ބައިވެރިޔާ ގެއްލި އެކަނިވެރިވިޔަސް ﷲ ގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ލިބިގެން ހުންނަ މީހަކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ! އެއީ ޙާޞިލްކުރަން ފަސޭހަ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބައިވެރިޔާ ގެއްލި އެކަނިވެރިވިޔަސް ﷲ ގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ލިބިގެން ހުންނަ މީހަކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ! އެއީ ޙާޞިލްކުރަން ފަސޭހަ ކަމެއް! އިން ޝާ ﷲ

ފުރަތަމަ ކަމަކީ ﷲ ތަޢާލާށގެ އެންގެވުންތަކަށް ޢަމަލުކުރުމެވެ. އެހެންވެ އަހުރެމެން ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރަމުއެވެ. ޤުރްއާން ކިޔަވަމުއެވެ. ޛިކުރުތައް ކިޔަމުއެވެ. ދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ލިބިގަތުމެވެ. 

އެއީ ކުރަން އަދި މާފަސޭހަ ކަމެކެވެ. އެމަތިވެރި ނިޢުމަތް ލިބިގަތުމަށް ކުރަން އޮތް ކަމަކީ ތިމާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވާކަމާއި ތިމާއަށް ދެރަ ނިކަމެތި ކަމެއް ކުރިމަތި ނުކުރައްވަވާނެކަން ޔަޤީންކުރުމެވެ. ތިމާގެ ހުރިހާ ކަމެއް ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލުކޮށް ކުރިމަތިވާ އެއްވެސް ކަމަކަށް މާޔޫސްނުވެ، ކަންބޮޑުނުވެ ހުރުމެވެ. 

ޙަޔާތުގެ ބައިވެރިޔާއާއި ވަކިވާންޖެހި އެކަނިވެރިވާންޖެހުނީމާ ނުވަތަ ބައިވެރިޔާގެ ކިބައިން ލޯބި ނުލިބެންފެށީމާ ގިނަ ބައަކަށް ކަންބޮޑުވެވި ނުނިދިގެން އުޅެން ޖެހޭ ސަބަބަކީ މިބަޔާންކުރި ދަރަޖައަށް ތިމާއަށް ނުދެވޭތީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރު ނުކުރެވޭތީއެވެ. 

ޔަޤީންކުރާށެވެ! ބައިވެރިޔާ ގެއްލި އެކަނިވެރިވިޔަސް ބައިވެރިޔާގެ ލޯބި ނުލިބުނަސް އަދި އެހެން ކަމެއް ކުރިމަތިވިޔަސް ﷲ ތަޢާލާގެ ޙަޟްރަތުން މިބުނެދިން މަގުން އެންމެ މަތީ ދަރަޖަ ލިބިގެން ހުންނަ މީހަކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެއެވެ. އެކަންވާނީ އެމީހަކަށް ލެއްވެވި ބޮޑު ރަޙްމަތަކަށެވެ. ސަބަބަކީ އެމީހަކަށް މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ 

ބައިވެރިޔާ އެކަންޏެއް ނޫނެވެ. ތިމާ އެމީހަކު ދެކެ ލޯބިވާ ކޮންމެ މީހަކު ތިބާއާއި ވަކިވިޔަސް، މަރުވިޔަސް ކަންބޮޑުނުވާށެވެ! އެކަން މެދުވެރިވީ ﷲ ތަޢާލާގެ ޙަޟްރަތުންކަމާއި ތިމާއަށް އެކަމުން އުނިވި ބައި ތިމާއަށް މާފައިދާހުރި ގޮތަށް ފުރިހަމަކޮށްދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ. 

ކުރިމަތިވެފައިވާ މައްސަލައަށް ކަންބޮޑުނުވެ ތިމާއަށް ދެރަ ގޮތެއް މިންވަރު ނުކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ހަމަޖެހިގެން ނިދައިލެވޭ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް އެހުރެވެނީ ތަޤްވާވެރިކަމުގެ އެންމެ މަތީ ދަރަޖައިގައެވެ. ވީމާ ހުރިހާ މައްސަލަތަކަކަށްވެސް އޮތް ޙައްލަކީ މިބުނި ފަދައިން މަސައްކަތްކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތީ ދަރަޖަ ލިބިގެންވާ މީހަކު ކަމުގައި ވުމަށް މަސައްކަތްކުރުމެވެ. އެމީހަކަށް އާޚިރަތް ދުވަހު ދެއްވަވާ އުފާވެރިކަންވެސް  މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން