މީހުންގެ ޙަސަދައާ އެސްފީނާއިން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރާ މީހާ ވިސްނަންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މީހުންގެ ޙަސަދައާ އެސްފީނާއިން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރާ މީހާ ވިސްނަންޖެހޭނެ ކަންކަން-

ޙަސަދަވެރިކަމަށް ބެލިނަމަވެސް އަދި އެހެން ކަމަކަށް ބެލިނަމަވެސް އެހެން މީހުންނާއިމެދު، މީހަކު ކޮށްފާނެ ކަމަކަށް ވިސްނުމުގެ ކުރިން ކޮންމެ މީހަކުވެސް ބަލަންވީ ތިމާއަށް މިހުރެވޭ ގޮތަކާއިމެދުގައެވެ. ތިމާގެ ޢަމަލުތައް ބެހެއްޓޭ ގޮތާއިމެދުގައެވެ. ޔަޤީން ކުރަންވީ ތިމާގެ ސަބަބުން އެހެން މީހަކަށް ދެރައެއް ގެއްލުމެއް ނުދެވޭ ކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ.

ތިމާއާއިމެދު އެހެން މީހުން ނުބައިބަސް ބުނާނަމަ ތިމާ ކަންބޮޑުވެއެވެ. އެކަމަކު ތިމާ އެހެންމީހުންނަށް އެފަދަ ބަސްތައް ބުނާނަމަ ދެން މިވަނީ ކިހިނަކުންހެއްޔެވެ؟ ޙަސަދަވެރިކަމުގައިވެސް ވަނީ ހަމަ މިފަދަ ގޮތެކެވެ.

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެއްވެސް މީހަކު ތިމާއަށް ޙަސަދަނުލުމެވެ. ޙަސަދަވެރިކަމުން ސަލާމަތްވެހުރުމެވެ. އެހެން މީހެއްގެ ހަސަދަވެރިކަމުން ތިމާއަށް އެއްވެސް ގެއްލުމެއް ނުލިބުމެވެ. މިއީ އެއްވެސް މީހަކު އިސްތިސްނާވުމެއް ނެތި އެންމެންވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަންތަކެވެ.

އެހެންކަމަށްވާއިރު ތިމާއަކީވެސް ހަސަދަލުމުން ސަލާމަތްވެގެން ހުންނަ މީހަކަށްވާން ޖެހޭނެއެވެ. ތިމާގެ ހިތަކީ ސާފު، ޠޯހިރު، އަދި އެންމެހައި ހަސަދައިން ސަލާމަތްވެގެންވާ ހިތަކަށް ހަދަންޖެހޭނެއެވެ. އެހެން މީހުންނަށް ތިމާ ހަސަދަލަމުން ތިމާ ހަސަދައިން ސަލާމަތްވެހުރުމަށް އެދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ.

އަހަރެމެން ކޮންމެ ދުވަހަކު ދެއިރު، އަދި ބައެއް މީހުން ކޮންމެ ނަމާދެއްގެ ފަހުގައި އެބަ ދަންނަވަމުއެވެ. "ޔާ ﷲ! ޙަސަދަވެރިންގެ ހަސަދައިގެ ނުބައިކަމުން މިއަޅާ ސަލާމަތް ކުރައްވަވާނދޭވެ! އާމީން" ( "އަދި ހަސަދަވެރިއަކު ހަސަދަވެިވެއްޖެ ހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ." -އަލްފަލަޤް: 5)

މިމޭރުމުން ﷲ ތަޢާލާއަށް ދަންނަވަމުން އެހެން މީހުންނަށް ހަސަދަލާނަމަ އެމީހާ އެކުރާ ދުޢާގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ؟

ވީމާ ފުރަތަމަ ކަމަކަށް އެހެން މީހުންނަށް ޙަސަދަވެރިނުވާށެވެ! އެހެން މީހަކަށް ﷲ ތަޢާލާ އެއްވެސް ނިޢްމަތެއް ދެއްވަވައިފިނަމަ އެކަމަށް އުފާކުރާށެވެ! ކޮންމެ މީހަކަށްވެސް ނިޢްމަތްތައް ދެއްވަވަނީ އެމީހަކަށް ކަނޑައަޅުއްވަވާފައިވާ މިންވަރަށެވެ. އެހެން މީހަކަށް ދެއްވަވާ ނިޢްމަތަށް ކަންބޮޑުވުމަކީ ޙަސަދަވެރިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން