މުވައްޒިފުންގެ ޢިއްފަތްތެރިކަން ފޭރޭ މީހުންނާ އެކަން އަރާހަމަކޮށް މާބޮޑަށް ނިކަމެތިކޮށްލާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
މުވައްޒިފުންގެ ޢިއްފަތްތެރިކަން ފޭރޭ މީހުންނާ އެކަން އަރާހަމަކޮށް މާބޮޑަށް ނިކަމެތިކޮށްލާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ގޭގައި ގެންގުޅެން ގެނެވުނު ނޯކަރަށް ޞާޙިބް ފިރިހެން މީހާ ފެނުމުން ދިއައީ ބިރުން ތުރުއަޅައިގެންނެވެ. ބާރުބާރަށް ހިނގާފައި ގޮސް ބަދިގެ ތެރެއަށް ވަންތަން ފެނުމުން މެޑަމަށް ޙައިރާންކަމެއް ލިބުނެވެ. 

ފިރިމީހާ ކޮޓަރިއަށް ވަނުމުން ގޮސް ނޯކަރާއި ބައްދަލުކޮށް ސުވާލުކުރުމުން ފުރަތަމަވެސް އެދުނީ ވަޒީފާއިން ވަކިކޮށްދިނުމަށެވެ. ވަޒީފާއެއް ނުލިބި ސަލާންޖަހަމުން ހިނގަންޖެހުނަސް އެ ސާޙިބް މީހާ އާއި އެއްގެއެއްގައި އުޅެން ބޭނުން ނުވާކަމަށްވެސް ބުންޏެވެ. 

"މެޑަމްއެވެ. އަޅުގަނޑަކީ ގޭގޭގައި ނޯކިރީކުރަންޖެހޭނެ އަންހެނެއް ނޫނެވެ. އަހުރެން ވަޒީފާއަދާކުރީމެވެ. އެލްއެމް ކޮމްޕެނީގެ ސީނިއަރ މަޤާމެއްގައެވެ. ވަޒީފާއިން ވަކިވާންޖެހުނީ ތިއަމީހާއަށް ހަށިގަނޑު ނުދީގެންނެވެ. ވަކިކުރީ ވަގުބަދުނާމު އަޅުވައިފައެވެ. އެހެންވެ ރަނގަޅު ވަޒިފާއެއް ދޭނެ މީހަކު ނުވާތީ ގޭގޭގައި ނޯކިރީ މިކުރަނީ ބަލިޙާލުގައި އޮތް މަންމައަށް އެހީތެރިވެވޭނެ ގޮތެއް ނެތީމައެވެ. މިގޭގައި ހުރެއްޖެނަމަ އެފުރޭތަ އަހުރެން ކައިލާނެއެވެ." 

މެޑަމް ބުނީ ތިއަބުނަނީ ތެދެއްކަމަށްވާނަމަ އަހުރެން ބުނީތީވެސް މިގޭގައި މަޑުކުރާށެވެ. ފުރޭތަ ކައިލާނީ އަހުރެންނެވެ. މިކަމުގައި އަހުރެންނަށް އެހީތެރިވެދޭށެވެ. 

3 ވަނަ ރެއެވެ. ނޯކަރު ނިދަން އޮއްވާ ކޮޓަރި ހުޅުވައިގެން ވަދެ އޭނާގެ އަޞްލު ސިފަދައްކައިލިއެވެ. ވަޒީފާގެ ބިރު ދެއްކިއެވެ. ގަދަކަމުންވެސް ބޭނުން ކަމެއް ކުރާނެ ކަމަށްވެސް ބުންޏެވެ. އެހެން ބުނެފައި ގައިގައި އަތްލިތަނުން އަނބިމީހާ ވަދެފައި މިކޮޓަރީގައި ކުރަނީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީ ނޯކަރު ފައިސާގެ އެހީއަކަށް އެދޭތީ ކީއްކުރަންކަން އޮޅުންފިލުވާލަން ވާހަކަދައްކައިލީ ކަމަށެވެ. އެެހން ބުނުމުން އަނބިމީހާ ނުކުމެގެންދިއައީއެވެ. އޭނާވެސް ފަހަތުން ނުކުމެގެން ދިއައީއެވެ. 

އަނެއްރޭގެ ކެއުމަށް މެޑަމްގެ ބައްޕަ ގެނުވީ ފިރިމީހާއަށް އަންގައިވެސް ނުލައެވެ. ސިޓީންގރޫމްގައި ތިބެފައި މރޑަމް ބުންޏެވެ. "ބައްޕާއެވެ! އަހުރެން ފުރަތަމަވެސް ދެކޮޅުހެދީމެވެ. ނަމަވެސް ބައްޕަގެ އެންމެ އިތުބާރުކުރެވޭ މުވައްޒިފުކަމަށްވާތީ ބައްޕަ މަޖުބޫރުކުރުމުން ކައިވެނިކުރީއެވެ. އޭނާގެ ޙާލު ހުރި ގޮތް ޓީވީން ބަލައިލަމާ ހިނގާށެވެ!" 

ޓީވީ ހުޅުވައިލުމުން ފެނިގެންދިއައީ ކުރީރޭ ނޯކަރުގެ ކޮޓަރިއަށް ވަދެ ކަންކަން ކުރިގޮތެވެ. ޓީވީ ނިއްވާލާފައި ނޯކަރު ގެނެސް ސުވާލުކުރުމުން ކިޔައިދިނެވެ. "ޞާޙިބާއެވެ! ތިއަ ކުންފުނީގައި ރަނގަޅު އެއްވެސް މީހަކު ހަރުނުލަނީ މިފުރޭތައާއި ހުރެއެވެ. މިވެނި އެވެނި މުވައްޒިފުންނަށް ވަކިވާންޖެހުނީ ކީއްވެގެންތޯ ނިކަން ސުވާލުކޮށްބަލާށެވެ. އަހުރެންގެ ބޮލުގައި ވަގުބަދުނާމުއަޅުވާފައި ކަނޑައިލީ އަހުރެންގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. ކުށެއް އޮތިއްޔާ އެކުށަކީ މިފުރޭތައަށް ހަށިގަނޑު ނުދިނުމެވެ." 

ބައްޕަ ބުންޏެވެ. "އާދައިގެ ވަޒިފާއަކަށްވަނީމާ މަޤާމު މަތިކުރަމުން ގޮސް އެންމެ މަތިކޮށްފައި ހުރި ހަމައެކަނި އަންހެން ދަރިފުޅާއި ކައިވެނިކޮށްދިނީމާ ތިއަވީ ހަމަ ނޯކަރު އެބުނާފަދައިން ބޮޑު ފުރޭތައަކަށެވެ. މިވަޤުތުން ފެށިގެން ވަޒީފާއިން ވަކިކޮށްފީމެވެ. ކައިވެންޏާއިމެދު ގޮތް ނިންމާނީ ދަރިފުޅެވެ." 

އެހެން ބުނެފައި ނުކުމެގެން ދިއުމުން ދަރިފުޅު (މެޑަމް) ބުންޏެވެ. "ކޯޓުގައި މިވީޑިއޯ އާއި މިރޭ ނޯކަރު އދެއްކި ވާހަކައިގެ ވީޑިއޯ ދައްކަން ބޭނުން ނޫންނަމަ ހަމަ މިހާރު ވަރިކޮށްފައި ގެއިން ނުކުންނާށެވެ. އަންނައުނު ބަލައިވެސް ކޮޓަރިއަށް ވަންނާނެ ކަމެއް ނެތެވެ. ހުރިތަނަކަށް ފޮނުވާނަމެވެ. ކާރާއި ސައިކަލް ބަހައްޓާފައި ހިނގާފައިދާށެވެ. ކުންފުނީގެ ކާޑާއި އަހުރެން ދީފައި އޮތް ކްރެޑިޓްކާޑު މިހާރުވެސް އޮންނާނީ ބްލޮކްކޮށްފައެވެ." 

އޭނާ ރޮއިހޭރި ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އަހަން އަނބިމީހާ ބޭނުންނުވުމުން ޖެހުނީ ހުސްއަތާ ނުކުމެގެންދާށެވެ. 

ނޯކަރަށް އޮފީހުގެ އިސްވަޒީފާއެއްދިނުމުގެ އިތުރުން މެޑަމްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބަލައިގަތެވެ. 

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ވީޑިއޯގެ ޙަޤީޤަތާއިމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ޔަޤީންވާ ކަމަކީ މިފަދަ ކަންކަން ހިނގަމުންދާ ކަމެވެ. މުވައްޒިފުންގެ ޢިއްޒަތް ފޭރޭ ބޮހުންނަށް ކަރުނައަޅަންޖެހޭ ކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން