އެކުވެރިންގެ ގޮތުގައި ތިބެގެން ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ ފަދަ ކަންކަން ކުރަން ހިތްވަރުދީ އަދި ވާގިވެރިވާ މީހުންވެސް އުޅެއެވެ. އެފަދަ މީހުންނަކީ އެކުވެރިން ކަމުގައި ނުބަލާށެވެ! ޙަޤީޤީ ހަތުރުންނަކީ އެއީއެވެ.
ބައެއް މީހުން އެންމެ ބޮޑަށް ރުޅިއަންނަނީ ވަޒީފާގައި ކުރިއަށްދާން ހުރަސްއަޅާ މީހުން ދެކެއެވެ. އެކަމަކު އަހުރެން އެންމެ ބޮޑަށް ރުޅިއަންނަނީ ޢާއިލީ ދިރިއުޅުމަށް ގެއްލުންވެދާނެ ފަދަ ކަންކަން ކުރާ މީހުން ދެކެއެވެ. ސަބަބުވެސް ބުނެލާނަމެވެ. ވަޒީފާ ގެއްލިއްޖެނަމަ އެހެން ވަޒިފާއެއް ހޯދިދާނެއެވެ. ނަމަވެސް ޢާއިލީ ދިރިއުޅުން ހަލާކުވެއްޖެނަމަ އެއީ ފޫބެއްދޭނެ ގެއްލުމެއް ނޫނެވެ.
ޙަޤީޤީ އެކުވެރިންނަކީ ޢާއިލީ ގުޅުން ބަދަހިކުރުވަން ހިތްވަރުދޭ މީހުންނެވެ. އެކަމަށް އެހީތެރިވާ މީހުންނެވެ. ހަމައެއާއިއެކު ތިމާގެ އާޚިރަތް ލިބިގަންނަން މަސައްކަތްކުރަން ހިތްވަރުދޭ މީހުންނެވެ. މިދެކަންތަކުގައި އެހީތެރިނުވެ އެކަންކަމާ ދުރަށް ޖައްސުވަން މަސައްކަތްކުރާ އެއްވެސް މީހަކީ އެކުވެރިއެއް ނޫނެވެ. އެއީ ބޮޑު ހަތުރެކެވެ. އެންމެ ބޮޑު ހަތުރެކެވެ. އޮތީ އެއީ އެފަދަ މީހަކުކަން އެނގޭއިރަށް ވަޤުތުން ގުޅުން ކަނޑައިލުމެވެ. އެމީހަކާއި ދުރިހެލިވުމެވެ.
އެކުވެރިންނާއިމެދު ރަނގަޅަށް ވިސްނަންވާނެއެވެ. އެކުވެރިންނަކީ ކައިބޮއި ހެދުން ފަދައިން ކޮންމެ މީހަކަށްވެސް ބޭނުންވާ ބައެކެވެ. އެހެންވެ ފުރަތަމަވެސް މިބުނީ އެކުވެރިން ބޭނުންވާ ވާހަކައެވެ. ތިމާއަށް ގެއްލުންދޭނެ ހަތުރުންގެ ވާހަކައެއް ނޫނެވެ. މަދިރި ފަދައިން ހަށިގަނޑުގައި ހުންނަ ލޭފޮފު ބޮއެ ހުސްކުރާނެ މީހުންގެ ވާހަކައެއް ނޫނެވެ.
ތިމާ ކުރަން ބޭނުންވާހައި ކަންކަންކޮށް ދުނިޔޭގެ އުފާ ޙާޞިލުކުރަން ރުހިގެން އެކަންކަން ކުރުމަށް ތާއީދުކޮށްގެން ގާތުގައި ތިބޭ މީހުންނަކީ އެންމެ ގާތް އެކުވެރިންކަމުގައި ދެކެގެން ނުވާނެއެވެ. އެހެނީ އެމީހުންނަކީ ޙަޤީޤީ އެކުވެރިނަ ކަމުގައިވާނަމަ އެގޮތަކަށް ޢަމަލެއް ނުކުރާނެއެވެ.
އެކުވެރިން ބެއިތިއްބުމުގެ ބޭނުމަކަށް ހަދަންޖެހޭނީވެސް ތިބާގެ އުނިސިފަތައް އިޞްލާޙްކުރުމެވެ. ފާފަ ކުރުމާއި ދުރުހެލިކުރުވުމެވެ. އެކަންކަމަށް އެހީތެރިނުވާނަމަ އެމީހަކީ ޙަޤީޤީ އެކުވެރިއެއް ނޫނެވެ! ތިބާއަށް ހެޔޮއެދޭ މީހެއްވެސް ނޫނެވެ!
ވީމާ އެކުވެރިން ކަމުގައި ބަލައި ގާތުގައި ގެންގުޅެންޖެހޭނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށްދޭ މީހުންނެވެ. ކޮންމެ ކަމެއް ކުރަން އުޅުނު ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތް ހަނދާންކޮށްދޭ މީހުންނެވެ. ﷲ ތަޢާލާގެ ކޯފާއަށާއި ދެއްވަވައިފާނެ ޢަޛާބަށް ތިބާގެ ހިތުގައި ބިރުވެތިކަން އުފައްދުވަން މަސައްކަތްކުރާ މީހުންނެވެ!
މީސްތަކުން ތިބާ އާއިމެދު ނުބައި ވާހަކަ ދައްކައި ތިބާ ފަޟީޙަތްކުރާނަމަ އެފަދަ މީހުންގެ ކުރިމަތީގައި ތިބާގެ ޙައްޤުގައި ވަކާލާތުނުކުރާ މީހުންނަކީވެސް ތިބާއަށް ހެޔޮއެދޭ މީހުންނެއް ނޫނެވެ. ތިބާގެ ދިފާޢުގައި ޙައްޤު ބަސް ބުނަން ފަސްޖެހޭ މީހުންވެސް އެކުވެރިންގެ ގޮތުގައި ނުގެންގޫޅޭށެވެ!
ކޮންމެ މީހަކުވެސް އެކުވެރިން ބޭނުންވާނެއެވެ! ޤިޔާމަތް ދުވަހު ތިބާއަށް ފައިދާކުރާނީ މިބުނި މަގުން އެކުވެރިން އިޚްތިޔާރުކުރުމުން އެކަންޏެވެ.
--މުފްތީ މެންކުގެ ދަރުސަކުން