މި ހަތަރު ކަންތަކަށް ފަރުވާތެރިވެއްޖެ މީހަކަށް ރިޒުޤް ތަނަވަސްކޮށްދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މި ހަތަރު ކަންތަކަށް ފަރުވާތެރިވެއްޖެ މީހަކަށް ރިޒުޤް ތަނަވަސްކޮށްދެއްވަވާނެ! އިން ޝާ ﷲ

އެންމެންނަށްހެން އުޅެންޖެހިފައި މިވަނީ އެމީހެއްގެ ބޭނުންތައް ނުފުދިގެންނެވެ. ރިޒުޤްގެ މާނައިގައި އެމީހަކަށް ބޭނުންވާ ހުރިހާ ކަމެއްވެސް ހިމެނިގެންވެއެވެ. ކާބޯތަކެއްޗަކީވެސް އެއިގެ ތެރެއިން ބައެކެވެ.

މިކަންބޮޑުވުމަށް ޙައްލެއް ހޯދޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކޮށްގެންނެވެ. ތިމާގެ ދިރިއުޅުން އެގޮތަށް ބައްޓަންކޮށްގެންނެވެ.

އިމާމު އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ

ރިޒްޤު ދަތިވާ 4 ސަބަބެއްވެއެވެ. އެއީ

1. ހެނދުނު ނިދުން

2 ނަމާދަށް ފަރުވާކުޑަކުރުން

3 ކަންނެތްކަން

4. ޚިޔާނާތްތެރިވުން

(زاد المعاد 4/378)

ފުރަތަމަ 3 ކަންތައް ގުޅިފައިވަނީ އެމިހާގެ ކަންނެތްކަމާއެވެ. ފަރުވާކުޑަކަމާއެވެ. ދޯދިޔާ ކަމާއިއެވެ. 4 ވަނަ އަށް އެއޮތީ ޚިޔާނާތްތެރިވުމެވެ. ޚިޔާނާތްތެރި ނުވުމުން އެކަމުން ވެސް ސަލާމަތްވެވުނީއެވެ.

ވީމާ އިމާމު އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވާ މި 4 ސަބަބުވެސް ގުޅިފައިވަނީ އެމީހަކާއިއެވެ. ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާއަށް އޮތީ ދިރިއުޅެވޭ ގޮތާއި ކުރެވޭ ޢަމަލުތައް އަވަހަށް އިޞްލާޙްކޮށްލުމެވެ.

ފަތިސް ނަމާދަށްފަހު ޛިކުރުތައް ކިޔައިލާށެވެ! ޤުރްއާނުން މިންވަރެއް ކިޔަވައިލާށެވެ! ނިދިވަރުބަލިކަން ހުރިނަމަ އިރުކޮޅަކު ނިދައިލުމަށްފަހު ތެދުވެ އަވަހަށް މަސައްކަތްފަށާށެވެ. ހެނދުނު ނުނިދުމަކީ އެއީއެވެ.

މުޅި ދުވަހުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނީ ނަމާދުތަކަށް ރައްކައުތެރިވުމަށެވެ. ހަމައެއާއިއެކު ކަންނެތްނުވެ ހީވާގިކަމާއިއެކު ރިޒުޤްހޯދުމަށާއި އާޚިރަތް ލިބިގަތުމަށް މަސައްކަތްކުރާށެވެ. ޢާޚިރަތް ލިބިގަތުމަށް މަސައްކަތްކުރުމަކީވެސް ރިޒުޤް ތަނަވަސްކޮށްދެއްވަވާ ކަމެކެވެ. (ރިޒުޤް ހޯދަން މަސައްކަތްކުރަމުން)

ޚިޔާނާތްތެރިވުމުގެ މާނަ އެހައި ހަނިނުކުރާށެވެ! ދެމަފިރިން އެކަކު އަނެކަކަށްވެސް ޚިޔާނާތްތެރިނުވާށެވެ! އެއީވެސް ކުރެވޭ ފާފައެކެވެ. އަދާކުރާ ވަޒީފާއަށްވެސް ޚިޔާނާތްތެރިނުވާށެވެ. މިޘާލަކަށް ބަލިނުވަނީސް ބަލިވެއްޖެ ކަމަށްބުނެ މަސައްކަތު ނުގޮސް ނުހުންނާށެވެ. އެއީވެސް ކުރެވޭ ފާފައެކެވެ. ފާފަކުރުމަކީ ދިރިއުޅުމުގައި ބަރަކާތް ނުލައްވަވާ ސަބަބެކެވެ.

އަހުރެން ބުނީތީވެސް މިމަގުން ނިކަން މަސައްކަތްކޮށްބަލާށެވެ! އެމީހަކަށް ރިޒުޤް ތަނަވަސްކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން