ދުޢާކުރުމާ ޛިކުރުކުރުމަކީ މުޅިންތަފާތު ކަމެއް! ޛިކުރުކުރުން ގިނަކުރުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދުޢާކުރުމާ ޛިކުރުކުރުމަކީ މުޅިންތަފާތު ކަމެއް! ޛިކުރުކުރުން ގިނަކުރުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ސަބަބެއް! އިން ޝާ ﷲ

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޛިކުރުކުރުމާއި ދުޢާކުރުމަކީ އެއްކަމެއް ކަމަށެވެ. ޛިކުރުކުރާނަމަ އެއީ ދުޢާކުރެވުނީކަމަށް ވިސްނޭ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއީ ތަފާތު ދެކަމެކެވެ.

ޛިކުރު ކުރުން:

ޛިކުރު ކުރުމަކީ ﷲގެ ނަންފުޅު ގަތުމެވެ. އެއިލާހު ހަނދުމަ ކުޅައުމެވެ. އެއިލާހަށް ޙަމްދު ކުޅައުމެވެ. ހަމައެހެންމެ ކީރިތި ރަސޫލާ ޝައްލަﷲ ޢަލައިހި ވަސައްލަމައަށް ޞާލަވާތް ކިޔެވުމަކީވެސް ޛިކުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެންމެ މަތިވެރިވެގެންވާ ޛިކުރުކުރުމަކީ ޤުރްއާން ކިޔެވުމެވެ.

މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. 

]فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ[ 

މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ! (ބަޤަރާ: 152)  

ދުޢާ ކުރުން: 

މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. 

]وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ [ 

މާނައީ: އޭ މީސްތަކުންނޭވެ! ތިމަން އިލާހަށް އަޅުވެތިވެ ތިބެ ޝުކުރުވެރިކަމާއި ކިޔަމަންތެރިކަމާއެކު ދުޢާ ދަންނަވާށެވެ! ތިމަން އިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ބައްލަވައި ވޮޑިގަންނަވަމެވެ. އަދި ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގަތުމާއެކު ތިޔަބައިމީހުންގެ ފާފަ  ފުއްސަވައި ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. ދެންނެވުމާއި މުރާދުތައް ފުއްދަވައި ދެއްވާހުށީމެވެ. (އަންފާލު: 33)  

ޚުލާޞާ: ޛިކުރުކުރުމަކީ ﷲ ތަޢާލާ ހަނދުމަކުރުމެވެ. ﷲ ތަޢާލާ މަތިވެރިކުރުމެވެ. ދުޢާކުރުމަކީ އެމީހަކު އެދޭ ކަމެއް ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.   

ވީމާ ކަމަކަށް ބޭނުންވުމުން ތިމާ ޛިކުރުކުރާތީ ދުޢާނުކޮށް ހުރުމެއް ނެތެވެ. ޛިކުރުކުރުމުން އެމީހަކަށް ދެއްވަވާ ޘަވާބާއި ދަރުމައާއި ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ ހަމައެފަދައިން ދުޢާކުރުމުން އެމިހާގެ ބޭނުންތައް ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ. އަދި އެއިގެ އިތުރުން ޛިކުރުކުރުން ގިނަކުރުމަކީ ދުޢާ ޢިޖާބަ ކުރައްވަވާނެ ސަބަބެއްކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން