ޢިބްރަތްތެރި ވާހަކަ: އަޅުގަނޑުގެ ކޮޓަރިން ފެނުނު ޢަޖައިބެއްފަދަ ހަރުފަ- ފިރިމީހާ މަރާލަން ހެދި ސިޙުރު ބޭޒާރުވެ ފިރިމީހާގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވި ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޢިބްރަތްތެރި ވާހަކަ: އަޅުގަނޑުގެ ކޮޓަރިން ފެނުނު ޢަޖައިބެއްފަދަ ހަރުފަ- ފިރިމީހާ މަރާލަން ހެދި ސިޙުރު ބޭޒާރުވެ ފިރިމީހާގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވި ސަބަބު!

އަޅުގަނޑަކީ ކުޑައިރުންސުރެ ނަމާދުކޮށް ޤުރްއާން ކިޔަވާ އަންހެނަކީމެވެ. އެއީ އެންމެ ކުޑައިރުންސުރެ މަންމަ އެކަމަށް ވަރަށް ބޮޑަށް ބާރުއަޅައި އެގޮތުގައި ތަރުބިއްޔަތުކުރީތީއެވެ. މާތް ﷲ އަށް ޙަމްދުކުރާ ޙާލު ހުރިހާ ޝުކުރެއް މަންމައަށެވެ. 

ކައިވެނިކުރުމަށްފަހުގައިވެސް ދިރިއުޅެމުން އައީ އެގޮތުގައެވެ. އެއްވެސް ބަދަލެއް ނުގެންނަމެވެ. ފިރިމީހާ އާއިއެކު އިރުކޮޅަކު ނިދާފައި ތެދުވެ ރޭއަޅުކަންކޮށް ޤުރްއާން ކިޔަވަމެވެ. އެންވެ ވަރަށް ފަސޭހައިން ކޮންމެ 10 ދުވަހަކުން ޚަތިމެއް ކުރެވެއެވެ. 

ކައިވެންޏަށް 2 އަހަރުވާން އޮތީ ވަރަށް ގާތްވެފައެވެ. ޢާންމުކޮށް އަޅުގަނޑު ނިދަނީ އެނދުގެ ފާޚާނާއާއި ވީފަޅީގައެވެ. އެއީ ފާޚާނާއަށް ވަންނަން ފަސޭހައަކަށެވެ. އެކަމަކު އެރޭ އެފަޅީގައި އޮތީ ފިރިމީހާއެވެ. 

ރޭއަޅުކަންކޮށް ނިމިގެން ދުޢާކުރަން އިންދާ ފެނުނީ އެދުކޮޅުން ހަރުފައެއްގެ ބޮލެވެ. އަޅުގަނޑު އެރޭ ނިދިފަޅިން ބާލީހާ ދިމާއިން ބޯހިއްލާލާފައި ބާލީހުގަ އަނގަޖަހަން އުޅެފަ ގެއްލުނީއެވެ. ހުރިހާ ބޮކިތަކެއް ދިއްލައިގެން ހޯދަހޯދައިވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. 

އެހިސާބުން ފިރިމީހާ ހޭލައްވާފައި ވީގޮތް ކިޔައިދިނީމެވެ. އޭނާ ފުރަތަމަވެސް ބާލީސްތަޅުވާލާފައި އުރަ ދަމައިގަތެވެ. އުރައިގެ އެތެރެއަށް ރަނގަޅަށް ބަލައިލުމުން ފެނުނީ ކުޑަކުޑަ ލޯކޮޅެކެވެ. ލޯކޮޅުގައި އަކައެއް ކުރަހައި އެއްޗެތިތަކެއް ލިޔެފައި ހުއްޓެވެ. ފިރިމީހާ އުރަ އެއާއިއެކު ފަތްޖަހާލާފައި ބުނީ އަތްނުލުމަށެވެ. އެބާލީސްވެސް އިހަށް ބޭނުން ނުކުރުމަށެވެ. 

އަނެއް ދުވަހު އޮފީހަށް ދިއައީ އެއުރަ އޮތް ގޮތަށް ހިފައިގެންނެވެ. އެއިގެ 3 ދުވަސްފަހުން ބުންޏެވެ. "އަހުރެންނަށް ގޯސްކޮށް ކަމެއް ކުރެވުނީ ކާކަށް ކަމެއް ނުއެނގެއެވެ. އެ ސިޙުރަކީ އަހުރެން މަރާލަން ހަދާފައި އޮތް ސިޙުރެކެވެ. ސީދާ އަހުރެންނަށެވެ. އެރޭ އެފަޅީގައި ނުނިދުނީ އަހުރެންގެ ސަލާމަތަށެވެ. އެކަން ކުރި މީހަކަށް ނުއެނގުނު ކަމަކީ ކޮންމެ މީހަކުވެސް މަރުވާނީ ޢުމުރުހަމަވީމައިކަމެވެ. މިހާރު ބަލަންވީ އެ ސިޙުރު އެއިގެ ތެރެއަށް ލެވުނު ގޮތެކެވެ. މިކަންކަން ރަނގަޅަށް އެނގެންދެން އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުދައްކާށެވެ. (އެއިރުވެސް ތިބީ ސިއްރުކޮށްގެންނެވެ.) 

ފަހުން ހުރިހާ ކަމެއްވެސް އެނގުނެވެ. ސިޙުރުހެދީ ގެއާއި ބިންކޮޅުގެ ދަހިވެތިކަމުގަ ދޮށީ ބޭބެއެވެ. އެހިސާބުން ކޯޓަށް ހުށަހަޅައިގެން ގެއާއި ގޯތި ދެބެއިންނަށް ބަހައިލީއެވެ. މައިންބަފައިން މަރުޥީމަވެސް އެކަން ނުކޮށް މަޑުކުރަމުން އައީ ދެބެއިން އެކުގައި އުޅެން ބޭނުންވާތީއެވެ. ބޭބެގެ ދަރިން ތިބުމުން ބަހައިފިނަމަ ބޭބެއަށް އުނދަގޫވާނެތީއެވެ.  

ފިރިމީހާ ބޭބެއަށް މާފުކުރިއެވެ. ނަމަވެސް ހިތް އެންމެ ސާފުކުރެވުނު ކަމެއް އަދިވެސް ޔަޤީނެއް ނޫނެވެ.  އެމީހަކު ކުރިކަމެއް އެމީހަކަށް ދޫކޮށްލައި ޙަސަދަވެރި ނުވުމަށް ވަރަށް ނަޞޭޙަތް ދިނީމެވެ.

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިމިލީ ސިޙުރު ހެދުން ޢާންމެވެފައިވާ މިންވަރު ބުނެލުމަށެވެ. ހަމަ އެކަކަށްވެސް އިތުބާރު ކުރެވެން ނެތްކަމަށް ބުނެލުމަށެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެފެނުނީ ހިޔަންޏެކެވެ. މާތް ﷲ ގެ ރުހިވޮޑިގަތުން އަޅުގަނޑުމެން ދެމަފިރިންނަށް އޮތީމާ ދެއްކެވި ކަމެކެވެ. ރޭއަޅުކަމުގެ ފައިދާއެވެ. އިތުރަށް ބުނާކަށް ނެތީމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން