ކިތަންމެ ރަނގަޅު އަދި ކިތަންމެ ލޯބިވާ ބައިވެރިއަކު ލިބުނަސް އެކުގަ އުޅެވޭނީ ޢަމަލުން ލޯބިވާކަން ދައްކައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކިތަންމެ ރަނގަޅު އަދި ކިތަންމެ ލޯބިވާ ބައިވެރިއަކު ލިބުނަސް އެކުގަ އުޅެވޭނީ ޢަމަލުން ލޯބިވާކަން ދައްކައިގެން!

ލޯބިވުމާއި ދިރިއުޅުމުގެ ވާހަކަ އެންމެންވެސް ދައްކާނެއެވެ. ވަފާތެރިކަމާއިއެކު ލޯބިން ދިރިއުޅުމުގެ ވާހަކަވެސް ދައްކާނެއެވެ. އަޅާލައި އެހީތެރިވުމުގެ ވާހަކަވެސް ދައްކާނެއެވެ. ނަމަވެސް ޢަމަލުން އެކަން ދެއްކެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވީމާ ވިސްނާލައި ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

ހެޔޮލަފާ، ރަނގަޅު ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރު ބައްދަލުވާ މީހާއަކީ އެމީހަކަށް ރަނގަޅު ކަންކަން ކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ޢަމަލުކުރާ މީހެއްކަން ޔަޤީންކުރާށެވެ. އެއީ ރަނގަޅު ކަންކަން ކަމުގައި އެމީހަކަށް ޤަބޫލުކުރެވޭ ކަންކަން ކުރަން އެމީހަކު މަސައްކަތްނުކުރާނަމަ އެމީހަކު އެވަނީ ފޭލްވެފައެވެ.  

ހެޔޮލަފާ ބައިވެރިއަކު ލިބުމުން އޭނާ ތިބާއަށް ލޯބިދޭ މިންވަރަށްވުރެ ގިނައިން އޭނާއަށް ލޯބިދޭން މަސައްކަތްކުރާށެވެ. ހަމަ އެއާއިއެކު ލޯބިން ދިރިއުޅުމަކީ ހަމައެކަނި އަނގައިން ބުނާ ބަސްތަކެއް ކަމުގައި ނުހަދާށެވެ! އެއީ ޢަމަލުން ދައްކަން ޖެހޭ ކަންތައް ތަކެކެވެ. ލޯބިވާކަމުގެ ވާހަކަ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ޢަމަލުން އެކަން ނުދެއްކޭނަމަ ލޯބިވެވޭ ކަމަކަށް ނުވާނެއެވެ.  

ހަމައެއާއިއެކު ލޯބިވެރިޔާ ކުރާ ކޮންމެ ކަމެއް ކުރެވޭނީ އެންމެ ފުރިހަމައަށް ކަމަށް ހީނުކުރާށެވެ! އުނިވާބައި މާފުކުރަން ހަނދާންކުރާށެވެ! އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ކުރާ ކަންކަމުގައި އުނިވާ ކަންތައްތަކެއްވެސް ހުންނާނެއެވެ.  

ބައިވެރިޔާއަށް ކަމެއް ވިސްނައިދޭން ތަންކޮޅެއް ބާރަށް ބުނަން ޖެހިގެން ބުނި ނަމަވެސް މައްސަލަ ޙައްލުވާއިރަށް ބާރަށް ބަސްބުނެވުނީތީ މާފަށް އެދެން އާދަކުރާށެވެ! އެއިރުން ތިބާގެ ހުރި ރަނގަޅުކަން ވިސްނި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރަން ބައިވެރިޔާ މަސައްކަތްކުރާނެއެވެ. އެހެން ނޫންނަމަ ހިތުގައި ނަފްރަތު އުފެދެން ފެށުމަކީ ވަރަށް ގާތް ކަމެކެވެ.

 

- އަލަފް މިއަދުނޫހަށް

މިއަދު އޮންލައިން