ސަމާލުވެބަލަ! އެންމެ ގާތް އެކުވެރިކަމާ އިތުބާރަކީ ބައިވެރިޔާ ޖަހައިގަންނަ ސަބަބުކަމަށް ގިނަ ބައަކު ހަދައިފި! ތަބަކަކަށްލާފަ ބައިވެރިޔާ ނުދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ސަމާލުވެބަލަ! އެންމެ ގާތް އެކުވެރިކަމާ އިތުބާރަކީ ބައިވެރިޔާ ޖަހައިގަންނަ ސަބަބުކަމަށް ގިނަ ބައަކު ހަދައިފި! ތަބަކަކަށްލާފަ ބައިވެރިޔާ ނުދީބަލަ!

ކައިވެނި ރޫޅޭ ގިނަ ބައެއްގެ ކިބައިން ލިބޭ އެއްޝަކުވާއަކީ އެންމެ ގާތް އެކުވެރިޔާގެ ޝަކުވާއެވެ. އެއެކުވެރިޔާ ތިމާގެ ބައިވެރިޔާ ޖަހަގަތީ ކަމުގެ ޝަކުވާއެވެ. އެކަމުގެ ތަފްޞީލް އަޑުއަހައިނިމޭއިރު ގިނަ ފަހަރު ޙަޤީޤަތަކަށްވެފައި އޮންނަނީ ތަބަކަކަށްލާފައި އެކުވެރިޔާއާއި ބައިވެރިޔާ ޙަވާލުކުރެވޭ ކަމެވެ. އެތަބަކުގެ ނަމަކަށް އެންމެ ގާތް އެކުވެރިކަމާއި އިތުބާރުވެސް ކިޔައިފާނެއެވެ.  

ބައެއް މީހުންނަށް ވިސްނޭ ގޮތުގައި ކައިވެނި ފެށެނީ ކައިވެނީގެ ރަސްމިއްޔާތުންނެވެ. އެއީވެސް ފެށުމެކެވެ. އެކަމަށް ދެކޮޅު ހަދާކަށް ނެތީމެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެއީ މާމުއިހަނދުގެ ރަސްމިއްޔާތުގެ ފެށުން ކަމަށް ބެލުން މާބުއްދިވެރިވާނެއެވެ.  

ޙަޤީޤަތުގައި ކައިވެނި މިފެށެނީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭ ހިސާބުންނެވެ. އެކަން ޙައްލުކުރަން ޢަމަލުކުރެވޭ ގޮތުންނެވެ. ދުއްވަމުންދާ ބޯޓަކަށްބަލާށެވެ. ކަނޑުމަޑުނަމަ ބައެއް ކައްޕިންނަށް އެދުވަހު ދަތުރުކުރެވޭކަންވެސް އިޙްޞާޞެއް ނުކުރެވޭނެއެވެ. ދަތުރުކުރެވޭކަން އިޙްޞާޞް ކުރެވޭނީ ކަނޑުގަދަވުމުންނެވެ.  

މިވާހަކަ ބުނެވުނީތީ އެހެންވާހަކައެއްވެސް ބުނެލާނަމެވެ. އެއީ ކަނޑުމަޑުވެ ދަތުރު އަމާންވީމާ ބައެއް ކައްޕިން ވަރަށް ފަރުވާކުޑަކޮށްލާނެއެވެ. ހުންގާނުވެސް އެހެންމީހަކާއި ހަވާލުކޮށްފައި އެހެންކޮންމެވެސް ކަމެއްގައިވެސް އުޅެފާނެއެވެ. އެހެން އުޅެނިކޮށް ސިއްސައިގެންދާނީ ބޯޓު ފަރަކަށް އުރުނީމައެވެ. ބައެއްފަހަރު ފުންކުރެވޭނެއެވެ. އަނެއްބައިފަހަރު ފުން ނުކުރެވޭނެއެވެ. ދެން ޖެހޭނީ ހުރިހާ މުދަލަކާއިއެކު ބޯޓުދޫކޮށްލާފައި ފައިބާށެވެ.  

މިކަން އަމިއްލަ ދިރިއުޅުމާއި ނިކަން ގުޅުވައިލަބަލާށެވެ. އަނބިމީހާ އެއްވެސް ޝަކުވާއެއް ނުކޮށް މަޑުން ހުންނަނަމަ ގިނަ ފިރިން ވަރަށް ގިނަ ފަހަރު އިހްމާލްވާނެއެވެ. މާބޮޑު ފަރުވާލެއް ނުބަހައްޓާނެއެވެ. އަނބިމީހާގެ ކަންކަން ކޮށްދޭން ގާތް މީހުންނާއި ވެސް ޙަވާލުކުރާނެއެވެ. ޙަވާލުކޮށްލާފައި އޭނާ އުޅޭނީ އެހެން ދުނިޔެއެއްގައެވެ.  

އެހެން އުޅެއުޅެ ހުއްޓައި ކުއްލިއަކަށް ފެންނާނީ އަނބިމީހާ ވަރިއަށް އެދޭތަނެވެ. ޚަބަރުބަލައިލާއިރު ސަބަބަކަށްވެފައި އޮންނާނީ ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް، އެހެން މީހަކާއި ޙަވާލުކުރުމުގެ ނަތީޖާ އެވެ. (ދިވެހިބަހުން ބުނާނަމަ ތެޔޮނާށި ކާޅު ޖަހައިގަތީއެވެ.)  

ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ އެއްކަމަކީ ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭން މެދުވެރިއަކާ ޙަވާލުނުކުރުމެވެ. އެކަން ނުކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރު އޮންނާނީ ހިތާމަވެރި ގޮތްތައް މެދުވެރިވެފައެވެ.  

"ޙަޤީޤަތުގައި ކައިވެނި މިފެށެނީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭ ހިސާބުންނެވެ. އެކަން ޙައްލުކުރަން ޢަމަލުކުރެވޭ ގޮތުންނެވެ." މިހެން މިބުނާ ސަބަބަކީ ކޮންމެ ކައިވެންޏެއްގައިވެސް ކޮންމެވެސް ހިސާބަކުން ކޮންމެވެސް ވަރެއްގެ މައްސަލަތައް ޖެހޭނެއެވެ. ވީމާ އެންމެ މުހިންމީ އެހިސާބުން ޢަމަލުކުރެވޭ ގޮތެވެ.  

އެހާލަތުގަި ފަރުވާކުޑަކޮށްލެވިއްޖެނަމަ، ނުވަތަ އަޅައި ނުލެވިއްޖެނަމަ ލޯބިން އެކުގައި ދިރިއުޅެން ވަރަށް އުނދަގޫވާނެއެވެ. ގިނަ ފަހަރު އޮންނާނީ ފޭލްވެފައެވެ. ވީމާ ޒަވާޖީ ޙަޔާތް އުފަލުގައި ހޭދަކުރަން ނުވަތަ ދިރިއުޅުން ކާމިޔާބުކުރަން އެދޭނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ މަރުޙަލާއަކީ މިއީއެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން