ފަށަމުންވެސް ބުނެލާނަމެވެ. އެއްވެސް މީހަކަށް ޙަސަދަވެރިނުވާން މިބުނާ އެންމެ ބޮޑު ސަބަބަކީވެސް މިއީއެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އެކަންކުރާނަމަ ޙަދީޘްފުޅުން ސުވަރުގެ ޔަޤީންކުރެވެން އޮތް މިޢަމަލު ނުކުރެވޭނެތީއެވެ!
ދެމީހެކެވެ. އެކަކު ތިބާއަށް ހަސަދަވެރިވަނީއެވެ. ނެތިމޮށެނީއެވެ. ޣީބަބުނަނީއެވެ. ތިބާ ފަޟީޙަތްކުރަނީއެވެ. ތިބާ އާއިމެދު ދޮގު ވާހަކަތައް ފަތުރަނީއެވެ. ގެއްލުންދޭން މަސައްކަތްކުރަނީއެވެ.
އެޙާލަތުގައިވެސް އަނެކާ އޭނާއަށް ނުބައި ބަހެއް ނުބުނެއެވެ. ހީނލާފައި ބައްދަލުކުރެއެވެ. ސަލާމްކުރެއެވެ. އޭނާއަށް ހެޔޮދުޢާކުރެއެވެ. ހިތުގައި ބުރަ ކަމެއް ނުބާއްވައެވެ. އުންމީދުކޮށްގެން ހުންނަނީ އަނެކާއަށް ހެޔޮ ގޮތް ވިސްނި ހިތްހެޔޮކުރާނެ ދުވަހަކަށެވެ.
ވަރަށް ތަފާތު ދެމީހުންނެވެ. އެތަނުން ޙަޤީޤީ މުއުމިނަކީ ފަހުން މިބަޔާންކުރި މީހާއެވެ! މަރުވާނެކަން ހިތަށް އަރައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރަން މަސައްކަތްކުރާ މީހަކީ އޭނާ ކަމުގައިވާތީއެވެ. އެމީހަކަށް ސުވަރުގެ ޙައްޤެވެ. އެމީހާއަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ
ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އެންމެންނަށް ހިތްހެޔޮކުރެއްވެވި ޞަޙާބީއަކަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ރަސޫލް ﷺ ވަނީ ދެއްވަވައިފައެވެ. ވީމާ ސުވަރުގެ އެދޭމީހާ އެއްވެސް މީހަކަށް ހިތްބުރަކަން ނުބާއްވާށެވެ! ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އެންމެންނަށް ހިތްހެޔޮކޮށްލައި ސުވަރުގެ ލިބުމަށް ދަހިވެތިކަން އިތުރުކުރާށެވެ! ސުވަރުގެ ލިބުމުގެ ފުރުޞަތު އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން