ސުވަރުގެ ވަންނަން އެދޭމީހާއަށް އެއީ ޙާޞިލުކުރަން ބުރަކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސުވަރުގެ ވަންނަން އެދޭމީހާއަށް އެއީ ޙާޞިލުކުރަން ބުރަކަމެއް ނޫން!

ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ސުވަރުގޭގެ ދޮރުކޮޅުތައް ވަނީ ހުޅުވިގެންނެވެ. 8 ދޮރުކޮޅުވެއެވެ. ބޭނުން ދޮރުކޮޅަކުން ވަންނަންވީއެވެ. އެއީ ވަކިމީހަކަށް ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ. 

އަހުރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ސުވަރުގެ ދާން ނުވަތަ ސުވަރުގެ ލިބެން ބޭނުންވާނެ މީހެކެވެ. އެންމެ ކުޑައރުވެސް މީހަކު ސުވާލުކޮށްފިނަމަ ތިމަންނާ ދާން ބޭނުންވާ ތަނަކީ ސުވަރުގެ ކަމަށް ބުނާނެއެވެ. ނަމަވެސް ސުވާލަކީ އެއީ ހަމަ ތިބާގެ ނިންމުން ހެއްޔެވެ؟ ނުވަތަ މައިންބަފައިންގެ ކިބައިން ދަސްވެފައި ހުރި ބަސްތަކެއް ބުނެލަނީހެއްޔެވެ؟ 

ސުވަރުގެ ދިއުމަށް ނިންމައި ޢަޒުމްކަނޑައަޅައިފިނަމަ އެކަމަށް މަސައްކަތްކުރުމަކީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ކުރަން އޮތް މަސައްކަތެއް ނޫނެވެ. އެމަސައްކަތަކީ ތިމާ ސުވަރުގެދާން ނިންމާ ހިސާބުން ކުރަން ފަށަންޖެހޭ މަސައްކަތެކެވެ. 

އެއްވެސް ޙާލެއްގައި އެއީ މާގިނަ ކަންތައްތަކެއްވެސް ނޫނެވެ. އަދި ކުރަން މާބުރަ މަސައްކަތްތަކެއްވެސް ނޫނެވެ. ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ ޢަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. އެއީ ކުރަން އެންގެވި ކަންކަން ކުރުމާއި ނުކުރަން އެންގެވި ކަންކަން ނުކޮށް ހުރުމެވެ. 

އެންމެ މުހިންމު ކަމަކީ ފަރުޟުނަމާދުތަކަށް ރައްކައުތެރިވުމެވެ. އެހެނީ އާޚިރަތް ދުވަހުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ނަމާދުކުރުމެވެ. ހަމައެއާއިއެކު ބުނެލަން ބޭނުންވަނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވެ މުސްލިމަކަށްވުމަށްފަހުގައި ނަމާދުނުކޮށް ހުންނަ މީހާއަކީ ސުވަރުގެދާން ބޭނުންވާ މީހެއް ކަމަކަށް ނުބެލެވޭނެއެވެ. އެހެނީ ޤަޞްދުގައި ނަމާދު އަޅައިގެން ހުންނަ މީހާއަކީ މުސްލިމުންގެ ތެރޭގައި ހިމެނޭނެ މީހެއް ނޫނެވެ. 

މިބުނި ބަސް އެއީ ތެދުބަހެއްކަން ސާބިތުކުރަން މާގިނަ ދަލީލުތަކެއް ދައްކާކަށްވެސް ނުޖެހޭނެއެވެ. "އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އެޅުން"ކަމަށް އޮތް ބަސްފުޅުން ދަލީލު ލިބި ނިމިގެންދާނެއެވެ. ވީމާ ސުވަރުގެ ދިއުމަކީ ތިމާގެ ޢަޒުމް ކަމަށް ކަނޑައަޅާ ހިސާބުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާންޖެހޭނެއެވެ. ފަރުޟު ނަމާދުތަކަށް ފުރިހަމަ ގޮތުގައި ރއްކައުތެރިވެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން