ﷲ ތަޢާލާ ފާފަ ނުފުއްސަވާނީ އެންމެ ކަމަކަށެވެ. އެއީ ޝިރުކުކުރުމުގެމަތީގައި މަރުވާ މީހާއެވެ.
ހަމައެއާއިއެކު ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ މީސްތަކުންނާއިމެދު ޙަސަދަވެރިކަން ހިތުގައި ލައިގެން ހުރުމެވެ. އެފަދ މީހުން ޞުލްޙަވަންދެން ނުވަތަ ޙަސަދަވެރިކަން ހިތުން ފިލުވައިލަންދެން އެމީހުންގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ ކަމަށް އެބައޮތެވެ.
ވީމާ އެއްވެސް މީހަކާއިމެދު ހަސަދަވެރިކަން ހިތުގައި ނުބާއްވާށެވެ. އެއީ ތިމާއަށް ކަނޑައެޅިގެން ގެއްލުންދޭން މަސައްކަތްކުރާ މީހަކު ނަމަވެސްމެއެވެ. އެފަދަ މީހަކު ހުރިނަމަ އެމީހަކާއި ދުރުހެލިވާށެވެ. އަދި ތިމާގެ ހިތުގައި އެމިހާއަށް ހަސަދަވެރިކަން ނުބާއްވާށެވެ!
މުއުމިނުންގެ ސިފައަކަށްވާންވީ އަނެކާ ތިމާއާއިމެދު ނުބައި ވާހަކަތައް ދައްކައި އެފަދަ ކަންކަން ކުރިނަމަވެސް އެމީހަކާއިމެދު ހަސަދަވެރިކަން ނުބޭއްވުމެވެ! ބައްދަލުވުމުން ހިނިތުންވެލާށެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާ ތިމާއަށް ހިތްހެޔޮކުރާނެ ކަމަށް އުންމީދުކުރާށެވެ!
ދެން ސުވަރުގެ ނުދެއްވަވާނެ ބައަކީ ބޮޑާ، ކިބުރުވެރި މީހުންނެވެ. އެއީ އަގުބޮޑު ހެދުންލައި ރީތިގެއަޅާ މީހުންނެއް ނޫނެވެ. އެއީ ތިމާއަކީ މާމޮޅު މީހެއްކަމަށް ދެކޭ މީހުންނެވެ. އެހެން މީހުންނަކީ ނިކަމެތިންކަމުގައި ހީކޮށް އެހެން މީހުންނަށް ދެރަ ގޮތަގޮތްގޮތަށް ކަންކަން ކުރާ މީހުންނެވެ.
ދެން ސުވަރުގެ ނުވައްދަވާނެ މީހުންނަކީ ދުނިޔަވީ ސަބަބުތަކަށްޓަކައި ރަޙިމުގެ ގުޅުން ކަނޑާ މީހުންނެވެ. ޙަރާމްކަމެއް ކުރަން ބުނުމުން އެކަމަށް ދެކޮޅު ހެދުމުން މައިންބަފައިން ނަމަވެސް ރުޅި އައުމަކީ އެމީހާގެ ކުށެއް ނޫނެވެ. ނަމަވެސް އެކަމެއް ނުކުރާނެ ކަމަށް ބުނަންވާނީ ރިވެތިބަހުންނެވެ. އެހާލަތުގައިވެސް އިޙްތިރާމް ކުރަންވާނީއެވެ.
ހަމައެއާއިއެކު އެއްވެސް ބިރެއް ނެތި އަބަދު މަސްތުވެގެން ހުރުމަކީ ވެސް ސުވަރުގެ ނުވައްދަވާ ކަމެކެވެ. ބައެއް މީޙުން ތައުބާވާން ޢަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކޮށް އަބަދު މަސްތުގެ ޙާލުގައި ތިބެއެވެ. މިއީ ވަރަށް ނުރައްކައުތެރިޙާލަތެކެވެ.
މިކަންކަމަށް ފަރުވާތެރިވާށެވެ! ތިމާއަކީ ސުވަރުގެ ނުވައްދަވައިފާނެ މީހަކު ކަމުގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އިންސާނުން ކަމުގައިވީތީ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވވުމަށް އަވަސްވެގަންނާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން