ﷲ ގެ ޙަޟްރަތުގަ ޤަދަރު އުފުލިގެންވާ މަތިވެރި މީހަކަށް ވުމަކީ ހަމައެކަނި ކުރާ އަޅުކަމުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ﷲ ގެ ޙަޟްރަތުގަ ޤަދަރު އުފުލިގެންވާ މަތިވެރި މީހަކަށް ވުމަކީ ހަމައެކަނި ކުރާ އަޅުކަމުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫން!

ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ އަދި ަމތިވެރިކަން ލިބިގެންވާ މީހަކަށްވުމަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެއްވެސްވެއެވެ. ވީމާ ހަމައެކަނި އަޅުކަންކުރުމަކުން ފުދޭކަށް ނެތެވެ.  

އަހުރެމެންގެ ތެރެއިން ބައެއް މީހުން ވަރަށް ގިނައިން އަޅުކަން ކުރެއެވެ. މިސްކިތުގައި ވަރަށް ގިނަ ވަޤުތުވެސް ހޭދަކުރެއެވެ. މިސްކިތުގައި އިންނަނީވެސް ވަރަށް މަޑުމަޑުންނެވެ. މީސްތަކުންނާއި މުޢާމަލާތުކުރަނީވެސް ވަރަށް މަޑުމައިތިރިކަމާއިއެކުގައެވެ.  

ނަމަވެސް އެނބުރި އައިސް ގެއަށް ވަނުމާއިއެކު ހަރުކަށިމީހަކަށް ބަދަލުވެއެވެ. ދުލުން ހަރުކަށި ބަސްތައް ބުނެވެއެވެ. ހަރުކަށި ޢަމަލުތައް ކުރެވެއެވެ. އަނބިދަރިންނަށް ޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބޭށެވެ.  

ނިކަން ވިސްނައިބަލާށެވެ! އަހުރެމެން އެއްވެސް މީހަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ވަރާއި ގާތަކަށްވެސް އަޅުކަމެއް ނުކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް އިތުރުއެކަލޭގެފާނު ގަނޑުވަރުކޮޅަކަށް ވަދެވަޑައިގަތުމާއިއެކު ހިތްޕުޅު އިންތިހާއަށް މަޑުމޮޅި ކުރައްވަވައެވެ. އަނބިއަނބި ކަނބަލުންނާއި މުޚާޠަބްކުރައްވަވަނީ ނުހަނު ލޯބިންނެވެ.  

އަދި ޙަދީޝްފުޅު ކުރައްވަވާފައިވަނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު  ނުވަތަ އެންމެ މަތިވެރިކަން ބޮޑު މީހަކީ އެމީހާގެ ޢާއިލާއަށް އެންމެ ރަނގަޅު މީހާ ކަމުގައެވެ. މިޙަދީޘްފުޅު ހަނދާންކޮށް، ހަނދާނުގައި ބަހައްޓައިގެން ނޫނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ރަނގަޅު މީހަކަސް ނުވެވޭނެއެވެ. އަދި އުފާވެރި ޙަޔާތެއްވެސް ނުލިބޭނެއެވެ.  

ހަމަ އެފަދައިން އަނބިމީހާވެސް މަސައްކަތްކުރަންވާނީ ފިރިމީހާއަށް އެންމެ ރަނގަޅު މީހާކަމަށްވުމަށެވެ. ދަރިންނަށް އެންމެ ރަނގަޅު މީހާކަމުގައިވުމަށެވެ. އެހެން ނޫންނަމަ ޢާއިލާއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

 

- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން

މިއަދު އޮންލައިން