ޒަވާޖީ ޙަޔާތް ކުރިއަށް ގެންދާއިރު ދެމަފިރިން ޢަމަލުކުރަންޖެހޭ ޤާނޫނުގެ މާއްދާ 101 އަށް ޢަމަލުކުރާ ދެމަފިރިއަކަށް އަބަދުވެސް އޮންނާނީ އުފާވެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޒަވާޖީ ޙަޔާތް ކުރިއަށް ގެންދާއިރު ދެމަފިރިން ޢަމަލުކުރަންޖެހޭ ޤާނޫނުގެ މާއްދާ 101 އަށް ޢަމަލުކުރާ ދެމަފިރިއަކަށް އަބަދުވެސް އޮންނާނީ އުފާވެރިކަން!

މިލިޔުން މިގެނެސްދެނީ ލޯބިން އެކުގަ ދިރިއުޅެވޭނެ ގޮތަކާއިމެދު ސުވާލުކުރާ ފަރާތްތަކަށެވެ. އެފަދަ ސުވާލުތައް އެކުރަނީ ލޯބިން އެކުގަ ދިރިއުޅެން ހުރަސްތައް ކުރިމަތިވާތީއެވެ. މިލިޔުމުގައި އެވަނީ އެހުރަސްތައް ނައްތައިލަން އެންމެ ފަސޭހަވެގެންދާނެ ގޮތެވެ. އިން ޝާ ﷲ  

ކޮންމެ ޤައުމެއްގެ ޤާނޫނު އަސާސީއަށް ބެލިނަމަވެސް ހުރިހާ މާއްދާތައް ބުރަދަނުގެ ގޮތުން އެއްވަރެއް ނުވާނެއެވެ. މާނައަކީ ކޮންމެހެން ޢަމަލުކުރުން މަޖުބޫރުވާނެ މާއްދާތަކަކާއި ކޮންމެވެސް މިނަވަރަކަށް ދޫދެވިދާނެ ކަންކަމާއި އެކުގައި ދޫދެވިދާނެ ކަންކަންވެސް ހުންނާނެއެވެ. އަދަބުލިބޭ ކަންކަމާއި ހަމައެކަނި ޖުރުމަނާއަކުން ނުވަތަ ނަބީޙަތަކުން ނިމޭ ކަންކަންވެސް ހުންނާނެއެވެ.  

މިގޮތުން ބަލައިފިނަމަ ދިރިއުޅުމުގައިވެސް ކަންކަން އޮތީ ހަމަމިމަގުންނެވެ. ކޮންމެ ދެމަފިރިއަކުވެސް ޢަމަލުކުރަންޖެހޭ ޤާނޫނު އަސާސީއެއްވެއެވެ. އެޤާނޫ އަސާސީގެ އެންމެ މުހިންމު މާއްދާ ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ. އެހެންވެ ހަނދާންކޮށްލައިދޭނަމެވެ.  

މިމާއްދާއަކީ ހުރިހާ ޙާލަތުގައިވެސް ޢަމަލުކުރުން މަޖުބޫރުވާނެ މާއްދާއެކެވެ. މިމާއްދާއަށް ޢަމަލުނުކޮށް ދޫކޮށްލައިގެންވާނެ އެއްވެސް ޙާލަތެއް ދިރިއުޅުމުގައި ބައްދަލުވިކަމަށް ދެކެގެން ނުވާނެއެވެ. އެންމެ ފަހަރަކު ނަމަވެސް ޢަމަލުނުކޮށް ދޫކޮށްލެވިއްޖެނަމަ ޤާތީ މުޅި ދިރިއުޅުން ފޭލްވުމާއިއެވެ. ވީމާ މިމާއްދާއަކީ ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އާއި ނާކާމިޔާބީ ގުޅިފައިވާ މާއްދާއެވެ.  

އެމާއްދާ:

މާއްދާގެ ނަން: ޖެހޭ މައްސަލަތައް ޙައްލުކުރުން 

މާއްދާ ނަންބަރު: 101- 

"101- ދިރިއުޅެމުން ދަނިކޮށް ދެމީހުންގެ މެދުގައި ކިތަންމެ ބޮޑު މައްސަލައެއް ޖެހުނަސް ދެމީހުންކުރެ އެކަކުވެސް ހިލޭ މީހެއްގެ ކިބައިން އުފާ ހޯދައިގެންނުވާނެއެވެ.

(ހ)އަދި އެފަދަ ގުޅުމެއްވެސް އުފައްދައިގެން ނުވާނެއެވެ.

(ށ)ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ޙައްލުކުރުމަކީ ދެމީހުންގެ ކަމެކެވެ.

(ނ) ކޮންމެ ދުވަހަކުވެސް ނިދަންވާނީ އެދުވަހަކު ޖެހުނު ހުރިހާ މައްސަލަތަކެއް ޙައްލުކޮށްފައެވެ. ކުށްވެރިވާނީ ޝަކުވާ ނުކުރި މީހެކެވެ. އެކަމުގެ އަދަބަކީ ވަރަށް ލޯބިން ހިނިތުންވެލައި ގައިގޯޅިވެލުމެވެ."  

އަޅުގަނޑަށް ވިސްނުނު ގޮތުގައި ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އެމައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުން ޙައްލުވެސް ކުރެވޭނެއެވެ. ޙައްލު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ މައްސަލަ ކޮނޑުޖަހައިގެން ނުކުމެ މީސްތަކުންގެ ކުރިމަތީގައި ބަހައްޓާކަމެވެ. އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ބައަކަށް ޙިއްޞާކުރެވޭކަމެވެ. އެކަންކަމުގެ ތެރެއިން ނުކުންނަ ނުބައި ކަންކަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންވެސް ޚިޔާލެއް އޮތްނަމަ ޙިއްޞާކޮށްލެއްވުން އެދެމެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން