ކައިވެނި ރޫޅިއްޖެނަމަ ދެން ރަނގަޅު ބައިވެރިއަކު ނުލިބޭނެކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލޭނެ ކަމެއް!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކައިވެނި ރޫޅިއްޖެނަމަ ދެން ރަނގަޅު ބައިވެރިއަކު ނުލިބޭނެކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލޭނެ ކަމެއް!: ޑރ. ޔާސިރު ޤާޟީ

ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވަނީ ބާރުގަދަ މީހާކަމަށް އޮތް ބަސްފުޅުގެ މާނައަކީ ހަމައެކަނި ގައިބާރުގަދަވުން ކަމަށް ނުދެކޭށެވެ. ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމަކީވެސް ހަމަ ބާރުގަދަވުމެވެ. ތަޤްވާވެރިކަމުގައި ކުރިއަރައި ދިއުމަކީ ބާރުދެރަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ކައިވެނީގައި އުފަލުގައި ހުންނައިރުވެސް ތަޤްވާވެރިކަމުގައި ކުރިއަރައިދާން ގަދައަޅައި މަސައްކަތްކުރާށެވެ. 

ދިރިއުޅުމުގައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެވެސް ހުނަރެއް ލިބިގެންވާ މީހަކަށްވުމަށެވެ. ހުނަރު ލިބުމުން ޙާޞިލުކުރަން ބޭނުން ލަނޑުދަނޑިތައް ޙާޞިލްކުރަން މަސައްކަތްކުރާށެވެ. 

މަސައްކަތް ފަށަންވާނީ އިސްތިޚާރާކޮށް، ދުޢާކޮށް، ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެމުންނެވެ. މަސައްކަތް ފެށުމަށްފަހު ހުރަހެއް ކުރިމަތިވިނަމަވެސް އަމާން ނުދޭށެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ނަމަވެސް ކުރިއަށްދާން މަސައްކަތްކުރާށެވެ. 

އެކަމަކުވެސް ތިބާ ފޭލްވީއެވެ. ސަބަބުތަކެއް ކުރިމަތިވެ ކުރިއަށް ނުދެވުނީއެވެ. އެ ޙާލަތުގައިވެސް މިއީ ތިމާގެ މުސްތަޤްބަލަށްވެސް އޮތްގޮތަކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއްވެސް ފޭލްވާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ފޭލްވުން ގުޅުވަންވާނީ ހަމައެކަނި މާޒީއާއިއެވެ. މުސްތަޤްބަލާއި އުޅުވައިގެން ނުވާނެއެވެ. އެހެނީ މުސްތަޤްބަލުގައި ވާން އޮތްގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ދެން މިވާހަކަ ޒަވާޖީ ޙަޔާތާއި ގުޅުވައިލަމާ ހިނގާށެވެ. ތިބާއަށް މީހަކު ދެކެ ލޯބިވެވުނީއެވެ. ނުވަތަ މީހަކު ލޯބިހުށަހެޅީއެވެ. އިސްތިޚާރާކޮށް ކައިވެނިކުރީއެވެ. ކައިވެނި ސަލާމަތްކޮށް ކައިވެނީގައި ދެމިހުންނަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރީއެވެ. އެހެންކަމާއިއެކުގައިވެސް ކައިވެނި ފޭލްވީއެވެ. 

އެހިސާބުން ދެން ތިމާއަށް ރަނގަޅު ބައިވެރިއަކު ނުލިބޭނެ ކަމަށް ނުވަތަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަމަށް ނުވެސް ވިސްނާށެވެ. މާދަމާ ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. މުސްތަޤްބަލުގައި ލައްވަވާނެ ރަޙްމަތް ދެނެވޮޑިގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއެވެ. 

އަހުރެމެންނަށް އޮތީ މާދަމާ ކަންކަން ވާނެ ގޮތް ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. މިކަން ޤަބޫލުނުކޮށް "ދެން ތިމާއަށް ރަނގަޅު ގޮތެއް މެދުވެރިނުވާނެކަމަށް" ޤަބޫލުކޮށްފި މީހަކަށް ﷲ ތަޢާލާ ރުހިވޮޑިއެއް ނުގަންނަވާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ރަނގަޅު ގޮތެއް މެދުވެރި ނުވެވެސް ހިނގައިދާނެއެވެ. އެއީ މުސްތަޤްބަލުގައި ވާނެ ގޮތް އެނގޭކަމަށް ޤަބޫލުކުރީތީއެވެ. 

ޔަޤީންކުރާށެވެ! ކިތަންމެ ރަނގަޅަށް އުޅޭ މީހެއްގެ ކައިވެނިވެސް ރޫޅިދާނެއެވެ. އެއީ މާބޮޑު ކަމެއް ކަމަށް ނުދެކޭށެވެ. ދެން ދެއްވަވާ ދިރިއުޅުން މާއުފާވެރިވާނެކަމަށް ޔަޤީންކޮށްގެން އިތުރު ބައިވެރިއަކާއިއެކު ދިރިއުޅެން ފަށަން މަސައްކަތްކުރާށެވެ. އެއިރުން އެމީހާއަށް އެކަން ހިންމަވައި ދެއްވަވާނެތެވެ. މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. މާއުފަލުގައި އުޅެވޭނެތެވެ. އިން ޝާ ﷲ

 

- މަޢުލުމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން