މާދަމާ މާއުފާވެރިވާނެކަމުގެ ޔަޤީންކަމުގަ ހުންނަ އެކަކުވެސް ނިކަމެތި ނުކުރައްވަވާނެ! ކިޔަމަންތެރިވެ ދުޢާކުރިވަރަކަށް ލައްވަވާ ރަޙްމަތް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މާދަމާ މާއުފާވެރިވާނެކަމުގެ ޔަޤީންކަމުގަ ހުންނަ އެކަކުވެސް ނިކަމެތި ނުކުރައްވަވާނެ! ކިޔަމަންތެރިވެ ދުޢާކުރިވަރަކަށް ލައްވަވާ ރަޙްމަތް ބޮޑުވާނެ!

މުސްލިމުންނަކީ އަބަދުވެސް އުފަލުން ބެވެން އޮތް ބައެކެވެ. ސަބަބަކީ އެއްވެސް ކަމެއް ނުވެގެން ކަންބޮޑުވުމެއް ނެތެވެ. ﷲ އިރާދަކުރައްވަވާނީ އެންމެ ރަނގަޅަށެވެ. އެންމެ ހެޔޮ ގޮތެވެ. އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. 

ކިތަންމެ ދަތިޙާލެއްގައި މިއަދު ދިރިއުޅެންޖެހުނު ނަމަވެސް މާދަމާއަކީ އުފާވެރި ދުވަހަކަށްވާނެ ކަމުގެ އުންމީދު އެންމެ ހިނދުކޮޅަކަށްވެސް ކަނޑާލައިގެން ނުވާނެއެވެ. ﷲ ތަޢާލާއީ މީސްތަކުން ހީވެސް ނުކުރާ ވަގުތުތަކުގައި ހިތްފުރެންދެން ނިޢްމަތްތައް އޮއްސަވައިލައްވަވާ ރަސްކަލާނގެއެވެ. 

އަތްމަތި ދަތިވެގެންވެސް މާޔޫސްނުވާށެވެ! މާދަމާއަކީ ތަނަވަސްދުވަހަކަށްވެދާނެއެވެ. އެކަލާނގެ މީހަކަށް ރިޒްޤް ތަނަވަސްކޮށްދެއްވަވަންވުމުން އެކަން ހުއްޓުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމަ ހީވެސް ނުކުރެވޭހައި ގޮތްގޮތުން ރިޒުޤް ތަނަވަސްކުރައްވަވައި ދެއްވަވާނެތެވެ! ތަޅުލެވިފައި ހުރި ހުރިހާ ދޮރުތަކެއް ހުޅުއްވަވައިލަ ދެއްވަވާނެތެވެ! 

ދަތިޙާލަތު މެދުވެރިވުމުން ކަންބޮޑުވެވެނީ އެޙާލަތުން ސަލާމަތްވެވޭނެ މަގު އަހަރެމެންނަށް ނުފެންނާތީއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ އަހަރެމެން އެކަމާއިމެދު ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ! 

އަހަރެމެން ކުރަން އޮތް ހަމައެކަނި ކަމަކީ ކޮންމެ ޙާލެއްގައިވީނަމަވެސް ﷲ ތަޢާލާއަށް ވަކީލުކޮށްގެން ތިބެ ހެޔޮ އަމަލުކުރުން ގިނަކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ. ތިމާއަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމުގެ ޔަޤީންކމުގައި ހުންނަ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ޚުލާޞާއަކީ މިއަދުގެ ޙާލަތަށް ކަންބޮޑުނުވެ މާދަމާ މާއުފާވެރިވާނެކަމުގެ ޔަޤީންކަމުގައި ހުންނަ އެކަކުވެސް ނިކަމެތި ނުކުރައްވަވާނެކަމާއި ކިޔަމަންތެރިވެ ދުޢާކުރިވަރަކަށް ލައްވަވާ ރަޙްމަތް ބޮޑުވާނެ ކަމެވެ.

 

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން