ދީނާ މީސްތަކުން ކައިރިކުރުވަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އޮތީ ބޮޑެތި ނަޞޭޙަތް ދިނުމެއް ނޫނެވެ. ހިނިތުންވެ ހުރެ އެމީހުންނާއި ބައްދަލުކުރާށެވެ! އަދި ހެޔޮބަހެއް ބުނާށެވެ! އެމީހުންގެ ގާތުގައި ނަމާދުކުރަން ބުނަން ޖެހިލުންވާނަމަ ނުބުނާށެވެ! ނަމަވެސް ތިބާ ނަމާދުކުރާތަން އެމީހަކަށް ދައްކާށެވެ. ކުދިންނާއިމެދުވެސް ޢަމަލުކުރަން އޮތީ ހަމަ މިގޮތެވެ.
ދަރިންނަކީ ނަމާދުކުރާ ބައަކަށް ހަދަން ބޭނުންވާނަމަވެސް ފުރަތަމަ ކަމަކަށް މައިންބަފައިން ނަމާދުކުރާތަން ދަރިންނަށް ދައްކާށެވެ. ހަމައެކަނި ނަމާދުކުރާތަނެއްވެސް ނޫނެވެ. އެންމެ ބޮޑަށް ސަމާލުކަންދޭ ކަމަކީ ނަމާދުކުރުންކަން ދަރިންނަށް ޤަބޫލުކުރެވޭވަރަށް ޢަމަލުން އެކަން ދައްކާށެވެ/
ކުޑަ މިޘާލެއް ބުނެފާނަމެވެ. ބައްޕަ ގޭގައި ހުއްޓައި ނަމާދު ވަޤުތު ޖެހޭނަމަ ބަންގިގޮވުމުގެ ކުރިއަށް ތއްޔާރުވެގެން ގޮސް މިސްކިތުގައި ހުންނާށެވެ. ދަރިން ކުޑަކަމުން ނުގެންދެވޭނަމަވެސް ދަރިން ގާތުގައި މިދަނީ ނަމާދަށްކަން ބުނެފައިދާށެވެ. ދަރިން މިސްކިތަށް ގެންދެވޭވަރުވުމުން ގޮވައިގެން މިސްކިތަށްދާށެވެ.
އަދިވެސް ކުރަން ވަރަށް މުހިންމުކަމެއް ބުނެފާނަމެވެ. ބޭރުން އައިސް ގެއަށް ވަނުމާއިއެކު ދަރިންނަށް އަޑުއިވޭވަރަށް އަނބިމީހާ ގާތުގައި ނަމާދުކޮށްފިންތޯ ސުވާލުކުރާށެވެ! އަނބިމީހާވެސް ހުންނަންވާނީ ނަމާދުކޮށް، އާނއެކެވެ ބުނެވޭވަރަށް ތައްޔާރުވެގެންނެވެ. އެއިރުން ނަމާދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ އަދި އެންމެ މުހިންމު ކަންތައްކަން ދަރިންނަށް ވިސްނޭނެއެވެ.
ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތަށްބަލާށެވެ! މީސްތަކުންގެ މެދުގައި ކަމެއް ފަތުރަން ބޭނުންވެއްޖެނަމަ އެކަންކުރަން އެންމެ ފަސޭހަވާ ގޮތަކީ އެކަމެއް ކުރާތަން އެބައަކަށް ދެއްކުމެވެ. އެއީ ހެޔޮ ޢަމަލެއްނަމަ އެކަން ކުރަން މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުވާނެއެވެ. ނުބައި ޢަމަލެއްނަމަ އެކަމެއކުރަން ފަށާމީހުންގެ ޢަދަދު ގިނަވާނެއެވެ.
ޤަވާޢިދުން ނަމާދުކުރުމަކީ ވަރަށް ހީވާގިމީހުންނަށް ކުރެވޭނެ ކަމެކެވެ. އަދި ފަރުވާތެރިކަމާއިއެކު ނަމާދުކުރެވޭނީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ އަދި ބިރުވެތިވާ މީހުންނަށެވެ. ވީމާ އެންމެ ކުޑައިރުންސުރެ ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ވަރަށް ބޮޑަށް ލޯބި އުފައްދުވަން މަސައްކަތްކުރަންވާނެއެވެ. އަދި ބިރުވެތިކަން އުފައްދުވަންވެސް މަސައްކަތްކުރަންވާނެއެވެ. މިކަންކަމަކީ ބޮޑެތިވުމުން ކުރަން އެހައި ފަސޭހަ ކަންކަމެއް ނޫނެވެ.
ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނޭވެ! ނިކަން މިބުނި މަގުން މަސައްކަތްކުރަން ފަށައިބަލާށެވެ! ނަމާދުކުރަން ދަރިންގެ ހިތުގައި ޝައުޤުވެރިކަން އުފެދި އިތުރުވަމުން އަންނަތަން ފެންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން