ދީނަށް ޢަމަލުކުރިކަމަށްވާނީ ކޮންގޮތަކަށް ޢަމަލުކުރީމަކަން އެނގެން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދީނަށް ޢަމަލުކުރިކަމަށްވާނީ ކޮންގޮތަކަށް ޢަމަލުކުރީމަކަން އެނގެން އެބަޖެހޭ!

މިއަދު ގިނަ ބައަކު ބުނާނެއެވެ. "އިސްލާމް ދީން މިދަނީ ބަލިކަށިވަމުންނެވެ. ކަފިކަފިވަމުންނެވެ." ރަނގަޅަށް ބަލައިފިނަމަ އެގޮތަށް އެބުނާ ބަހުގައިވެސް ޙަޤީޤަތްތަކެއްވެއެވެ. މައްސަލަތަކެއް އެބަހުއްޓެވެ. އެބަހުގައި ބުރަދަނެއްވެސް އެބަހުއްޓެވެ. 

ސަބަބަށް ބަލައިލަމާ ހިނގާށެވެ! ދީން އޮތް ގޮތަށް އެބައޮތެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް މީސްތަކުން މިހަދާ ގޮތަކީ ދީން ފޮތިފޮތިކުރަނީއެވެ. ކޮންމެ މީހަކު އެމީހަކަށް ބޭނުންވާ ތަންކޮޅު ނަގާފައި އަނެއްބައި ދޫކޮށްލަނީއެވެ. 

އެގޮތަށް ބައަކު ކަންކަން ކުރިނަމަވެސް ދީނުގެ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. އަދި ނުވެސް އަންނާނެއެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ދީން އެންމެ ފުރިހަމަ ގޮތުގައި ދެމިއޮންނާނެއެވެ. ވަރަށް ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. 

ﷲ ތަޢާލާ ވަނީ ކޮންމެ މީހެއްގެ މައްޗަށްވެސް ކޮންމެ ދުވަހަކު 5 ނަމާދުކުރުން ފރުޟުކުރައްވަވައިފައެވެ. ފަތިސް ނަމާދުން ދުވަސް ފަށަން ގަދަ އަމުރުން އަމުރުފުޅު ކުރައްވަވައިފައެވެ. 

އެހެންކަމާއިއެކުވެސް ފަތިސްނަމާދުން ދުވަސް ފެށެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ފަރުޟު ފަސްނަމާދު އަދާއަށް ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބަންގިގޮވުމުން އަވަހަށް ގޮސް މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

މިފަދަ ހުރިހާ ކަންކަމަކުންވެސް އެނގިގެން މިދަނީ މީސްތަކުންގެ ކަންކަން ހުރިގޮތެވެ. މިޘާލަކަށް ކިތަންމެ ގިނަ ބައަކު ދުވާލަކު 3 ނަމާދުކުރިއްޔާ ފަރުޟު ކުރައްވަވާފައިވަނީ 5 ނަމާދު ނޫންކަމަށް ހެދިދާނެހެއްޔެވެ؟ 

އަދި ނަމާދު ފިޔަވައި ދެންހުރި ކަންކަމުގައިވެސް ވަނީ ހަމަ މިފަދަ ގޮތަކަށެވެ. ކޮންމެ ކަމަކުންވެސް މީސްތަކުންގެ ގިނަ ބައަކު ޢަމަލުކުރަނީ ކުޑަކުޑަ ތަންކޮޅަކަށެވެ. އެމީހަކު ބޭނުން ތަންކޮޅަކަށެވެ. ދެން އޮތްބައި ދޫކޮށްލަނީއެވެ. 

އާދޭސްކޮށްފައި ބުނަމެވެ. ދީނުގެ ކޮންމެ ކަމެއްގައިވެސް އެކަމެއް އޮތް ގޮތަށް ބަލައިގަންނާށެވެ! ބައިބައިނުކުރާށެވެ! ފޮތިފޮތި ނުކުރާށެވެ. އެކަން ކުރަން ހުއްދަކުރައްވަވާފައެއް ނެތެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ކޮންމެ ކަމެއްވެސް ދީނުގައި އޮތްމަގުން ކުރުމުންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދީނަށް ޢަމަލުކުރުމުންނެވެ. ސުންނަތުން ފެންނަންހުރި ކަންކަމަށް ފަރުވާތެރިވެގެންނެވެ. ދީނަށް ޢަމަލުކުރުމަކީ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ކުރަން ދީނުގައި އޮތް ގޮތަށް އެކަމެއް ކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުންން

މިއަދު އޮންލައިން