ފުރަތަމަ ކަމަކީ އެއްވެސް މީހަކަށް އަނެކާއަށް ދެރައެއް ނުދެވޭނެ ކަމެވެ. މީހަކު އެފަދަ ކަމެއް ކުރިނަމަވެސް އެކަން މެދުވެރިވާނީ ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ. އެޙާލަތުގައި ތިބާއަށް ދެ ފުރުޞަތެއް ލިބިގެންދެއެވެ. އެއީ އެނުބައިކަން ކުރި މީހާގެ ކިބައިން ތިބާއަށް ޤިޔާމަތް ދުވަހު ބަދަލު ލިބުމެވެ. ދެވަނަ ފުރުޞަތަކީ އެކަމުގެ ސަބަބުން ﷲ ތަޢާލާ ގެ ޙަޟްރަތަށް ކުއްތަންވާން މަސައްކަތްކުރުމުގެ ހިތްވަރު އިތުރުވުމެވެ. މި ދެ ފުރުޞަތަކީވެސް އެމީހަކަށް ދެއްވަވާ މަތިވެރި ނިޢުމަތެކެވެ.
ބުނަންހެއްޔެވެ! އަޚަކު އުޚުތަކު ތިބާއާއިމެދު ކިތަންމެ ގޯސްކޮށް ކަންކަން ކުރިނަމަވެސް އޭނާއަށް ދެރަގޮތެއް މިންވަރުން އެދި ދުޢާ ނުކުރާށެވެ! އަދި އެދިގެންވެސް ނުވާނެއެވެ. އެކަން އެގޮތަށް ކޮށްފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
އަޚަކު ވިޔަސް އުޚުތަކުވިޔަސް ކިތަންމެ ގޯސްކޮށް، ކިތަންމެ ނުބައިކޮށް ތިބާއާއިމެދު ކަމެއް ކުރިނަމަވެސް ކިތަންމެ ބޮޑު ގެއްލުމެއްދިން ކަމުގައިވީނަމަވެސް އޭނާއަށް ދެރަގޮތް މިންވަރުކުރައްވަވައި ނިކަމެތިކުރެއްވެވުން އެދި ދުޢާކުރެވޭނަމަ އެމީހަކު އެވަނީ އަހުރެމެން އެރަސޫލް ބޭކަލަކާއިމެދު ފަޚުރުވެރިވަމުން މިއަންނަ އަހުރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލްކަން ޤަބޫލުކޮށްގެނެއް ނޫނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާގެ އުންމަތަކުވެސް ނޫނެވެ.
މިހެން ބުނުމުން ގިނަ ބައަކު ނުވެސް ރުހޭނެއެވެ. ނަމަވެސް ދޭން އޮތް ނަޞޭޙަތަކީ އަޚަކު، އުޚުތަކު ތިބާއަށް ކިތަންމެ ބޮޑު ދެރައެއް ދިނަސް، ހިތްދަތިކުރުވިޔަސް އަދި ތިބާގެ ޙައްޤަކަށް އަރައިގަތަސް އޭނާއަށް ދެރަ ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާނުކުރާށެވެ. އެއިގެ ބަދަލުގައި ދެއަތް އުފުލައި ދުޢާކޮށްލާށެވެ! "މިއަޅާގެ އަޚާއަށް، އުޚުތާއަށް ތެދުމަގު ދައްކަވާނދޭވެ! އޭނާއަށް ހެޔޮ ރަހްމަތް ލައްވަޥާނދޭވެ!"
މިބަޔާންކުރީ އެ ޙާލަތުގަ ޢަމަލުކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށް ދެއްވަވާފައިވާ ގޮތެވެ. އެގޮތަށް ޢަމަލުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން އެއީ ޝައކުވެސއް ކުރަންޖެހޭނެ ކަމެއް ނޫނެވެ.
މިޘާލަކަށް ތަރިކަ ބަހާއިރު، ދުނިޔެއިން ބިންކޮޅެއް، ނުވަތަ ލިބެންއޮތް ފައިސާކޮޅެއް ގެއްލުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ހަމަޤައިމުވެސް އެއްވެސް މީހަކަށް ތިބާ ސުވަރުގެ ދާން ކުރި އަޅުކަމެއް އަތުލައެއް ނުގަނެވޭނެއެވެ. އެއްވެސް މިންވަރެއް އުންޏެއްވެސް ނުކުރެވޭނެއެވެ. ޛައްރެއްގެ މިންވަރުވިޔަސް އުނި ނުކުރެވޭނެތެވެ. އަދި ކިއެއްތަ ތިބާއަށް ލިބަންޖެހޭ އެއްވެސް ހައްޤަކަށް ހުރަސް އަޅައިފިނަމަ ޤިޔާމަތް ދުވަހުން އެބައި ޖަމާވެގެންދާނީ ތިލަފަތުން ތިބާއަށް ފައިދާކުރާނެ ކޮޅަށެވެ. އެކަމުން ކުރާބނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކް/ އިސްލާމީ ތިލަފަތުގެ ދަރުސަކުން