އަހުރެމެން ބޭނުންވެގެން މިއުޅެނީ ސުވަރުގެ ނޫންހެއްޔެވެ؟ ކަންބޮޑުވެގެން މިއުޅެނީ ފާފަކުރެވޭތީ ސުވަރުގެ ވައްދަވާނެ މަދު މީސްކޮޅުގެ ތެރޭގައި ތިމާ ނުހިމެނިދާނެތީ ނޫންހެއްޔެވެ؟ ވީމާ އެކަމަށް އޮތް ކަންބޮޑުވުން ފިލުވައިލަމާ ހިނގާށެވެ!
މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައަކީ އެމީހަކީ ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ އަދި ސުވަރުގެ ނުވައްދަވާނެ މީހަކު ކަމުގައިވުމެވެ. ވީމާ އެފަދަ މީހަކު ކަމުގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ!
ﷲ ތަޢާލާ ފާފަ ފުއްސަވާނީ ކޮންބައަކަށް؟ ތިމާގެ ފާފަތައް ފުއްސަވާނެތަ؟ މިފަދަ ސުވާލުތައް އަބަދުވެސް ހިތަށް ވަންނާނެއެވެ. އެއީ ތިމާގެ ފާފަތައް ﷲ ތަޢާލާ ނުފުއްސަވާނެ ކަމަށް ޝައިޠޯނާ ވަސްވާސްދޭތީއެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ފާފަ ނުފުއްސަވާނެ މީހަކު ނުހުންނާނެއެވެ. އަދި ކިތަންމެ ގިނައިން ފާފަ ކުރެވުނު ނަމަވެސް، ތައުބާވުމަށްފަހު އަލުން ފާފަ ކުރެވުނު ނަމަވެސް އެފާފަ އަލުން ނުކުރަން ޢަޒުމް ކަނޑައަޅައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ވެސް ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ﷲ ތަޢާލާ ފާފަ ނުފުއްސަވާނެ މީހަކު ނުހުންނާނެކަމަށް މިބުނަނީ ތައުބާވުމުން ކޮންމެ މީހެއްގެވެސް ފާފަތައްވެސް ފުއްސަވައި ދެއްވަވާނެތީއެވެ.
ފާފަކުރުމަށް އަހުލުވެރިވެފައިވާ މީހަކު ތައުބާވިނަމަވެސް އަލުން ހަމަ އެފާފަކުރެވުމަކީ އިންސާނީ ޠަބީޢަތެވެ. މާޔޫސްނުވާށެވެ! މިސާލަކަށް ބަރަހަނާ މަންޒަރު ބަލަން ދެވިހިފާފައިވާ މީހަކަށް އެކަން އަލުން އެކަން ކުރެވިދާނެއެވެ. ނަމަވެސް އެމީހަކު އެކަމުން ދުރުހެލިވާން ޤަޞްދުކޮށް ތައުބާވަމުން ގެންދާނަމަ އެކަން ކުރެވޭ މިންވަރުގެ ދޭތެރެ ދުރުވާން ފަށާނެއެވެ. އެއިރުން އެ ފެންނަން ފަށަނީ އެމީހާ ތައުބާވުމަށް ކުރާ މަސައްކަތުގެ ނަތީޖާއެވެ. ތައުބާވަމުން ގެންދާނަމަ ދޭތެރެ ދުރުވަމުން ގޮސް ފާފަ އެއްގޮތަކަށްވެސް ކުރާ ހިތް ނުވެ ދުރުހެލިވެވޭނެއެވެ. އެއީ އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެކެވެ.
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް އުފާކުރާނެ އެއް ބައަކީ، އެންމެ ކާމިޔާބު، އެންމެ ބޮޑެތި އުފާވެރިންނަކީ ފާފަތައް ކުރެވިފައިވީނަމަވެސް އުދުހެމުން ސުވަރުގެ ވަންނަ މީހުންނެވެ. އެއީ މިބުނި ފަދައިން ފާފައެއް ކުރެވޭއިރަށް ތައުބާވާ މީހުންނެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން