މީސްތަކުންނޭވެ! ކިތަންމެ ގިނައިން އަޅުކަންކޮށް ޛިކުރުކޮށް އަދި ޤުރްއާން ކިޔަވައި އުޅުނުކަމުގައިވުމަކީ ދުނިޔޭގައި ހުރިހާ ދުވަހަކު ﷲ ތަޢާލާ އިމްތިޙާންތައް ކުރިމަތިކުރައްވަވާނެތެވެ. އެ އިމްތިޙާނުތަކުން ސަލާމަތްވެވިގެން ހުރެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އިމްތިޙާނުތައް ދާނީ ކުރިމަތިކުރިމަތިވަމުންނެވެ. އެކަން ﷲ ތަޢާލާ ވަނީ ވަރަށް ސާފުކޮށް ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް ޝައްކެއްކުރަން އޮތް ކަމެއް ނޫނެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައި ވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ." (އަލްކަހްފް: 7)
"ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންގެ ތެރެއިން އެއްވެސް ރަސޫލަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އިމްތިޙާނެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ."
(އަލް ފުރްޤާން: 20)
އިމްތިޙާނު ކުރައްވަވަނީ ކީއްވެގެންތޯ ސުވާލުކުރާ ބައަކުވެސް އުޅޭނެއެވެ. އެހެންވެ ބުނެލަމެވެ.
ފުރަތަމަ ދުނިޔޭގައި މިއުޅޭ އުޅުމަށް ވިސްނައިލާށެވެ! ސްކޫލްތަކުން އިމްތިޙާންތައް ނުބާއްވާނަމަ ފިލާވަޅުދަސްކުރާ، އެންމެ މޮޅު ދަރިވަރުން ވަކިކުރެވޭނެ ހެއްޔެވެ؟ މީހުންނަށް ވަޒީފާ ލިބި އަދި އެހެން ކަންކަން ލިބުމުގައިވެސް އޭނާގެ މަސައްކަތުން އޭނާ ހޯދި މާކްސް އެހީތެރިނުވޭހެއްޔެވެ؟
ދެން ޤިޔާމަތްދުވަހަށް ބަލާށެވެ! އެމީހަކު ދުނިޔޭގައި ހުންނައިރު ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާންތަކުން ފޭލްވީމާ ދާން ޖެހޭނީ ނަރަކައަށެވެ. ދެން ސުވަރުގޭގައި ދަރަޖަތަކެއްވެއެވެ. އެދަރަޖަތައް ލިބުންވަނީ ފާސްވި މީހުން، އެމީހަކު ހޯދިމާކްސްގެ މައްޗަށެވެ. އެންމެ މަތިން ހޯދިއްޖެނަމަ ޖަންނަތުލްފިރުދައުސްއެވެ.
އިމްތިހާންތައް ކުރިމަތިކުރެއްވެވުމުން ތަޤްވާވެރިވެ ހެޔޮ ޢަމަލުތައްކޮށް އުޅޭ މީހުންނަށް ތަފާތެއްވާނެއެވެ. އެއީ އިމްތިޙާނުތައް ކުރިމަތިވުމުން ކެތްތެރިވުމުގެ ކުޅަދާނަކަން ލިބުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ތަޤްވާވެރިކަންމަތީގައި އުޅޭނަމަ އެ މަތިވެރި ނިޢުމަތް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
ﷲ ތަޢާލާ އެއްވެސް މީހަކަށް އިމްތިޙާން ކުރިމަތިކުރައްވަވާނެ ވަޤުތެއް، އަދި ގޮތެއް، އަދި ކޮންކަމަކުންކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ އިމްތިޙާނުން ފާސްވުމަށް ކުރަން އޮތް ކަމަކީ އަބަދުވެސް ތަޤްވާވެރިކަންމަތީގައި ހުންނަން މަސައްކަތްކުރުމެވެ. އެއިރުން ކުރިން މިބުނިފަދައިން އިމްތިހާނުން ފާސްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން