ﷲ ތަޢާލާގެ ޙަޟްރަތުން ފިޔަވައި އެހެން ފަރާތަކުން ބަރަކާތް ހޯދަން އުޅުމަކީ ޝިރުކުގެ ތެރެއަށް ވެއްޓިގަނެވިދާނެ ނުބައި ޢަމަލެއް-

ކިޔުމަށް ހޭދަވާނީ 5މ 45ސ
ﷲ ތަޢާލާގެ ޙަޟްރަތުން ފިޔަވައި އެހެން ފަރާތަކުން ބަރަކާތް ހޯދަން އުޅުމަކީ ޝިރުކުގެ ތެރެއަށް ވެއްޓިގަނެވިދާނެ ނުބައި ޢަމަލެއް-

ޢާއިޝަތު ރަފާޙް ޢަލީ

 

عَنْ أَبِي وَاقِدٍ اللَّيْثِيِّ  قَالَ : خَرَجْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى حُنَيْنٍ وَنَحْنُ حُدَثَاءُ عَهْدٍ بِكُفْرٍ ، ولِلْمُشْرِكِينَ سِدْرَةٌ يَعْكُفُونَ عِنْدَهَا ، ويَنُوطُونَ بِهَا أَسْلِحَتَهُمْ يُقَالُ لَهَا : ذَاتُ أَنْوَاطٍ ، قَالَ : فَمَرَرْنَا بِالسِّدْرَةِ ، فَقُلْنَا : يَا رَسُولَ اللَّهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” اللَّهُ أَكْبَرُ ، إِنَّهَا السُّنَنُ ، قُلْتُمْ وَالَّذِي نَفْسِي بِيَدِهِ كَمَا قَالَتْ بَنُو إِسْرَائِيلَ : {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ }(الأعراف: 138 )، لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ

އަބޫ ވާޤިދު އައްލައިޘީ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އިސްލާމްވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ޙުނައިނަށް، ތިމަންބޭކަލުން ވަޑައިގެންނެވީމެވެ. މުޝްރިކުން، ބަރަކާތް ޙާޞިލުކުރުމުގެ ގޮތުން އެގަހުގެ ކައިރީގައި މަޑުކޮށްގެން ތިބުމަށާއި، ހަތިޔާރުތައް އެޅުވުމަށްޓަކައި، ‘ޛާތު އަންވާޠު’އޭ ކިޔޭ، ޚާއްޞަ ކުންނާރު ގަހެއް އެބައިމީހުންނަށް ވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެންފަހެ، އެކުންނާރުގަސް ކައިރިން ވަޑައިގަންނަވަމުން ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެބައިމީހުންނަށް ޛާތު އަންވާޠެއް ވާފަދައިން ތިމަންބޭކަލުންނަށްވެސް ޛާތު އަންވާޠެއް ހަމަޖައްސަވައި ދެއްވާށެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ﷲއަކްބަރު! އޭ ވިދާޅުވެ (ޙައިރާންވެވަޑައިގެން) ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެއީ (މަގުފުރެދިފައިވާ މީހުންގެ) ގޮތްތަކެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން ތިޔަބުނީ އިސްރާއީލުގެ ދަރީން ބުނިފަދައިންނެވެ. “އެބައިމީހުންނަށް އިލާހުންތަކެއް ވާފަދައިން ތިމަންމެނަށްވެސް އިލާހުންތަކެއް ލައްވައި ދެއްވާށެވެ. އެކަލޭގެފާނު(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ ޙައްޤުގޮތް ނޭނގޭ ބަޔެކެވެ." ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންވެސް ކުރީގެ މީސްތަކުންގެ ގޮތްތަކަށް ތަބަޢަވާނެތެވެ. 

މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި

1.އިންސާނާ ބައެއްފަހަރު ރަނގަޅު ކަމެއްކަމަށް ދެކޭ ކަމެއް، އޭނާއަށް ހީވަނީ އެކަމަކީ އޭނާ މާތްﷲއާ ގާތްކުރުވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެކަމަކީ އޭނާ މާތްﷲއާ ދުރުކުރުވާ ކަމަކަށް ވެދާނެއެވެ.

2.
މުސްލިމަކު ދީނުގައި ބުނުން އެކަށީގެން ނުވާ އެއްޗެއް އަޑުއިވުމުން، އަދި އަޖައިބުވާ ހިނދު، ތަސްބީޙަ ކިޔައި ތަކުބީރު ކިޔުން އެކަށީގެންވެއެވެ.

3.
ގަސްތަކާއި ހިލަތަކާއި އެނޫންވެސް ތަކެތިން ބަރަކާތް ހޯދުމަކީ ޝިރުކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ބަރަކާތް އެދެންވާނީ ހަމައެކަނި މާތްﷲގެ ޙަޟްރަތުންނެވެ.

4.ބުދުތަކަށް އަޅުކަންކުރުމުގެ ސަބަބަކީ އެތަކެތި މަތިވެރިކުރުމާއި، އެތަކެތީގެ ކައިރީގައި މަޑުކޮށްގެން ތިބުމާއި، އެތަކެތިން ބަރަކާތް ހޯދުމެވެ.

5.
ޝިރުކަށް ވާސިލުވާ ހުރިހާ ދޮރުތަކަކާއި މަގުތަކެއް ބަންދުކުރުން ވާޖިބުވެގެންވެއެވެ.

6.
ޔަހޫދީންނާއި ނަޞާރާއިން ކުށްވެރިކުރުމުގެ ގޮތުން އައިސްފައިވާ ނައްޞުތަކަކީ އަހަރެމެންނަށް ދެވިފައިވާ އިންޒާރުތަކެކެވެ.

7.
ޖާހިލިއްޔަ މީހުންނާއި ޔަހޫދީންނާއި ނަޞާރާއިންނާ އެއްގޮތްވުން މަނާވެގެންވެއެވެ. ނަމަވެސް އެކަމަކީ އަހަރެމެންގެ ދީނުގެ ތެރެއިން ކަމެއްކަން ދަލީލުން ސާބިތުވާ ކަންކަން މީގެ ތެރެއަކު ނުހިމެނެއެވެ.

 

މިއަދު އޮންލައިން