމާނާތެވެ. އެއަމާނާތަށް ރައްކައުތެރިވެ ތިމާ މީހާ އަދާކުރަންޖެހޭ ވާޖިބު، ތިމާގެ ފެންވަރުން އަދާކުރުމުން އެއޮތީ ތިމާގެ ވާޖިބް އަދާކުރެވިފައެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ.  

މިހާރަކަށް އައިސް މައްސަލަތައް ކުރިމަތިވުން ގިނަވާ އެންމެ ބޮޑު އެއް ސަބަބަކީ ދަރިންނަށް ޚަރަދުކުރިނަމަވެސް ތަރުބިއްޔަތުކުރުމުގައި އިހްމާލްވެވޭކަމެވެ. ޙަޤީޤަތަށް ބަލައިފިނަމަ ތަރުބިއްޔަތުގެ މުހިންމުކަން މާބޮޑެވެ. ކުރާ ފައިދާވެސް މާބޮޑެވެ. އެހެން ބުނަން މިޖެހެނީ ކިތަންމެ ގިނަ ނުވަތަ ބޮޑުހޭދައެއް ކުރިނަމަވެސް ދަރިންނާއި އަޅައިނުލެވި ތަރުބިއްޔަތު ނުކުރެވޭނަމަ ދަރިންގެ ކިބައިން ލިބެންޖެހޭ ލޯބި ލިބުމަށް ހުރަސްތައް ހުންނާނީއެވެ.  

ހަމައެއާއިއެކު މައިންބަފައިން ފަޤީރުވީމާ ދަރިންނަށް ހޭދަކުރެވޭ މިންވަރު މަދުވި ނަމަވެސް އަޅާލައި ތަރުބިއްޔަތުކުރެވިއްޖެނަމަ އެދަރިންގެ ކިބައިން ލޯތްބާއި އަޅައިލުން އިތުރުވާތީއެވެ. ވީމާ މިކަންކަމަށް މައިން ބަފައިންގެ ސަމާލުކަން މިއަދު މިވަނީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން