ބައެއްފަހަރު ވުޟޫކުރަމުންގޮސް ނިމެން ކައިރިވެފައި ހުއްޓައިވެސް ބައެއް ގުނަވަންތަކުގައި ފެންޖެއްސުނުކަމާއިމެދު ޝައްކު އުފެދެއެވެ. އެހެންވެ އަލުން ވުޟޫކުރަން ފެށެއެވެ. މިގޮތަށް ތަކުރާރުވެސް ކުރަންޖެހެއެވެ. ތަކުރާރުކުރަން ހަދައިގެން ޖަމާއަތްފެށޭއިރުވެސް މިސްކިތަށް ނުއެރިފައި ހުންނަން އެބަޖެހެއެވެ. މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ؟
ފުރަތަމަ ކަމަކަށް ތިއަކަމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. ވުޟޫކުރަން ފަށަމުން އަޢޫޛްކިޔައި ބިސްމި ކިޔާށެވެ. އަޢޫޛް ކިޔުމުގެ ބޭނުމަކީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމެވެ.
ދެވަނަ ކަމަކަށް ފަހަރެއްގައި ގުނަވަނެއްގައި ފެންނުލެވޭކަން ހަނދާންވިޔަސް އަލުން ފަށާނެކަމެއް ނެތެވެ. ތިރީގައިވާ ބަސްފުޅަށް ޢަމަލުކުރާށެވެ!
ވުޟޫކުރާއިރު ގުނަވަންތަކުގައި ފެންޖައްސަންވާނީ ތަރުތީބުންނެވެ. ތަރުތީބު އޮޅިއްޖެކަމަށް ޝައްކުވެއްޖެނަމަ އެންމެފަހުން ފެންލެވުނުކަން ޔަޤީންކުރެވޭ، ގުނަވަނުން ފެން ފެންނަންހުރި ގުނަވަނާއިހަމައިން ފަށާށެވެ!
ކޮންމެ ގުނަވަނެއްގައި ފެންލާއިރުވެސް ވީހައި ރަނގަޅަކަށް ފެންޖައްސަންވާނެއެވެ. އަވަސްއަރުވާލައިގެން ފެންލާން އުޅެން ހަދައިގެން ގުނަވަނުން ބައެއްގައި ފެން ނުޖުއްސި ހުރެއްޖެނަމަ ވުޟޫ ޞައްޙައެއް ނުވާނެއެވެ.
އަތާއި ފައަށް ފެންލާއިރު ދެ އިނގިލި ދޭތެރޭގައި އަތްހިންގައި ފެންޖެހުނުކަން ކަށްވަރުކުރަންވާނެއެވެ.
----ޝައިޚް ޢާޞީމް އަލް-ޙަކީމް