ދެމީހަކު ކައިވެނިކޮށް އެކުގައި އުޅެމުންދާއިރު އަނެކާ ބޭނުންވާހައި ގޮތަކަށް ހުރިހާ ކަންކަމެއް ނުކުރެވިދާނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެއީ ހަމަ ދިމާވާނެ ގޮތެކެވެ. އެކަން ދެމީހުންވެސް ޤަބޫލުކުރަންވާނެއެވެ.
އެހެންކަމާއިއެކުވެސް ބައިވެރިޔާ އެދުނު ގޮތަށް ކަމެއް ކުރެވެން ނެތްޙާލަތުގައިވެސް އެކަމަށް މަޝްވަރާކުރަންވާނެއެވެ. އެކަން އެގޮތަށް ކުރެވެން ނެތް ސަބަބު ބުނެދީ އަނެކާގެ ހިތް ބުރަނުވާނެ ގޮތަށް އެކަން ނިންމަންވާނެއެވެ.
މައްސަލަ މިނުކުންނަނީ އަނެކާ އެދޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމުންނެވެ. އެއްވެސް ޙާލެއްގައި މިދައްކަނީ ބައިވެރިޔާ ބޭނުންވާ ވަރަށް އަތަށް ފައިސާ ދިނުމާއި ނުދިނުމުގެ ވާހަކައެއް ނޫނެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. މިދައްކަނީ ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަން އަނެކާ ހުށަހަޅާ ކަންކަމުގެ ވާހަކައެވެ. އެއީ އަތަށްދޭ ފައިސާ އާއި ގުޅުންހުރި ކަމެއް ނޫނެވެ.
ބައެއްފަހަރު ކަްނކަން މެދުވެރިވާ ގޮތަކީ ބައިވެރިޔާ ހުށަހަޅާ އެއްވެސް ކަމެއް ޤަބޫލުނުކޮށް އަނެކާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމެވެ. އެއިރުން ދުލުން ސީދާ ބަސް ނުބުނި ނަމަވެސް ޢަމަލުން އޭނާ އެބުނަނީ ބައިވެރިޔާ މުހިންމު ނޫން ކަމަށެވެ. އަދި ގިނަ ފަހަރު މިގޮތަށް ކަންތައް ކުރާނީ ބައިވެރިޔާ އާއިއެކު ކުރިއަށް ނުދާން ނިންމައިފައެވެ. ގާތީ އެހެން ގޮތެއްވެސް ހޯދާފައިވުމެވެ.
ޢަމަލުން މިބުނި ގޮތަށް ދައްކާ ބައިވެރިއަކު ބަދަލުކުރުވުމަކީ ވަރަށް މަދުން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އެޙާލަތުގައި ރަނގަޅުވާނީ ޒުވާބުކުރަން ވަޤުތު ނަގާނުލައި ތިމާވެސް އެހެން ދިރިއުޅުމެއް ހޯދަން މަސައްކަތްކުރުމެވެ. ނޫންނަމަ ވަކިވީކަން އަންގާ ވަޤުތު ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން