ތިބާއަށް ﷲ ތަޢާލާ ތަނަވަސްކަން ނުވަތަ ފުދުންތެރިކަން ދެއްވެވީއެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ނުވަތަ ތިމާއަށް ބޭނުންވާ ތަކެތި ގަންނަން ޚަރަދުކުރާ ފަދައިން ﷲ ތަޢާލާގެ މަގުގައިވެސް ހޭދަކުރާށެވެ! އެއީ މީހަކު ކަމަކު އެދިގެން އައުމުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނުބާއްވާށެވެ! ﷲ ތަޢާލާގެ މަގުގައި ދީލަތިވުމަކީ އެއީއެވެ.
ވޮލެޓުގައި ގެންގުޅެނީ ހަމައެކަނި ކޭޝްކާޑު ކަމަށް ނުހަދާށެވެ. ކޮންމެވެސް މިންވަރެއްގެ ފައިސާކޮޅެއްވެސް ގެންގުޅޭށެވެ. ފަޤީރަކާއި ބައްދަލުވުމުން އެއްޗެއް ދިއްކޮށްލެވޭނީ އެއިރުންނެވެ. ތިބާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާ ފައިސާއިން ދުނިޔޭގައި އުފާވެރިކަން ލިބިދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު ފައިދާކުރާނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރިނަމައެވެ.
ވިސްނާލަންވީ ކަމަކީ ދުނިޔޭގެ ބޭނުންތަކަށް އެދުވަހު ހޭދަކުރި 1000 ޑޮލަރުން ދުނިޔޭގައި ލިބުނު އުފާވެރިކަމަށްވުރެ ނިކަމެތި ފަޤީރަކަށް ދިއްކޮށްލެވޭ އެންމެ ޑޮލަރެއްގެ ސަބަބުން އާޚިރަތް ދުވަހު ދެއްވަވާ ޘަވާބުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެ ކަމެވެ.
ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ދުނިޔޭގެ އުފާތަކަށް އެއިން މިންވަރެއް ޚަރަދު ނުކުރަން ބުނަނީއެއް ނޫނެވެ. މިބުނަނީ އެއިން މިންވަރެއް އާޚިރަތަށްޓަކައި ހޭދަކުރަންޖެހޭނެ ވާހަކައެވެ.
ގޮތް ބަލަންވެސް ނިކަން ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވައިފިނަމަ ކޮންމެ ދުވަހަކުވެސް އޭނާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާވަރަށްވުރެ ގިނައިން ﷲ ތަޢާލާގެ މަގުގައި ތިމާގެ އާޚިރަތަށްޓަކައި ހޭދަކޮށްބަލާށެވެ! ﷲ ތަޢާލާ އެމީހާގެ ތަނަވަސްކަން އިތުރުކުރައްވަވާ މިންވަރު ފެނިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން