ބައެއް މީހުންނަށް ތަނަވަސްކަން ލިބުމުން ތިމާ އަމިއްލައަށް ޥާނަޖެހޭ ފަރުޟު ޙައްޖު ނުވެ އެހެން މީހުން ޙައްޖަށް ފޮނުވާ ބައަކު އުޅެއެވެ. އެއީ ދުނިޔޭގެ އުފާވެރިކަން އަދިވެސް އިތުރަށް ހޯދުމަށްފަހު ތައުބާވާން ޙައްޖަށްދާން ރާވައިގެން ތިބޭ ބައެކެވެ. ޙައްޖަށް ފޮނުވާ މީހުންގެ ގާތުގައި ތިމާއަށްޓަކައި ހެޔޮދުޢާ ކޮށްދިނުމަށްވެސް އެދެއެވެ.
ބަލަ ފުރަތަމަ އޮތީ ތިމާ ޙައްޖުވުން ނޫންހެއްޔެވެ؟ އެކަން ކުރެވެން އޮއްވައި ނުކޮށް ހުރެގެން ތިމާއަށްޓަކައި އެހެން މީހުން ލައްވައި ދުޢާކުރުވަން އުޅުމަކީ ކޮން ގޮތަކުން ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟
މީގަ އިތުރުން އެހެން ބާވަތެއްގެ ބައަކުވެސް އެބަ އުޅެއެވެ. އެއީ އެމީހާ ތައުބާނުވެ ފާފަކުރަމުން އެހެން މީހުންގެ ގާތުގައި އޭނާއަށްޓަކާ ހެޔޮދުޢާކޮށްދޭން ބުނާ ބައެކެވެ. މިހެން މިބުނަނީ ބައެއް މީހުން ތިމާއަށްޓަކައި ދުޢާކޮށްދޭން ބުނެފައި އެމީހަކު އެކުރާ ފާފައެއް ކުރުންމަތީގައި ދެމިތިބެއެވެ.
ބުނަންހެއްޔެވެ؟ އެއިރުން އެމީހުންނަށް އެކުރެވެނީ ﷲ ތަޢާލާއަށް ފުރައްސާރަކުރުމުގެ ޢަމަލެކެވެ. އެއީ ވަރަށް ނުރއްކައުތެރިކަން ބޮޑު ފާފައެކެވެ.
ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ފާފައެއް ކުރެވުމުން އެކަމަށް ބިރުވެތިވެވޭނަމަ އެއީ އެމީހެއްގެ ކިބައިގައި އީމާންކަން ހުރިކަމުގެ ޢަލާމާތެއް ކަމަށެވެ. ވީމާ ފާފައެއް ކުރެވުމުން ބިރުވެތިނުވެވޭނަމަ އެމީހެއްގެ ކިބައިގައި އީމާންކަން ނެތީކަމަށް ބުނެވިދާނެއެވެ.
އަހަރެންނާއި ބައްދަލުވި އެއް އަޚަކީ ކޮންމެ ހަފްތާ ބަންދެއްގައި ފާފަކުރުމުގެ ނުބައި އާދަ އަށަގެންފައިވާ މީހެކެވެ. އޭނާ ގާތު ފާފަކުރުން ހުއްޓާލަން ބުނުމުން ބުނީ ދުޢާކޮށްދޭށެވެ! ޖަވާބުގައި އަހަރެން ބުނީމެވެ! "ތިއައީ ކާކަށް ކުރާ ފުރައްސާރައެއް ހެއއްޔެވެ؟ އަހަރެންނަށްހެއްޔެވެ؟ ތިބާގެ އަމިއްލަ ނަފްސަށް ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާއަށް ހެއްޔެވެ؟ އެއީ އަހަރެން ގާތު ދުޢާކޮށްދޭން ބުނުމުން އަހަރެން ދުޢާކުރި ނަމަވެސް ތިބާ ފާފަކުރާނަމަ އެކަން ހުއްޓޭނީ ކިހިނަކުން ހެއްޔެވެ؟"
މީސްތަކުންނޭވެ! ދުޢާކުރުމަކީ ކުރަންޖެހޭ ކަމެކެވެ! އަދި އކުވެރިންނަށްޓަކައި ކޮށްދޭންވެސް ޖެހޭ ކަމެކެވެ. ނަމަވެސް ޤަބޫލުކުރަންވީ ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެ ކަމެވެ. އެކަމެއް ޙާޞިލުކުރަން ތިމާ މަސައްކަތްވެސް ކުރަންޖެހޭނެ ކަމެވެ. ވީމާ ތިމާގެ ކިބައިގައި ހުންނަ އުނިސިފައެއް އިޞްލާޙްކުރަން، ނުވަތަ ކުރެވޭ ފާފައެއް ކުރުން ހުއްޓާލަން ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެއެވެ. އެކަމަސް އެދިގެން މަސައްކަތްކުރަންވެސް ޖެހޭނެއެވެ.
ކުރެވޭ ކޮންމެ ނުބައިކަމެއް ކުރުމުންވެސް ސަލާމަތްވެވޭނެއެވެ. އޮތީ ހިތްވަރާއިއެކު މަސައްކަތްކުރުމެވެ. މަސައްކަތް ކުރަމުން ދުޢާކުރާނަމަ އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން