ފާފަ ފުއްސަވައި ނުދެއްވަވާނީ ކާކުގެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ފާފަ ފުއްސަވައި ނުދެއްވަވާނީ ކާކުގެ؟

ފާފަ ފުއްސަވައި ނުދެއްވަވާނީ ކާކުގެ؟ މިއީ އަހުރެން އަމިއްލައަށް އުފެއްދި ސުވާލެކެވެ. ސުވާލު އުފެއްދީ "އަހުރެންގެ ފާފަތައް ފުއްސަވައި ދެވަވާނެތޯ؟" ސުވާލުކުރާ މީހުންނަށް ޖަވާބުދޭންވެގެންނެވެ. 

ޖަވާބަކީ ﷲ ތަޢާލާއީ ފާފަފުއްސަވައިދެއްވެވުމަށް ލޯބިވެވޮޑިގެންވާ އިލާހްއެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމަށް އެދި، ފާފަ ފުއްސަވައި ދެއްވެވުމަށް ދަންނަވައިފި ހަމައެކެއްގެވެސް ފާފަފަތައް ފުއްސަވައި ނުދެއްވަވައި ދޫނުކުރައްވަވާނެތެވެ! އެއީ ކީރިތި ޤުރްއާނުން އެނގި ޔަޤީންވާން އޮތް ކަމެކެވެ. 

ދެން މިދެނީ އަހުރެން އުފެއްދި ސުވާލުގެ ޖަވާބެވެ. ފާފަތައް ފުއްސަވައި ނުދެއްވަވާނީ ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް ނުއެދުނު މީހުންނަށް އެކަންޏެވެ. 

މީސްތަކުންނޭވެ! މީހަކު ﷲ ތަޢާލާއަށް ބިރުވެތިނުވާނަމަ ތައުބާވާން މަސައްކަތެއް ނުކުރާނެއެވެ! ވީމާ ހަމައެކަނި އެކަމަށް ވިސްނައިވެސް އެމީހާއާއި ދިމާއަށް ކުޑަމިސްބަސް ނުބުނާށެވެ! 

ހަނދާންކުރާށެވެ! ކިތަންމެ ގިނަ ފާފަތަކެއް ކުރެވޭ ފަހުން ނަމަވެސް މީހަކަށް އެކަން ވިސްނި ތައުބާވާން މަސައްކަތްކުރެވޭނަމަ އެކަމަށް އުފާކުރަންވާނެއެވެ. އަހަރެމެންގެ ހާލަތާއިމެދުވެސް ވިސްނައިލާށެވެ! އޭނާއަށް ކުރެވުނު ފާފަތައް އެނގެނީއެވެ. އަހަރެމެންނަށް ކުރެވުނު ފާފަތައް ނުއެނގެނީއެވެ. އެނގޭ ކަމަކީ ފާފަ ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެކަމެވެ. 

ފާފަކުރެވުމުން އެކަމާއިދެރަވެ ތައުބާވާން މަސައްކަތްކުރާނަމަ އޭނާއަކީ އީމާންތެރިއެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވެގެން ހުރި މީހެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވަނީ އޭނާކަމެއް އަހަރެމެންކަމެއް އެނގެނީ ކިހިނަކުން ހެއްޔެވެ؟ 

އެއްވެސް މީހަކު އިޞްލާޙްވުމަށް މަސައްކަތްކުރާނަމަ އެމީހާއަށް ކުރިން ކުރެވިފައިހުރި ފާފަތައް ހަނދާންކޮށް އޭނާއަށް ފުރައްސާރަ ނުކުރާށެވެ! އޭނާއަށް ހިތްވަރުދޭށެވެ! އިޞްލާޙްވާން މަސައްކަތްކުރާނަމަ އެކަން އަންގައިދެނީ އެމީހަކު ﷲ ތަޢާލާ ދެކެ ލޯބިވާކަމެވެ. އޭނާ އާއި އެކަލާނގެ ޙަޟްރަތާއި ގުޅުން އެބައޮތްކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން