ތިމާކުރަންޖެހޭ ކޮންމެ ކަމެއް ނަމަވެސް ކުރާއިރު މިއީ އެންމެ ރަނގަޅު ގޮތްކަމަށް ތިމާއަށް ވިސްނޭ ގޮތަށް ކުރުމަކުން ކަންކަން ޙައްލެއް ނުކުރެވޭނެއެވެ. އަދި ދީނުގެ ކަންކަމުގައި ޘަވާބު ލިބެން އޮތީވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ.
ބައެއް ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ދަރިން ބޭނުންވާ ކަންކަން ކޮށްދެވޭނަމަ ދަރިންގެ ކަންކަން ބެލެހެއްޓުނީކަމަށެވެ. އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވި ނިމުނީ ކަމަށެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ.
ފިރިހެން ދަރިން ބާލިޣްވުމުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ކުދިންނަށް މީރު ކާބޯތަކެއްޗާއި ކުޅޭނެ ތަކެތި ހޯދައިދިނުމަށްވުރެ އެ ވާޖިބު އަދާކުރުމުގެ މުހިންމުކަން މާބޮޑެވެ.
ދަރިން ގެންގުޅޭ އެކަނިވެރި މައިންވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ! ވީވަރަކުން މިސްކިތަށް ގެންގޮސް ހަދަންވާނެއެވެ! އެހެން މީހުންގެ އެހީތެރިކަން ހޯދައިގެންވެސް ދަރިން މިސްކިތުގައި ކަންތައްތައް ކުރާ ގޮތް ބެލޭތޯ މަސައްކަތްކުރަންވެސްވާނެއެވެ!
ހަމައެއާއިއެކު އަންހެން ދަރިން ލައްވައި ގޭގައި ނަމާދުކުރުވަންވާނެއެވެ. އެންމެ ރަނގަޅީ މައިމީހާ ދަރިން ގޮވައިގެން ނަމާދުކުރުމެވެ. ދަރިން ގާތު ނަމާދުކުރަން ބުނެފައި މައިންބަފައިން ނަމާދު ނުކުރުމަކީ ނުވަތަ ފަހުން ކުރުމަކީ ދަރިންގެ ހިތުގައި ނަމާދަށް ޝައުޤުވެރިކަން ކުޑަވާނެ ކަމެކެވެ. ކޮންމެ ރަނގަޅު ކަމަކަށް ވެސް އެންމެ މުހިންމީ މައިންބަފައިން ނަމޫނާ ދެއްކުމެވެ.
ދަރިން ބެލެހެއްޓުމަކީ ފެންވަރައި ނަލަހައްދައި މީރުތަކެތި ކާންދީ ސްކޫލަށް ގެންދިއުން އެކަނި ކަމަށް ނުހަދާށެވެ! ނަމާދަށް އަހުލުވެރިކުރުވުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނުބާއްވާށެވެ! ﷲ ތަޢާލާގެ ޙައްޤުތަކަށް ފުރިހަމަ ގޮތުގަ ރައްކައުތެރިވާށެވެ. އެކަމުގެ ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ. އިން ޝާ ﷲ
ދަރިންނަކީ ނަމާދުކުރާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ނުކުރެވިއްޖެނަމަ މައިންބަފައިންނަށް ޖެހޭނީ ޤިޔާމަތްދުވަހު ބިރުން އިސް ތިރިކުރަމުންގޮސް ބިމަށް ތުންހަރާށެވެ. އެގޮތަށް ތުންހެރިޔަސް ޒިންމާޢަކުން ނުރެކެވޭނެއެވެ. ވީމާ ވިސްނައިގެން ޢަމަލުކުރަމުން ގެންދާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން